
ނ. އަތޮޅު ފޮއްދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފްނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާ ޙަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ.
މި މަސައްކަތް އެކުންފުންޏާ ޙަވާލު ކޮށްފައިވަނީ 7،612،602.00 ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ. އެއީ އީއައިއޭއަށް 60 ދުވަހާއި، މަސައްކަތަށް 120 ދުވަސް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތަކީ އެރަށު އިރުމަތީ ފަރާތު ޖެޓީކައިރިން 180 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންކުރާނީ ޖިއޯ ބޭގު ރިވެޓުމެންޓު ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.