
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގއަށް މިނިސްޓަރު ޝާހިދު ކުރެއްވި މި ދަތުރުފުޅަކީ އެމަނިކުފާނު ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައި ގަތުމަށް ފަހު އެގައުމަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
މިނިސްޓަރުގެ މިދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވޮންގްއާ ބައްދަލު ކުރައްވައި ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެގައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެކެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްގީގެ ބައިވެރިޔެއްގެ ގޮތުގައި ޗައިނާ އަބަދުވެސް އޮތުމަށް ބާރު އަޅުއްވައި މަޝްވަރާ ކުރެވިގެންދާނެއެވެ.
ޗައިނާއަށް މިނިސްޓަރު ވަޑައިގަތީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.