ހިތަދޫން ފުލެޓު ލިބުނު މީހުން ފައިސާ ދައްކަން ފަށަން ހަ މަސް ދޭން ނިންމައިފި

އައްޑޫސިޓީ ހިތަދޫން ފުލެޓު ލިބިފައިވާ މީހުން އެތަނަށް ފައިސާ ދައްކަން ފަށަން ހަ މަސް ދުވަސް ދިނުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީކައުންސިލުން އެގޮތަށް ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ އެގޮތަށް ކައުންސިލުން ނިންމެވީ މީހުންނަށް ފުލެޓުތައް ޙަވާލުކުރިއިރު އެތަންތަނުގައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަނުވެ ހުރުމުން ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކުރުމަށް ތިންމަސް ދުވަސްއެއީ މަދު ދުވަސްކޮޅެއް ކަމަށް ކައުންސިލުން ނިންމައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލުން އެގޮތަށް ނިންމެވިޔަސް އެކަން ފައިނަލްކުރާނީ ރައީސް އޮފީހާއި، ހައުސިން މިނިސްޓްރީންނެވެ. އެ ނިންމުން ރައީސް އޮފީހާއި ހައުސިން މިނިސްޓްރީއަށް ފޮނުވޭނީ އާދީއްތަ ދުވަހު ކަމަށް ޔަސްރިފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން އެގޮތަށް ނިންމެވީ އައްޑޫ ސިޓީ ހިތަދޫން ފުލެޓު ލިބުނު ފަރާތްތަކުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަކާބެހޭ ގޮތުން ސިޓީކައުންސިލްގެ ލަފައަކަށް ރައީސް އޮފީހާއި ހައުސިން މިނިސްޓްރީން އެދިވަޑައިގެންނެވުމުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެފަރާތްތަކުން ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ ތަފާތު އެއްތައް ސަބަބުތަކާހެދި އެތަނަށް ކުލި ދައްކަން ފެށުން ތިންމަހަށް ފަސްކޮށްދިނުމަށެވެ. އެހެން ނަމަވެސް ކައުންސިލުން ނިންމެވީ ތިންމަސް މަދުކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހަށް އެ ޕެޓީޝަން ހުށަހެޅީ މިއަހަރު ޖަނަވަރީގައެވެ. އެހެންނަމަވެސް އެ ބަލައި އެކަމަށް ގޮތެއް ނިންމެވުމުގެ މަސައްކަތް ފެށުނީ އަދި ކިރިޔާއެވެ. ލަސްވުމުން ޕެޓިޝަން ހުށަހެޅި މީހުން ވަނީ ނުތަނަވަސް ވެފައެވެ. ފައިސާ ދައްކަން ފަށަން ހަ މަސް ދޭން ސިޓީކައުންސިލުން ނިންމިޔަސް މިހާތަނަށް މީހުން އައީ ފުލެޓަށް ކުލި ދައްކަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.