
އެމެރިކާގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެ ބޮޑު ދުވަސް، 'ސުޕަ ޓިއުޒްޑޭ (ބިޔަ އަންގާރަ) ނިމިގެން ދިޔައިރު މަންޒަރު މުޅިން ބަދަލުވެއްޖެއެވެ.
ޑިމޮކްރެޓިކް ޕާޓިގެ ރިޔާސީ ޕްރައިމަރީގައި 14 ސްޓޭޓުގައި އެއްފަހަރާ ވޯޓުލާތީ ބިޔަ އަންގާރައިގެ ނަމުން ނަންދެވިފައިވާ ދުވަހުލީ ވޯޓުގެ ނަތީޖާތައް މިއަދު ސާފުވުމާއެކު، މި ޕްރައިމަރީއަށް އެންމެ ފަހުން ވަދެވަޑައިގަތް މަހުޖަނު އަދި ނިއުޔޯކު ސިޓީގެ ކުރީގެ މޭޔަރު މައިކަލް ބްލޫމްބާގް ވަނީ އޭނާ ދެން ވާދަނުކުރައްވާނެކަމާއި، ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންއަށް ތާއީދުކުރައްވަން ނިންމެވިކަން އިއުލާންކުރައްވާފައެވެ. މިއަދު ވޯޓުލީ ސްޓޭޓްތަކުގެ ތެރެއިން އޭނާއަށް ކާމިޔާބުކުރެއްވުނީ އެންމެ ސްޓޭޓެކެވެ.
"ތިން މަސް ކުރިން އަހަރެން ރިޔާސީ ރޭހަށް ނުކުތީ ޑޮނާލްޑް ޓްރަމްޕް ބަލިކުރުމަށް. މިއަދު އަހަރެން ރޭސް ދޫކޮށް މި ދަނީވެސް ހަމަ އެ ސަބަބަށްޓަކައި: ޑޮނާލްޑް ޓްރަމްޕް ބަލިކުރުމަށް. އެއީ އަހަރެން ވާދަކުރަން ދެމިހުރެއްޖެއްޔާ އެ މަގްސަދު ހާސިލުނުވާނެތީ." ބްލޫމްބާގުގެ ކެމްޕޭން ޓީމުން ނެރުނ ބަޔާނެއްގައި ވެއެވެ.
ބިޔަ އަންގާރަ ނިމިގެން ދިޔަ އިރު ހައިރާންކުރަނިވި ކުރިއެރުމެއް ހޯއްދަވާފައި ވަނީ ރައީސު އޮބާމާގެ ދައުރުގައި ނާއިބު ރައީސުކަން ކުރެއްވި ޖޯ ބައިޑަން އެވެ. އިއްޔެއާއި ހަމައަށް ޕްރައިމަރީ ބޭއްވި ސްޓޭޓްތަކުން ވަރމޮންޓްގެ ސެނެޓަރ ބާނީ ސޭންޑާސް ކާމިޔާބު ހޯއްދަވާފައިވާތީ، ހީކުރެވިފައި އޮތީ ބައިޑަންގެ މައްޗަށް ކުރި ހޯއްދަވާނީ ސޭންޑާސް ކަމުގައެވެ. އެހެންނަމަވެސް، 14 ސްޓޭޓުގެ ޕްރައިމަރީ ނިންމާލިއިރު ބައިޑަން ވަނީ 9 ސްޓޭޓް ކާމިޔާބުކުރައްވާފައެވެ. ސޭންޑާސްއަށް ކާމިޔާބުކުރެއްވުނީ ތިން ސްޓޭޓެވެ. ސޭންޑާސް މިއަދު ވޯޓުލީ އެންމެ ބޮޑު ސްޓޭޓް، ކެލިފޯނިޔާ ކާމިޔާބުކުރެއްވުމުން ވެސް އޭނާއަށް ބައިޑަންގެ މައްޗަށް ކުރިނުހޯއްދެވުނެވެ.
މި ޕްރައިމަރީގައި ދެންމެ ކުރީގައި އުޅުއްވާ ސެނެޓަރ އެލިޒަބެތު ވޮރެންއަށް ވެސް މިއަދު ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގަތަސް، އޭނާ ޕްރައިމަރީގައި ވާދަކުރެއްވުން ދޫކޮށްލެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވައެވެ.