ނިއުދިއްލީގައި ހިނގާ ހިންދޫ-މުސްލިމް ހަމަނުޖެހުން 4 ވަނަ ދުވަހުވެސް ކުރިއަށް

މިހާތަނަށް 21 މީހުން މަރުވެ، 250 މީހުން ވަނީ ޒަޚަމްވެފައި

ނިއުދިއްލީގެ އަޝޯކްނަގަރްގެ މިސްކިތެއް އަންދާލާފައި

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ އުތުރުގައި އޮންނަ މުސްލިމުން ގިނަ އަވަށްތަކުގައި އާދީއްތަ ދުވަހުއްސުރެ ކުރިއަށްދާ ހަމަނުޖެހުމުގައި މިހާތަނަށް 21 މީހުން މަރުވެ 250 މީހުން ވަނީ މަރުވެފައެވެ. އަދި ހިންދޫން ބަޔަކު ވަނީ ދެ މިސްކިތެއްގައި ރޯކޮށްލާފައެވެ.

ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ގާނޫނޫ (ސީއޭއޭ) އާ ދެކޮޅަށް ފާއިތުވި އަހަރުގެ ފަހުކޮޅުއްސުރެ އިންޑިޔާގެ ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ނިއުދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއަށް ހަރުކަށި ހިންދޫންގެ ބަޔަކު ލަކުޑިބުރިއާއި ގާ ހިފައިގެން ވަދެ ހަމަލާ ދިނުމުގެ ސަބަބުން، އެ ހަމަނުޖެހުން ވަނީ ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގާ ކުރިމަތިލުކަމަށް ބަދަލުވެފައެވެ.

އިއްޔެ "ޖޭ ޝްރީ ރާމް" ގޮވައި އަޑުގަދަކުރަމުން ދިޔަ ބަޔަކު ވަނީ އަޝޯކް ނަގަރްގެ މިސްކިތަކަށް ވަދެ އެ މިސްކިތުގައި ރޯކޮށްލާފައެވެ. ހިންދޫން ގިނައިން ދިރިއުޅޭ އެ ސަރަހައްދުގެ އެހެން ކުޑަ މިސްކިތެއްގައި ވެސް ރޯކޮށްލާފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. އަޝޯކް ނަގަރްގައި ރޯކޮށްލި މިސްކިތުގައި ހުރި ޚަތިމުތައްވެސް ހުރީ ވީދާފައި މަގަށް އަޅާފައެވެ.

އެ ސަރަހައްދުގައި ހުރި މުސްލިމުންގެ ފިހާރަތަކުގައިވެސް ވަނީ ރޯކޮށްލާފައެވެ.

މީގެ އިތުރަށް މުސްލިމް ގިނައިން ދިރިއުޅޭ އަވަށްތައް ކަމުގައިވާ ކަރަވާލް ނަގަރް، މައުޖްޕޫރް، ބަޖަންޕޫރާ، ވިޖޭ ޕާކް އަދި ޔަމުނާ ވިހާރުގައި މުސްލިމުންގެ ތަންތަނަށް ބޮޑެތި ގެއްލުން ދީފައިވާ ކަމަށް ވެއެވެ.  

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ހިންދޫން ނުކުމެ ތަންތަން ހަލާކުކުރަމުން ދިޔަ އިރު ފުލުހުން ތިބޭ އެއްވެސް ކަމެއް ނުކޮށެވެ. ނުވަތަ އެނެއް ފަރާތް ބަލަހައްޓައިގެންނެވެ. އަދި ބައެއް ހިސާބުތަކުގައި ފުލުހުން ފެންނަންވެސް ނެތެވެ. ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ކާފިއު ހިންގުމަށާއި، އިތުރު ފުލުހުން އެސަރަހައްދުތަކަށް ފޮނުވުމަށް ގޮވާލާ ގޮވުންތަކަށް ފުލުހުން އިޖާބަދީފައި ނުވާކަމުގެ ތުހުމަތުވެސް ދަނީ ކުރެވެމުންނެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖިރްވާލް ވިދާޅުވީ ދިއްލީ ސަރަހައްދަށް ބޭނުންވާ ވަރަށްވުރެ އެ ސަރަހައްދުގައި ފުލުހުން މާ މަދުކަމުގައެވެ.

އެންމެ ބޮޑަށް ހަމަނުޖެހުން ހިނގާ މައުޖްޕޫރަކީ ބޮޑުވަޒީރުގެ އޮފީހާއި، ގާނޫނުހަދާ މަޖިލީހުގެ އިމާރާތް ހުންނަ ހިސާބާއި އެންމެ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް އަވަށަކަށް ވާއިރުވެސް، ހަމަނުޖެހުން ކޮންޓުރޯލުކުރަން ސަރުކާރުން މާބޮޑު ކަމެއް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ކޮންގްރެސްގެ ލީޑަރު ސޯނިޔާ ގާންދީ ވަނީ ނިއުދިއްލީގެ ހަމަނުޖެހުން ކޮންޓްރޯލު ނުކުރެވޭ މައްސަލައިގައި ހޯމް މިނިސްޓަރު އަމިތު ޝާހު އިސްތިއުފާ ދެއްވުމަށް ގޮވައިލައްވާފައެވެ. ސޯނިޔާ ވަނީ ދިއްލީ ސަރުކާރުވެސް ގަސްތުގައި އަތްއުރާލައިގެން އޮތީ ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ މި ހަމަނުޖެހުމަކީ ވެރިކަންކުރާ ބީޖޭޕީން ރާވައިގެން ހިންގާ ކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ.

ނިއުދިއްލީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިއްލީ ހައިކޯޓަށް ހުށަހެޅި ޕެޓިޝަނެއްގެ މައްސަލަ ބަލަމުން އެކޯޓުން ބުނެފައި ވަނީ "1984 ގެ ހަމަނުޖެހުން ތަކުރާރުވާން" ފުރުސަތު ދީގެން ނުވާނެކަމުގައެވެ. ސިކުންގެ މީހަކު ބަޑިޖަހައި 1984 ވަނަ އަހަރު ބޮޑުވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުމާއި ގުޅިގެން ނިއުދިއްލީގައި ސިކުންނާ ދެކޮޅަށް ހިންދޫން ނުކުމެ ހިންގި ގަތުލުއާއްމުގައި 2800 ސިކުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.