މުގާބިލާ - 13

(3 ޖަނަވަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އަހަންނަށް ކަލޭގެ އެހީތެރިކަން ބޭނުންވޭ." ރިޟްވާންގެ އަޑުގައި ހުރީ އާދޭހުގެ އަސަރެވެ.

"ކަލެއަށްޓަކައި އަހަރެން ފުރާނައިން ގުރުބާންވާންވެސް ފަހެއް ނުޖެހޭނެކަން ކަލެއަށް ރަނގަޅަށް އެނގޭނެ. އެކަމަކު ފުރަތަމަ ވެގެން އުޅޭ ގޮތެއް ނިކަން ސާފުކޮށް އަހަންނަށް ކިޔައިދީ."

ނުބުނެ ވޭތޯ ރިޟްވާން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު ސުލައިމާން ދުލެއް ނުކުރިއެވެ. އެންމެ ފަހުން މަޖުބޫރު ވެގެން ރޯދަމަހުގެ ކުރީން ބޭއްވުނު ސިއްރު ބައްދަލުވުމުގެ ވާހަކަ ތަފުސީލުކޮށް ކިޔައިދީފިއެވެ. "މިހާރު އެމީހުން އަހަންނަށް ފާރަލަމުން އެބަ ގެންދޭ. އެމީހުން ކޮންމެ ކަމެއްވެސް ކޮށްފާނެ."

"ތިޔަ ވާހަކަ ކިޔައިދޭން އެނގުނީ މިހާރުތަ؟" ސުލައިމާންގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ. "ކަލޭ ތިޔަ ހުންނަނީ އެއީ ހައްދު ފަހަނައަޅައިފައިވާ މީހުން ކަމަށް ގަބޫލުކޮށްގެންތަ؟"

"އެއީ ދެން ކޮން ބައެއް؟"

"މޮޔަޔާ. އެމީހުން އެ ނުރައްކާތެރި ހަމަލާގައި ބައިވެރި ވިއްޔާ އެއީ މުސްލިމުންނެއް ނޫން. އާފާޤް ދެއްކެވި ވާހަކަ އަޑެއް ނާހަމުތަ؟"

"އެމީހުން ކޮންމެ ކަހަލަ ބަޔަކަށް ވިޔަސް އަހަންނަށް ކުރެވޭނީ ކޮން ކަމެއް؟"

"އެންމެ ފުރަތަމަ ފުލުހުންނަށް އެންގިނަމަ..."

ރިޟްވާންގެ ދެލޯ  ބޮޑުވިއެވެ. ލޮލުން ފައުޅުވަނީ ބިރާއި ހައިރާންކަމެވެ. "މޮޔަވީތަ؟ އެމީހުން އަހަންނަށް ފާރަލަނީ ތިޔަ ކަހަލަ ކަމެއް އަހަރެން ކުރޭތޯ ބަލަން ވެގެން. ފުލުހުންނަށް އަންގާނަމޭ ހިތަށް އަރުވައިލިޔަސް އެމީހުން އަހަރެން މަރައިލާނެ."

"މުއުމިނަކަށްވެ ހުރެ ކަލޭ މަރުދެކެ ބިރު ގަންނަނީތަ؟ މި މަސް ފެށުނީއްސުރެ މަރުވަމުން އެދާ މުސްލިމުންނާ މެދު ވިސްނައެއް ނުލަމުތަ؟ މިސްކިތްތައް ލެއިން ކަޅި ކުރަމުން ދާތީ ފިކުރު ބޮޑެއް ނުވޭތަ؟ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންގެ ބޮލަކަށް ނުވަދޭ." ސުލައިމާންގެ ގާތަށް ރުޅި އަތުވެއްޖެއެވެ.

"އަހަރެންގެ ހިތް ރޮއި ނަގަނީ. ލޭކަރުނަ އަޅަނީ. އެކަމަކު އަހަންނަކަށް ކުރެވޭނޭ ކަމެއް ނެތް."

"ކަމެއް ނުކުރެވޭންވީ ކީއްވެގެން؟ ފުލުހުންނަށް އެންގިނަމަ މި ހިނގައި ދިޔަ ކަންތައް ނުހިނގީސްކަން ނޭނގޭ."

"ފުލުހުންގެ ގޮތް ކަލެއަށްވެސް އަދި އަހަންނަށްވެސް އެނގޭ."

"އާނ. އެކަމަކު އަމިއްލަ ޒަމީރަށް ތިޔަހައި ބޮޑު ބުރައެއް އުފުލާން ޖައްސަނީ ކީއްކުރަން؟"

"އެއީ ވަރަށް ނުރައްކާތެރި ބައެއް. އެމީހުންގެ ސިކުނޑި ފުރިފައި ހުންނަނީ ނިރުބަވެރި ޚިޔާލުން."

"އަނެއްކާ ހަމަ އެ ވާހަކަ..." ސުލައިމާން އޭނާޔާ ދިމާއަށް ކަޅި އަޅައިލިއެވެ. "މަރު ދެކެ ބިރު ގަންނަނީ ކީއްވެގެން؟ ކޮންމެ މީހަކުވެސް މަރު ވާނެ. މަރުގެ ވަގުތު އޮންނަނީ ކަނޑައެޅިފައި. އެއީ ﷲ ގެ ފަރާތުން އަންނަ އަމުރެއް. މިފަދަ ބަރަކާތްތެރި މައްސަރެއްގެ ތެރޭގައި... އަދި އަނެއްކާ އެފަދަ މަރެއް... އެ ވާނީ ޝަހީދުވުމަކަށް. ޝަހީދުވުމުގެ ފުރުސަތަކީ ނަސީބުވެރިންނަށް ލިބޭ ފުރުސަތެއް. އަހަރެން ކަހަލަ މީހަކަށް ކަލޭ ވެގެން ނުވާނެ. އަހަރެން ވާ ހައިރާންވެ އަންތަރީސް ވެއްޖެ. ކަލޭގެ އީމާންކަން ހާދަހާވާ ބަލިކަށްޓޭ."

"ދެން ބުނެބަލަ. އަހަންނަށް މި ގޭގައި ހުރެވިދާނެތަ؟"

"ތިޔައީ ކުރަން ޖެހޭ ސުވާލެއްވެސް ނޫން. ބޭނުންވާހައި ދުވަހަކު ހުރޭ. އެކަމަކު މިހާރު އަހަންނާއެކު ފުލުސް އޮފީހަށް ހިނގާ. ފުލުހުންނަށް ހުރިހައި ވާހަކައެއް ކިޔައިދޭނީ. މި ސަކަރާތްގަނޑު ހުއްޓުމަކަށް ގެންނާން އެބަ ޖެހެއެއްނު؟"

"މިއީ ނިމޭނޭ ކަމެއް ނޫން." ރިޟްވާން ހިތި ގޮތަކަށް ބުނެލިއެވެ. "އަހަރެން އަމިއްލައަށް މަރުވާކަށްވެސް ބޭނުމެއް ނޫން."

ސުލައިމާން އޭނާޔާ ދިމާއަަށް އިރުކޮޅަކު ބަލާން ހުރެފައި ބުންޏެވެ. "އެ މީހުންގެ ނަން އަހަރެން ގާތު ބުނޭ. އަހަރެން ކޮންމެވެސް ފިޔަވަޅެއް އަޅާނަން."

"ކަލޭ ކަމެއް ކުރިޔަސް ޝައްކުކުރާނީ އަހަންނަށް."

"ރިޟްވާން. ކޮންމެވެސް ކަމެއް ކުރާން އެބަ ޖެހޭ."

ރިޟްވާާން ތެދުވެއްޖެއެވެ. "އެންމެ ރަނގަޅު. އަހަރެން މި ގޭގައި ހުންނާކަށް ބޭނުމެއް ނޫން. ކަލޭގެ އެކުވެރިކަންވެސް ފެނި..."

"މިއީ ހަމަަ ކަލޭގެވެސް ގެ. އެކަމަކު އެ މީހުންގެ ނަން އަހަރެން ގާތު ބުނާން ވާނެ."

"އެކެއްގެ ނަމެއްވެސް ނުބުނާނަން."

"އެހެން ވެއްޖެއްޔާ ކަލެއަށް އެ މުޖުރިމުންނަކީ ކޮން ބައެއްކަން އެނގެޔޭ އަހަރެން ފުލުހުން ގާތު ބުނާާނަން. އޭރުން ފުލުހުން ކަލޭ ލައްވައި ބުނުވައިފާނެ." ސުލައިމާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

ރިޟްވާން ޔަގީންކަމެއްނެތް ގޮތަކަށް ސުލައިމާާނާ ދިމާއަށް ބަލައިލިއެވެ. "ރައްޓެއްސަކަށްވެ ހުރެ ކަންތައް ކުރާ ގޮތް ކިހައި ތާހިރު."

"ފިނޑި ސޮރާ. އަހަރެން ވާހަކަ މި ދައްކަނީ ރައްޓެސެއްގެ ހައިސިއްޔަތުން. ކަލެއަށް ހެޔޮ އެދޭތީ. ކަލޭ ސަލާމަތްވާން އޮތް ގޮތަކީވެސް އަހަރެން މި ބުނާ ގޮތް. އަހަރެން ހަދާނޭ ގޮތް މި ބުނީ. ކަލޭ ހަދާނޭ ގޮތެއް އެނގޭނީ ކަލެއަށް."

ރިޟްވާން ހާސްވެއްޖެއެވެ. މި ވަގުތު ސުލައިމާންގެ މައްޗަށް އޭނާގެ ހިތުގައި  އޮތީ ރުޅިވެރިކަމެވެ. އޭނާ އެއްޗެކޭ ބުނާން އުޅުނުތަނާ ދޮރު ހުޅުވައިފައި އެހެރަ ވަނީ ޢަދްނާނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ހުރީ ބަދަލުވެފައެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ހީވަނީ ގެއަށް އައީ ދުވެފައި ހެންނެވެ. ރިޟްވާނާއި ސުލައިމާނާ ދެމީހުން އޭނާޔާ ދިމާއަށް ބަލައިލިއެވެ. ސުވާލެއް ކުރުމުގެ  ކުރީން ޢަދްނާން ވާހަކަ ދައްކާން ފެއްޓިއެވެ. "މުޅިން ސަކަރާތް... ޚަރާބުން ޚަރާބު... ޝިޢީންގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި. އެތައް ބަޔަކު މަރު ވެއްޖެ. ޒަޚަމްވީ މީހުންވެސް ވަރަށް ގިނަ."

އެ ދެމީހުން އެކަކުއަނެކެއްގެ މޫނަށް ބަލައިލިއެވެ.

"އެކަމަކު އެނގޭތަ؟ ޒަޚަމްވީ މީހުން ހަސްފަތާލަށް ގެންދިއުމާއި ލޭ ދިނުމާއި ލޭ ހޯދުމުގެ ހުރިހައި ކަމެއް ކުރަމުންގެންދަނީ ޖަމާޢަތުލްމުސްލިމީންގެ މީހުން. މުޅި ތަނުން ފެންނަނީ އެކުވެރިކަމާއި އެއްބައެއްވަންތަކަން. ޒަޚަމްވީ މީހުންގެ ބަލަދުވެރީން އައި އިރުވެސް އެމީހުން އެތައް ކަމެއް ކޮށް ނިންމައިފި." ޢަދްނާން ބުންޏެވެ.

"ކަލޭ އަދިވެސް ބޭނުންވަނީ ހިމޭނުން ހުންނާންތަ؟" ސުލައިމާން ރިޟްވާނާ ސުވާލު ކޮށްލިއެވެ.

"މިއީ އެމީހުން ކުރިކަމަކަށް ނުވެ ވެސް ހިނގައިދާނެ."

"ތިޔައީ ފުލުހުން ކަނޑައަޅަން ޖެހޭ ކަމެއް. ކަލެޔަކާ ބެހޭ ކަމެއް ނޫން."

ރިޟްވާންގެ ޖެހިލުންވުމެއް އަދިވެސް ނުފިލައެވެ.

"ގޮތެއް ނިންމާ. ކަލޭ ބުނާނީ އަހަރެން ގާތުތަ؟ ނޫނީ ފުލުހުން ގާތުގައިތަ؟" ސުލައިމާންގެ ހިތަކު އެއްވެސް ރަހުމެއް ނެތެވެ.

"ރައްޓެއްސަކަށްވެ ހުރެ ކަލޭ އަހަންނަށް ޖައްސާން އުޅޭ ހާލު..." ރިޟްވާން ބޭނުންވީ ޝަކުވާ ކުރާށެވެ.

"ކުރިންވެސް ބުނެފިން. އަހަރެން މި ކުރަނީ ހެޔޮއެދޭ ރަނގަޅު އެކުވެރިޔަކު ކުރަން ޖެހޭ ކަންތައް." ސުލައިމާން ބުނެލިއެވެ. "ކަލެއަށް އަދިވެސް ވިސްނުނު ހެންނެއް ހިޔެއް ނުވޭ. އެހެންވީމާ އަނެއްކާވެސް މި ބުނަނީ. މިއީ މިސްކިތުގެ ހުރުމަތާއި ކުށެއް ނެތް ނަމާދުވެރީންތަކެއްގެ މަރުގެ މައްސަލައެއް. މިކަމުގައި އަހަރެން އެކުވެރިއަކަށްވެސް ނުބަލާނަން."

ޢަދްނާން ހައިރާން ވެފައި އެއްފަހަރު ސުލައިމާންގެ މޫނަށް، އަނެއް ފަހަރު ރިޟްވާންގެ މޫނަށް އެބަ ބަލައެވެ. ވެގެން އުޅެނީ ކީއްކަމެއް އޭނާއަކަށް ރޭކައެއް ނުލައެވެ.

ރިޟްވާން ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން ނަންތައް ބުނެފާނަން. އެކަމަކު މި މައްސަލައިގެ ތެރެއަށް އަހަރެމެން ސީދާ ވަދެގެން ނުވާނެ."

"ދެނޯ؟"

"ވަކި މީހަކު ނޭނގޭ ގޮތަށް ފުލުހުންނަށް ފޯނުކުރާނީ."

ސުލައިމާން އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންެވެ. "އެންމެ ރަނގަޅު."

"އަހަރެން ރައްކާތެރިކޮށް ދިނުމަކީވެސް ކަލޭގެ ކަމެއް."

"ލާޙަވްލަ ވަލާ ޤުއްވަތަ. ކަލޭގެ އީމާންކަން ވަދެ ފިލީ ކޮން ތަނަކަށް؟ މޮޔަޔާ. ރައްކާތެރިކަމަކީ ހަމައެކަނި ﷲ ދެއްވާ ކަމެއް. ﷲ ކަލޭގެ ފާފަ ފުއްސަވާށި. މިހާރު ތިޔަ ދެއްކީ ކުފުރު ވާވަރުގެ ވާހަކައެއް."

ރިޟްވާން ލަދުން އިސް ދަށަށް ޖަަހައިލިއެވެ. އަދި މަޑުމަޑުން އެމީހުންގެ ނަން ކިޔައިދޭން ފެއްޓިއެވެ.

* * *

"މިއީ އެންމެ ފަހުގެ ކުލާސް." އިބިލީސް ބުންޏެވެ. "މިއަދަކި ކަލޭމެނާ އެސައިންމަންޓް ނުވަތަ މަސައްކަތް ހަވާލު ކުރުމުގެ ދުވަސް. އެއީ މިނިވަންކަމުގެ ހަނދު އެރުމާއެކު ކަލޭމެން ކުރާން ޖެހޭ މަސައްކަތް."

"އެއީ ކޮން ކަމެއްތޯ؟" ދަރިވަރަކު މަލްޢޫނު ޝައިތާނާ ކުރެން އަހައިލިއެވެ.

މުޅި ކުލާހަށް ބާވަތެއްގެ ޖޯޝެއް ވެރިވެއްޖެއެވެ.

"މި ބުނަނީ... އަހަރެމެން މިއީ އިންސާނާގެ ފުރާނައިގެ ވިޔަފާރި ކުރާ ބައެއްކަން ކަލޭމެންނަށް އަދި ނޭނގި އޮވެދާނެ. އަަރެމެން ގަންނަނީ އެމީހުންގެ ރޫހް... ފުރާނަ."

"މާތް މަނިކުފާނު. އަޅުގަނޑުމެން އެމީހުންގެ ފުރާނަ ގަންނަނީ ކިހިނެއްތޯ؟" އެކިޔާ އެއްޗެއް  ރަނގަޅަށް ފަހުމު ނުވީމާ ދަރިވަރަކު އަހައިލިއެވެ.

"އަހަރެމެން އެމީހުންނަށް އަހުދެއް ހުށަހަޅަނީ. އެމީހުންގެ ތިން އެދުމެއް ފުރިހަމަ ކޮށްދިނީމާ ފުރާނަ ނުވަތަ ރޫޙް އަހަރެމެންނާ ހަވާލު ކުރާން އެމީހުން އަހުދުވަނީ."

"މާނައަކީ މަރު..؟"

"ނޫނޭ..." އިބިލީސް ބުނެލިއެވެ. "ތިޔަ ކަހަލަ ވިޔަފާރިއަކުން ކުރާނީ ކޮން ފައިދާއެއް؟ އަހަރެމެން ހުށަހަޅާ ކަންތައް ފުރިހަމަވީމާ ފުރާނަ ވެގެން ދާނީ އަހަރެމެންގެ އެއްޗަކަށް. މީހަކު މަރުވީމާ އެ މީހާގެ ފުރާނައިގެ މައްޗަށް ވެރިވަނީ އަހަރެމެން. އެކަމަކު ހުށަހެޅުން ގަބޫލު ކުރާ ވަގުތުން ފެށިގެން މަރުވާންދެން އޭނާއަށް ޖެހޭނީ އަހަރެމެން ބުނާހައި ގޮތަކަށް އުޅޭން."

"ތިޔަ ކަމުން އަޅުގަނޑުމެންނަށް ވަނީ ކޮން ފައިދާއެއްތޯ؟"

"ކަމާދާ ވަރަށް ފުރާނަ ނަޖިސް ކޮށްލަނީ. ރޫޙް ޚަރާބު ކޮށްލަނީ. ފުރާނައަކީ އިންސާނާގެ ކިބައިގައިވާ ﷲ ގެ އަމާނާތެއް. އަހަރެމެންގެ ހުށަހެޅުމަށް އިންސާނަ ބޯލެނބީމާ ﷲ ގެ އަމާނާތަކަށް ޚިޔނާތްތެރި ވެވުނީ. އެހެންވީމާ ފުރާނަ އަހަރެމެންގެ އަތުގައި ހުންނަނީ ޓްރޮފީތަކެއްގެ ގޮތުގައި. އެއީ އަހަރެމެންގެ ކާމިޔާބީގެ ރަމްޒު. ފަތަހައިގެ އަލާމާތްތަކެއް."

"ތިޔަކަހަލަ ގެއްލުން ބޮޑު ކަމަކަށް އިންސާނާ އެއްބަސް ވާންވީ ކީއްވެގެންތޯ؟"

ބާތިލް އަހައިލިއެވެ.

"އިންސާނުން ހިތުންރުހުމުން އުފަލާއެކު އެއްބަސްވޭ." އިބިލީސް ހިނިތުންވެލިއެވެ. "ހުރިހައި ނުބަޔަކާއި ފަސާދައެއްގެ ހަގީގީ ސަބަބަކީ އެދުން. ތިން އެދުމަކުން ސަލާމަތް ވުމަކީ އިންސާނަކަށް ފަސޭހަ ކަމެއް ނޫން. އެ އެދުންތަކުގެ ފަހަތުން ދުވާ މީހުންގެ ރައްކާތެރިކަމުގެ ޔަގީންކަން ދެނީވެސް އަހަރެން. އަހަރެމެން މި ބުނާ ތިން އެދުން ފުއްދައިދޭ ބަޔަކު ހޮވަނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު. އެމީހުންގެ ކަންތައް ބަލަހައްޓާނޭ ބަޔަު ކަލޭމެންގެ ތެރެއިން ހޮވަނީވެސް އެހައި ބޮޑަށް ބަލާފައި."

"ވާހ... ތިޔައީ ވަރަށް މަޒާދޭ ކަމަކަށް ވާނެ." ސަގީލާ އުފަލުން ފޮޅުނެވެ. އެހެން ޝައިތާނުންގެ ނަޖިސް މޫނުމަތީންވެސް ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ.

"އަހަރެން ކަލޭމެންގެ ތެރެއިން ކޮންމެ މީހަކާ ޚާއްސަ ފައިލެއް ހަވާލު ކުރާނަން. އެއީ އެމީހަކު މުއާމަލާތް ކުރާން ޖެހޭ މީހާގެ ފައިލު. އެ ފައިލުގައި އެމީހެއްގެ ނަމާއި އެޑްރެހާއި ބޭނުންވާ ހުރިހައި މައުލޫމާތެއް ހުންނާނެ. ތިން ދުވަސް ވާންދެން ފައިލު މުތާލިއާ ކުރުމަށް ފަހު މަސައްކަތް ފަށާ. އަހަރެންގެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅަކު އަހަރެން ތައްޔާރަށް ހުންނާން. އެކަމަކު މިއީ ކަލޭމެން މިނިވަންކަމާއެކު އެކަނި ކުރާން ޖެހޭ ކަމެއްކަން ހަނދާން ކުރާތި. މިއީ ކަލޭމެންގެ އަމަލީ މަސައްކަތުގެ ފެށުން."

"ދެން އަހަރެން މި ކިޔައި ދެނީ ބައެއް މައިގަނޑު އުސޫލު. އަހަރެން އެންމެ ބޮޑަށް ބިރު ގަންނަނީ ކާކު ދެކެކަން ކަލޭމެންނަށް އެނގޭތަ؟"

ސަގީލާ އަތް ހިއްލައިލިއެވެ. އިބިލީސް ހުއްދަ ދިނީމާ އޭނާ ބުންޏެވެ. "ﷲ އަށް އަޅުކަން ކުރާ މުވައްޙިދުން ދެކެ."

"ނޫން." އިބިލީސް ބޯ ހޫރައިލިއެވެ. "ދެއްކުންތެރިކަމާއެކު އަޅުކަން ކުރާ މީހާ ހައްލައިލުމަކީ އެއްވެސް ކަމެއް ނޫން. ދެން އުޅެނީ ބޮޑާކަމާއި ކިބުރުވެރިކަމާއެކު އަޅުކަން ކުރާ މީހުން. އެކަހަލަ މީހުން ހައްލައިލުމަކީވެސް ދަތިކަމެއް ނޫން. ތެދު ނިޔަތަކާއެކު އަޅުކަން ކުރާ މީހާ މަގުފުރައްދާކަށް އަހަރެން މަސައްކަތެއްވެސް ނުކުރަން. ސަބަބަކީ ނާކާމިޔާބީއާ ކުރިމަތިލުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫން."

"އެހެން ވެއްޖެއްޔާ މަނިކުފާނު ވިދާޅުވެ ދެއްވާ."

"އަހަރެން އެންމެ ބިރުގަންނަނީ ވިޔާނުދާކަމާއި ފާފަވެރިކަން ހައްދުން ނައްޓައިފައިވުމާވެސް އެކު މީހަކަށް ނުވެސް އެނގި ކުއްލިއަކަށް ވަރަށް ބޮޑު ހެޔޮ ކަމެއް ކޮށްލާ މީހުން ދެކެ. ހެޔޮ ކަމެއް ކުރެވިއްޖެކަން ބައެއް ފަހަރަށް ޚުދު އެމީހާވެސް ނުދަނޭ."

"އެއީ ކީއްވެގެންތޯ؟"

"ސަބަބަކީ ފާފަވެރިޔާ މަޑުމައިތިރިކަމާއި ހިތާމަޔާއެކު ﷲ އާ ކުރިމަތިލުމާއެކު ﷲ ގެ ފުރިހަމަ މަދަދާއި ރަޙްމަތް އެމީހާޔާ ދިމާއަށް އެނބުރޭނެ. އޭނާގެ ހެޔޮ އަމަލުގައި ހެޔޮ ނިޔަތެއް އޮތިއްޔާ އެއީ އަދި މާ ބޮޑު ނުރައްކަލެއް. ނިކަމެތި ވެގަންނަ މީހާ ދެކެ ﷲ ލޯބިވެވޮޑިގެންވޭ. އެފަދަ މީހުން ދެކެ އަހަރެން ބިރު ގަންނަނީ އެހެން ވެގެން."

"ކަލެމެންގެ ކުރިމަތީގައި އޮތީ އަމަލީ މަސައްކަތްކަމަށް ވާތީ ދެތިން އުކުޅެއްގެ ވާހަކަވެސް އަހަރެން ކިޔައިދޭނަން. މީހަކު ވާވައްދާން މަސައްކަތް ފެށުމުގެ ކުރީން އެންމެ ފުރަތަމަ އެމީހާ ރަނގަޅަށް ދިރާސާކޮށް ބަލާ. އޭނާގެ ބަލި ފަޔަކީ ކޮބައިތޯ ބަަލައި ހޯދާ. ހަމަލާ އަމާޒު ކުރާން ވާނީ އެ ބަލި ފަޔަކަށް. ކަލޭމެންނަށް ލިބިފައިވާ އެންމެރަނގަޅު އެއް ބާރަކީ ބޭނުން ސިފައަކަށް ބަދަލު ވެގަތުމުގެ ބާރު. އަޅުކަމުގައި ހުންނަ މީހާގެ ކުރިމައްޗަށް ނުކުންނައިރު ފަރުވާތެރިވާތި. އެފަދަ މީހަކު ކުރާ ދުޢާއަކުން ކަލޭމެންގެ ބާރު ކެނޑިދާނެ. އޭނާޔާ ކުރިމަތިލާން އޮންނާނީ ދެ ގޮތެއް. ދެ ހަތިޔާރެއް. އެއީ އަންހެނުންނާއި ފައިސާ. އެންމެ ރަނގަޅީ އަންހެނެއްގެ ސިފައިގައި ދިއުން. ވައި އެޅުވުމުގެ ބަހުރުވައަކީ ވަރަށް ބާރު ގަދަ ބަހުރުވައެއް. އަޅުކަން ކުރާ މީހާގެ ހިތުގައި ބޮޑާކަން އަށަގެންނުވޭތޯ މަސައްކަތް ކުރޭ. އެކަން ކުރެވިއްޖެ ނަމަ މަގު އަލިވީ. ފަސޭހަ ވީ. ފާފަވެރިންގެ ކަންތައް އޮންނަނީ މުޅިން އެހެން ގޮތަކަށް. ނޭފަތު ކުރިއާ ހަމައަށް ފާފައިގެ ތެރެއަށް ގެނބިފައިވާ އަދި އެކަމާ ލަދުވެސް ނުގަންނަ މީހާގެ ފުރާނައިގެ ބޭނުމެއް އަހަރެމެންނަކަށް ނެތް. އެއީ ސީދާ އަހަރެމެންގެ މީހެއް. ބައިވެރިއެއް. ފާފަވެރިންގެ ތެރެއިން އަހަރެމެންގެ ސަމާލުކަން ދޭން ވާނީ ފާފަ ކުރެވުނީތީ ދެރަވެ ހިތާމަކުރާ މީހުންނަށް. ލަދުވެތިވާ މީހުންނަށް. މަޑުމައިތިރި މިޒާޖުގެ މީހުންނަށް. އެހެން މީހުންނަށް އެހީތެރިވާ މީހުންނަށް. އަޅުކަމުގެ ތެރެއަށް ފުނަށް ފީނައިގަނެވޭތޯ މަސައްކަތް ކުރާ މީހުންނަށް. އެފަދަ މީހުންގެ ރޫޙް އަތުލައިގަނެވޭތޯ މަސައްކަތް ކުރޭ."

"އެއީ ކީއްވެގެންތޯ، މާތް މަނިކުފާނު؟" ދަރިވަރަކު އަހައިލިއެވެ.

"އެއީ އެފަދަ މީހަކަށް ހަމަ ކޮންމެ ދަނޑިވަޅަކުވެސް ﷲ ގެ ހިދާޔަތު ލިބިދާނެތީ. އެއީ އުނދަގޫވެސް ބައެއް. އެފަދަ މީހުންނާ މުއާމަލާތް ކުރާން ވާނީ މަޑުމައިތިރިކަމާއެކު. އަހަރެން ފައިލުތައް ބަހައިލާނަން. ސުވާލެއް އޮތިއްޔާ މިހާރު ކުރޭ."

މި ފަހަރުވެސް ތެދުވީ ސަގީލާއެވެ. "މިހައިތަނަށް އަޅުގަނޑުމެންގެ މަސައްކަތް ފެނިވަޑައިގަތީ ކިހިނެއްތޯ؟ ރަނގަޅުތޯ؟"

އިބިލީސް ވިސްނައިލައިފައި ބުންޏެވެ. "މާކަ ރަނގަޅެއް ނޫން. އަހަންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގެއިން ބޭރު ކުރެވުން. އޭގެ ފަހުން އެހައި ބޮޑު ކާމިޔާބީއެއް ނުލިބޭ."

"އެކަމަކު ފާފަވެރިންގެ އަދަދު ދުވަަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އެބަ ދެއެއް ނޫންތޯ؟"

"ތިޔައީ ތެދެއް. އެކަމަކު ހެޔޮކަން މަރެއް ނުވޭ. ހެޔޮ މީހުންގެ އަދަދުވެސް އިތުރު އެބަވޭ. އެމީހުން ތިބީ ހެޔޮކަމުގެ މަތީގައި ފިސާރ ރަނގަޅަށް ސާބިތުވެގެން. ނުބައި ކަމަށް ކާމިޔާބު ލިބުނު ނަމަ މިހާރު ﷲ ގެ ކޯފާ ބާވައިލައްވައިފީސް. ހިތި ކަމުގައި ވިޔަސް ހަގީގަތަކީ ހެޔޮކަން ނައްތައިލުމުގައި އަހަރެމެންނަކަށް ކާމިޔާބީއެއް ނުލިބޭކަން."

މިފަހަރު ސުވާލުކުރީ ބާތިލެވެ. "މަނިކުފާނަށް މުސީބާތުގެ ވަގުތެއް އައިތޯ؟"

"އާނ... ފުރަތަމަ މުސީބާތަކަށްވީ ލައުނަތުގެ ހާރު ކަރުގައި އަޅައިގެން ސުވަރުގެއިން ނުކުންނާން ޖެހުން. އެއީ އަހަރެންގެ އަގު އެންމެ ބޮޑަށް ވެއްޓުނު ދުވަސް. އޭގެ ފަހުން ކޮންމެ އަހަރަކު އެއް ފަހަރު ބޮޑު މުސީބާތެއް ކުރިމަތިވޭ. އެއި ހައްޖު މޫސުމުގައި. އެ ދުވަސްވަރު އަހަރެން ކަސްތޮޅު އަޅުއްވާ. އަދި ހައްޖުވެރިން އަހަންނާ ދިމާއަށް ހިލަ އުކާ..."

"އެ ހިލައިން މަނިކުފާނަށް ލިބިވަޑައިގަންނަވަނީ ކޮން ގެއްލުމެއްތޯ؟"

"މޮޔަޔާ. އަހަރެންގެ ވާހަކަ ފުރިހަމަ ކުރިޔަދީ. މުސީބާތަކަށް ވަނީ ހިލަ އުކާ މީހަކު އެއީ އަހަރެންގެ މީހަކަށް ވީމާ. އެފަދަ މީހަކު އެއްލާ ކޮންމެ ހިލަކޮޅެއް އަހަންނަށް ވަނީ ބޮޑު ފަރުބަދައަކަށް."

"އަޅުގަނޑުމެންގެ މީހެކޭ ވިދާޅުވީ ބަސްފުޅުގެ މުރާދަކީ ކޮބައިތޯ؟"

"އެއީ އަހަރެން ގަދައަޅައި މަސައްކަތް ކުރަނިކޮށް ފޮޅުވައިލައިފައި ވީއްލި ގަނެގެން ހައްޖަށް ދާ މީހާ. ފާފައިގެ މަގުގައި ހިނގަހިނގައި ހުރެފައި އެނބުރިދާ މީހާ."

ސުވާލަށް ޖަވާބު ދިނުމަށް ފަހު އިބިލީސް ފައިލުތައް ބަހައިލިއެވެ. އެޔާއެކު އެޑްވާންސް ކޯސް ނިމުނީއެވެ.

* * *

ޝަމްޝާދާއި އޭނާގެ ބައިވެރިން ފުލުހުންނަށް މައުލޫމާތު ހާމަކުރި މުސްކުޅި އަޅުވެރިޔާ އަތު ޖެހޭ ގޮތެއް ނުވިއެވެ. މޭޒުމަތީގައި ނޫސް ބޭއްވުމަށް ފަހު ސުލައިމާން ބުނެލިއެވެ. "އެކަލޭގެ އުޅޭ ގެއަށް ފުލުހުން ވަން. އެގެޔަކު އެއްވެސް މީހަކު ނެތް. ގެ ހުރީ ފަޅަށް."

"އެކަމަކު ހުރިހައި ފަސާދައެއް އުފެއްދި މީހަކީ އެއީ."

"ހަތިޔާރު ހޯދައި ދިން މީހާވެސް ފުލުހުންނަކަށް ނުފެނުނު. ނުވެސް އެނގުނު."

(ނުނިމޭ)

5 ޚިޔާލު

  1. ތަންކޮޅެއް އަވަސްކޮށް ކިޔާލަން ލިބޭނަމަ ހާދަ ރަނގަޅޭ. ނަޢީމު ގެ ކޮންމެ ލިޔުމަކީ ވެސް ކިޔާހިތުން ކިޔާލެވޭ ލިޔުމެއް. ލޯބީގެ ވާހަކަ އަކަށް ނުވިޔަސް މިވާހަކަ ވެސް ވަރަށް ޝައުގުވެރިވެފަ ރީތި.

  2. ހަމަ ހުވާ މިބުނީ.މިކަހަލަ ވާހަކައަކާ އަދި ލައްވައެއްނުލާ މިވީހާތަނަކަށް. ވަރަށް ތަފާތު ވާހަކައެއް މިއީ.އިބުރަތްތެރި ސަޅި ވާހަކައެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.