އޭޑީބީގެ މަޝްރޫޢެއްގެ އައިޓީ ސްޕެޝަލިސްޓަކަށް ކުރިމަތިލި ފަރާތްތަކަށް މާކްސް ދިންގޮތުގެ މަޢުލޫމާތު ހާމަކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް އަންގައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގައި ހިންގާ  ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ އައިޓީ ސްޕެޝަލިސްޓަކަށް ކުރިމަތިލި ފަރާތަކަށް މާކްސް ދިންގޮތުގެ މަޢުލޫމާތު ހާމަކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރ ޙުސައިން ފިޔާޒު މުސާ އަންގަވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރ މެދުވެރިކޮށް އެމަޢުލޫމާތު ހޯދުމަށް އެދިވަޑައިގެންފައިވަނީ އޭޑީބީގެ މަޝްރޫޢެއްގެ އައިޓީ ސްޕެޝަލިސްޓަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ  ޑރ އިބްރާހީމް ޝިޔާމެވެ. އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އެމަޢުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރ އަމުރުކުރައްވައިފައި ވަނީ މިއަދު އެއޮފީހުގައި އެމައްސަލައާ ގުޅޭ ގޮތުން ބޭއްވި އަޑު އެހުމުގައެވެ. އިކޮނޮމިކް މިނިސްޓްރީން އަޑު އެހުމަށް ވަޑައިގެން ތިއްބެވި ދެބޭފުޅުންގެ ތެރެއިން ހަސަން ސޮފްވާން ވިދާޅުވީ ޑރ އިބްރާހީމް ޝިޔާމަށް އެމަޢުލޫމާތު މިނިސްޓްރީން ފޯރުކޮށް ނުދެއްވީ އެމައްސަލައިގައި ތިން ވަނަ ފަރާތެއްގެ މަސްލަޙަތު ހިމެނޭތީ ކަމަށެވެ. އަދި އެމައްސަލަ އޭސީސީ އާއި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަކަށް ހުށަހެޅިފައިވާތީ އެދެފަރާތަށްވެސް އެކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށް ދެވިފައިވާ ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރ ފިޔާޒު ވިދާޅުވީ ޑރ އިބްރާހީމް ޝިޔާމް  ހޯއްދަވަން އެދި ވަޑައިގެންނެވިފަދަ މަޢުލޫމާތު ތަކެއް، ތިންވަނަ ފަރާތުގެ މަސްލަޙަތަށް ބުރޫނަރާގޮތަށް އެމިނިސްޓްރީން ކުރިން ހާމަކޮށްފައިވާއިރު މިމައްސަލައިގައި އެގޮތަށް ކަންތައް ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ. އިކޮނިމިކް މިނިސްޓްރީ ވަޑައިގެން ތިއްބެވި ބޭފުޅުންގެ ވާހަކައިން ހާމަވީ ކުރީގެ މައްސަލަ ނިމިދިޔަ ގޮތް ނުވަތަ އެމަޢުލޫމާތު ހާމަކުރެއްވި ގޮތް އެނގިވަޑައިނުގަނަނަވާ ކަމެވެ. އެގޮތަށް މަޢުލޫމާތު ހާމަކޮށްފައިވާނަމަ މިމައްސަލައިގައި ވެސް މަޢޫލޫމާތު ހާމަކުރައްވަން ޖެހޭނެކަމަށް މިނިސްޓްރީން އަޑުއެހުމަށް ވަޑައިގެންނެވި ބޭފުޅުންވެސް ޤަބޫލު ކުރެއްވިއެވެ. އެއްކަހަލަ ދެ މައްސަލައެއްގައި އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ހާމަކުރުން ތަފާތު ވެގެން ގޮސްފައި ވާކަން މިއަދުގެ އަޑު އެހުމުން ވަނީ ފާހަގަ ކުރެއްވިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރ މެދުވެރިކޮށް އެމަޢުލޫމާތު ހޯދުމަށް އެދިވަޑައިގެންނެވި ޑރ އިބްރާހީމް ޝިޔާމް ވިދާޅުވީ އޭނާ އެދިވަޑައިގެންނެވި މަޢުލޫމާތަކީ ކުރީގެ މައްސަލައިގައި މަޢުލޫމާތު ހާމަކޮށްފައި އޮވެގެން އެކަނި ލިބެންޖެހޭނެ ޙައްޤެއް ނޫންކަމަށެވެ. އެއީ ޤާނޫނުން އޭނާއަށް ފޯރުކޮށްދިނުން ލާޒިމްވާ ޙައްޤެއް ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި އިންފިމޭޝަން ކޮމިޝަނަރ އެދި ވަޑައިގެންނެވީ ލަސްވެގެން 45 ދުވަހުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެ މަތިން އެމަޢުލޫމާތު ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. ޤާނޫނުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ވީހާވެސް އަވަހަށް މަޢުލޫމާތު ހާމަކޮށް ދެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރ ވަނީ އެދިވަޑައިގެންފައެވެ.

އޭޑީބީގެ މަޝްރޫޢެއްގެ އައިޓީ ސްޕެޝަލިސްޓަކަށް ކުރިމަތިލި ފަރާތްތަކަށް މާކްސް ދިނުމުގައި ޤަވާޢިދާޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ، އެކަމަށް ކުރިމަތި ލެއްވި  ޑރ ޝިޔާމް ވަނީ އޭސީސީއަށް ވެސް އެމައްސަލަ ހުށަހަޅައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.