
ސަޢުދީއަރަބިޔާއަށްދާ ދިވެހީންނަށް އޮންއަރައިވަލް ވިސާ ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުން ދެއްވައިފި ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އޮންއަރައިވަލް ވިސާ ހަމަޖައްސަވައި ދެއްވަނީ ފަތުރުވެރ ކަމަށާއި ޢުމްރާގެ އަޅުކަމަށް އެގައުމަށްދާ ދިވެހީންނަށް ކަމަށެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށާއި، ޞިއްޙީ ފަރުވާއަށާއި ސަޢޫދީގައި މަސައްކަތްކުރުން ފަދަ ކަންކަމަށް އެ ވިސާ ބޭނުން ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރު ތަކަށް،" މިނިސްޓަރ ޝާހިދު ވިދާޅުވއެވެ.
އެމަނިކުފާނު ވިދާޅުވީ ސަޢުދީ އޮންއަރައިވަލް ވިސާއި، އޮންލައިން ވިސާ ސިސްޓަމް އެކްޓިވޭޓު ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ އެންމެހާ ކަންކަން ސަޢުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ. އޮންއަރައިވަލް ވިސާ ނެގޭނެ ތާރީޚު ލަހެއްނުވެ ސަޢުދީ ސަރުކާރުން އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ސަޢުދީން އޮންއަރައިވަލް ވިސާލިބޭގޮތަށް މިހާތަނަށް ކެޓަގަރީ އޭ ގެ ގޮތުގައި ހަމަޖައްސަވާފައިވަނީ 49 ގައުމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަން އެގޮތަށް ކޮށްފައިވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަސްތެރޭގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ކެޓަގަރީގައި ރާއްޖެ ހިމެނުމާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ ބައްރުން ސަޢުދީ އޮންއަރައިވަލް ވިސާލިބޭ އަށްވަނަ ގައުމަށެވެ. ހަމައެއާއެކު ސަޢުދީޢަރަބިޔާ ހިމެނޭ ޖީސީސީ (ގަލްފް ކޯޕަރޭޝަން ކައުންސިލް) ގެ ގައުމުތައް ފިޔަވައި ދިވެހިރާއްޖެއަކީ މުސްލިމް ގައުމުތަކުގެ ތެރެއިން ސަޢުދީ އޮންއަރައިވަލް ވިސާ ލިބޭ ހަތަރުވަނަ ގައުމެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިފުރުސަތު ލިބޭ ފުރަތަމަ ގައުމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.