(10 ފެބްރުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަވަށްޓެރިންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މަރިޔަމް އެމީހުންގެ ތެރޭގައި އިށީނެވެ.
މަންމަގެ ދިރިއުޅުން ފެއްޓީ މީހަކަށް ކުރިމަތި ވާނޭ އެންމެ ނިކަމެތި ހާލަތުންނެވެ. މަންމަ ބޭނުންވާ ގޮތަކަށް ނުވަތަ އުއއްމީދުކުރާ ގޮތަކަށް އެއްވެސް ކަމެއް ނުވާ ފަދަ ހާލަތެއްގައެވެ. ދިމާވާ ކޮންމެ ބުރައަކާއި ތުރާލަކާ މަންމަ ކުރިމަތިލައި ހުރަސްތައް ގިރާ ކުރަމުން ދިޔައީ ފުރިހަމަ އަޒުމާއި ހިތްވަރާ އެކީގައެވެ. އައި ދީނަކަށް ވަނުމަށް ފަހު އެ ދީނުގެ އުސޫލުތަކުގެ މަތީގައި ސާބިތުވެގެން ހުއްޓެވެ. ޝަކުވާއެއް ނުކުރެއެވެ. ސުލޫކީ ދީނީ މިންގަނޑަކުން ކައްސައެއް ނުލައެވެ. ލޯބިވާ ދަރިއެއްގެ އަތްމަތީގައި އެންމެ ފެހުގެ ނޭވާ ދޫކޮށްލާ މަޔަކަށްވުރެ ވަކީން ނަސީބުގަދަ މަޔަކު އުޅޭނެ ހެއްޔެވެ؟ އެ ހުރިހައި ބުރައަކާއި ތުރާލަކަށް ފަހު މިއަދު އޭނާގެ ސަންދޯއް ކަށްވަޅަށް އެ ތިރި ކުރަނީ އޭނާގެ ލޯބިވާ ދަރިފުޅެވެ. އެއީ ދިރިއުޅުމުގެ ބާކީ އޮތްހައި ދުވަހެއް އެ މަންމައަށްޓަކައި ހިތާމަކޮށް ހެޔޮ ދުޢާ ކުރާނޭ ހެޔޮލަފާ ދަރިއެކެވެ. ވަށައިގެން އެތިބީ އޭނާއަށް ގަދަރުކުރާ އޭނާ ދެކެ ލޯބިވާ އަވަށްޓެރިންނާއި އެކުވެރިންނެވެ. މިއަދު އެއްވެސް އުއްމު މަރިޔަމަކަށް ނުވަތަ އަވާބް ޚާނަކަށް އޭނާގެ ބޮލުގައި އަބުރު ނަގައިލުމާއި، އީމާންކަމެއް ނެތްކަމުގެ އިލްޒާމެއް ނޭޅުވޭނެއެވެ.
އަހަރެން މަރުވާ ދުވަހަކު އަހަންނަށްޓަކައި ހުންނާނީ ކާކުހެއްޔެވެ؟ ޒަނީން އަވާބް ޚާން އޭނާގެ މަންމަ ކަށްވަޅަށް ތިރިކުރިހައި ލޯބިން އަހަރެން ކަށްވަޅަށް ތިރިކުރާނެ މީހަކު ހުންނާނެ ހެއްޔެވެ؟ މަންމާ، މަންމައާއި އަހަންނާ އަޅައިވެސް ނުބެލޭނެއެވެ. އަމިއްލަ އެދުމާއި އަގީދާ އާ މެދު އެއްވެސް އިރަކު ވާދަވެރިކަމެއް ނޯވެއެވެ.
މަންމަގެ ޖަނާޒާ އޮތީ ހެނދުނު ދިހައެއް ޖެހިއިރުއެވެ. މަންމަ އެދުނު ފަދައިން ޝުޖާއު ހަކީމުގެ މަހާނައާއި ޖެހިގެން މަންމަ ވަޅުލެވުނެވެ. މީހުން މަދުވަމުން ގޮސް ގޭތެރެއިން އެންމެން ކަހަލަ ގޮތަކަށް ހުސްވިއެވެ. އަދިވެސް މަރިޔަމް އެ އިންގޮތަށް އަނގައިން ނުބުނެ އިނެވެ. މިހާރު ގެގައި ތިބީ ވަރަށް މަދު މީހެކެވެ. އެމީހުން މަރިޔަމާ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. އެކަމަކު އޭނާ އެމީހުންނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަންމަގެ ހިތުގައި ޖެއްސީ އޭނާއޭ ބުނަންވީ ހެއްޔެވެ؟ ހާޓް އެޓޭކަށް ޒިއްމާވަނީ އޭނާ ކަމަށް އިއުތިރާފުވާންވީ ހެއްޔެވެ؟
ހަވީރު ހަތަރެއް ޖަހާ އެހާކަން ހާއިރު ހުރިހާ އަވަށްޓެރިން ގޭގެއަށް ދާން ނުކުތެވެ. އެވަގުތު ޒަނީން އެތެރެއަށް ވަނެވެ. "މަރިޔަމް އެ އިންނަނީ ހެނދުނު އައިސް އިށީން ގޮތަށް. އަނގަޔަކުން ނުބުނޭ، ނުއެއް ކައި، ނުއެއް ރޮއެ." ހަބީބާއްތަ ކަންބޮޑުވެފައި ބުންޏެވެ.
ޒަނީން ބުނާނީ ކީކޭހެއްޔެވެ؟ މަރިޔަމް އެ އިންނަނީ މަންމަ ނިޔާވުމުގެ ހިތާމައަކު ނޫންކަން އޭނާއަށް އެނގެއެވެ. މަންމައާ މެދު ކަންތައް ކުރެވުނު ގޮތުން އެކަމާ ވެރަދު ހީވެފައި އިނީއެވެ. އަނބިމީހާއަށްޓަކައި ޒަނީންގެ ހިތުގައި އުފެދިފައިވާ ކުލުނާއި ލޯބި ފޮހެވުނީ އަނބިމީހާ ކުރި އެންމެ ކަމަކުންނެވެ. އެކަމާ އޭނާ ކުރާނީ ކީއްހެއްޔެވެ؟ މަރިޔަމަކީ އޭނާގެ އަނބިމީހާގެ ގޮތުގައި ބަލައިގަންނާކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާގެ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. އަދި އޭނާ ވަނީ މަރިޔަމް ހިތުގައި ޖެހޭނޭ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރާނެ ކަމަށް މަންމައަށް ވައުދުވެފައެވެ.
"ގެއަށް ދެވުނީމާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ހަބީބާއްތަ ގާތު ޒަނީން ބުންޏެވެ. ގެއަށް ދާން ތައްޔާރުވެ، އޭނާ މަރިޔަމްގެ އަތުގައި ހިފިއެވެ. މަރިޔަމްގެ އަތް ވަރަށް ހޫނެވެ. މަރިޔަމްގެ އަތް އާދަޔާ ޚިލާފަށް ހޫނުކަން ފާހަގަކުރެވުނު ނަމަވެސް ހާލު އަހާލަންވެސް ޒަނީން ބޭނުމެއް ނުވިއެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް ދެމީހުން އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ.
ކާރު ޕާކުކޮށްފައި މަރިޔަމަށްވުރެ ކުރިން ޒަނީން ގެއަށް ވަނެވެ. "އަހަންނެއް ނުކާނަން. މަރިޔަމް ގާތު ކާން ބޭނުންތޯ އަހާލައްޗޭ." އެހެން ބުނެފައި އާޔާގެ އަތުން ޒައިނަބް ނެގިއެވެ. މަރިޔަމް ނިދާކޮޓަރިއަށް ވަނެވެ. އަދިވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. މަޑުމަޑުން ގޮސް އެނދުގައި އޮށޯތީއެވެ. އެހެން އޮވެ ނިދުނީ ކޮން އިރަކު ކަމެއް މަރިޔަމަކަށް ނޭނގެއެވެ.
(ސައްބީސްވަނަ ބާބު)
ވާރޭ ހުއްޓާލައިފިއެވެ. ވައި މަޑުވެއްޖެއެވެ. ދުނިޔެއަށް ހިމޭންކަން ވެރިވިއެވެ. އިރުކޮޅަކަށް އޭނާގެ ހިތުން ބިރު ފިލައިދިޔައެވެ. ފުން ނޭވާ ލަމުން އޭނާ ބިންމަތީގައި އޮށޯތެވެ. ޖައްވުގައި މަޑުމަޑު ހުވަނދުވަހެއް ހިފާފައި ހުއްޓެެވެ. އެއީ ކޮންވަހެއްކަން ދެނެގަންނާން އޭނާ މަސައްކަތް ކުރިއެވެ. ކުރިއެކޭ އެއްގޮތަށް މިހާރަކުވެސް އެއީ ކޮން ވަހެއްކަމެއް ނޭނގުނެވެ. އޭނާގެ ގައިގައި ގާކޮޅަކުން ޖެހިއްޖެއެވެ. ފަހަރަކު ގާކޮޅަކުން ގައިގައި ޖެހެމުން ދިޔައެވެ. މޮޅިވެފައި ވާނުވާ ނޭނގި އިނދެ އޭނާ ބިންމަތިން ތެދުވެ، ބިން މަތިން ގާކޮޅެއް ނެގިއެވެ. ފަނޑުއަލީން އެއީ ކޯޗެއްކަން އެނގޭ ވަރެއްނުވިއެވެ. ލޮލާއި ކައިރިކޮށްފައި އެއީ ކޯޗެއްތޯ ރަނގަޅަށް ބަލައިލިއެވެ. އެއީ ގަނޑުފެނުގެ ވާރޭ ކަމާ މެދަކު ޝައްކެއް ނެތެވެ. ބިރުން ތުރުތުރު އަޅާހާލު ގަނޑުފެނުގެ ވާރެއިން ސަލާމަތްވާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް މިހާރު ކުރިއަށްވުރެ ގިނައިން ގަނޑުފެންކޮޅުތައް އޭނާގެ އަތާއި، ކޮނޑު އަދި ބުރަކަށްޓަށް ފައިބަމުން ދިޔައެވެ. އޭނާ ދެއަތުން މޫނު ފޮރުވިއެވެ. ގައިގައި ރިއްސަން ފެށުމުން ބާރަށް ހަޅޭއްލަވަން ފެށިއެވެ. އޭނާއަކަށް ގަނޑުފެނުގެ ވާރެއިން ސަލާމަތެއް ނުވެވުނެވެ. ހީވަނީ މީހަކު އޭނާގެ ގައިގައި އޮށްގަލުން ތަޅަނީހެންނެވެ. އަނެއްކާވެސް ބޮޑެތި ފެންގަނޑުތައް ވެހެން ފެށިއެވެ. އޭނާގެ މުޅި ހަށިގަނޑު ވަށައިގެން ލޭ ފާއްދައިލިއެވެ. ލޭ އަންނަނީ ކޮން ދިމާއަކުން ކަމެއް އޭނާއަކަށް ނޭނގުނެވެ. މުޅި ގަައިގައި ވޭން އަަޅަން ފެށިއެވެ. ވަށައިގެން ލޭގެ ކޯރު ދެމެންފެށިއެވެ. ފައިގެ ވާގި ދޫވާހެން ހީވާން ފެށިއެވެ. ކަޅުވިލާތަކުން އުޑުމަތި ބައްދައިލިއެވެ. އެއްވެސް އަލިކަމެއް މިހާރަކު ނުފެނެއެވެ. ބާރު ވައިރޯޅި އައިސް ގައިގައި ބީހުމުން ގައިން ދިލަ ނަގަންފެށިއެވެ. ގަނޑުފެނުގެ ވާރެޔާއެކު ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ. ސަންގުމަރުމަރު ހިލައިގެ ތަޅުންމަތި ތެންމައިލިއެވެ. ކައްސާލައިގެން ވެއްޓިދާނެތީ އޭނާ އަނެއްކާވެސް ބިންމަތީގައި އޮށޯވެ ދެއަތް ދަމައިލިއެވެ. ހިފަހައްޓާނެ އެއްޗެއް ފެނޭތޯއެވެ. އިހުސާސްކުރެވެނީ ދިރިއުޅުމާއި ކުރި ހަނގުރާމަައިން ބަލިވީ ހެންނެވެ. އަނދިރިކަން އޭނާގެ ވަށައިލިއެވެ. ފަޔާއި އަތް އައްސިވެއްޖެއެވެ. އަނެއްކާ އިތުރު ބިރުވެރިކަމެއް ހިތަށް ވަންނަން ފެށިއެވެ. އޮށޯވެެގެން އޮތް ބިންގަނޑު ދެމެންފެށިހެން ހީވިއެވެ. ފަރުބަދައިގެ ކުންނު ލޯމަތިން ގެއްލުނެވެ. އޭނާ އަނދަވަޅަކަށް ވެއްޓެނީއެވެ. އަނދަވަޅަށް ވެއްޓެމުން ދާން ފެށުމުން ހިފަހައްޓާނެ އެއްޗެއް ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކަނު އަނދިރީގެ ތެރެއިން އެކައްޗެއްވެސް ނުފެނެއެވެ. ޖައްވު އެއްވަސްވެފައި އޮތީ މަޑުމަޑު ހުަވަނދު ވަހަކުންނެވެ. އެންމެފަހުން އެއީ ކޮން ވަހެއްކަން އޭނާއަށް އެނގުނެވެ. އެއީ ކާފޫރު ވަހެވެ.
***
ސިއްސައިގެން ގޮސް މަރިޔަމަށް ހޭލުވުނެވެ. އޭނާ އޮތީ ދާހިއްލާ ފޯވެފައެވެ. މާ ނޭވާ ލެވެނީއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ބެޑްޝީޓުގައި ދެއަތުން ބާރަށް ހިފަހައްޓައިގެން އޮވެ ނޭވާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ. ގައިން އޮހޮރުނު ދަލުން ބެޑްޝީޓުވެސް އޮތީ ތެމިފޯވެފައެވެ. އެތައް އަހަރެއް ކުރިން ފެންނަން ފެށި ހުވަފެން މިއަދު ފުރިހަމަވިއެވެ. އެ ހުވަފެން ފެށުނު ގޮތް ހަނދާނަށް ގެންނަން އޭނާ މަސައްކަތްކުރިއެވެ. އެއީ މީގެ ދިހަ އަހަރު ކުރިއެވެ. ދިހަ އަހަރު ކުރިން ސިޑީގެ ހަރުފަތްތަކުގައި ފުރަތަމަ ފައިތިލަ ޖެއްސި ދުވަހެވެ. އޭރު އެ ހުވަފެނުގެ ތައުބީރެއް ނޭނގެއެވެ. އެކަމާ ވިސްނިފައެއް ވެސް ނެތެވެ. ނަމަވެސް ސިލްސިލާކޮށް އެ ހުވަފެން ފެންނަމުން ދިޔައެވެ. މިއަދު އެ ފެނުނީ އެ ސިލްސިލާގެ އެންމެ ފަހު ބައެވެ.
އެއީ ކީއްވެގެން ފެނުނު ހުވަފެނެއްކަން މިއަދު އޭނާއަށް އެނގިއްޖެއެވެ. ހަގީަގަތުގައި އެއީ ހުވަފެނެއް ނޫނެވެ. އޭނާގެ ހަޔާތް ލޯމަތީން ނިއުޅެމުން ދިޔައީއެވެ. އެ ހަޔާތަކީ އަމިއްލަ އެދުމުން ފުރިގެންވި ހަޔާތެވެ. ނުފުއްދޭނެފަދަ އެދުންތަކުން ފުރިފައިވީ ހަޔާތެވެ. މިއަދު، ދިހަ އަހަރު ފަހުން އެ ހުވަފެނުގެ ތައުބީރު އެނގިއްޖެއެވެ. އޭނާ މޮޅު އެތައް ހުވަފެނެއް ދުށްޓެވެ. އެ ކާމިޔާބީގައި ފޮރުވިފައި އޮތީ އޭނާގެ ވެއްޓުމެެވެ. ހަރުފަތްތަކަކީ އޭނާގެ އެދުންތަކެވެ. އަލިކަމަކީ ހަސަދަވެރިކަމެވެ. ފަރުބަދައިގެ ކުންނަކީ ކާމިޔާބީއެވެ.
މަރިޔަމް ހުމާ ފިހެނީއެވެ. އަރު ހުރީ ބެދިފައެވެ. ނިދުމުގެ ކުރިން ޒަނީންގެ ކިބައިން މާފަށް އެދެން އޭނާ ބޭނުންވިއެވެ. އެކަމަކު ޒަނީން ކޮޓަރިއަކަށް ނުވަދެއެވެ. އޮށޯތުމާއެކު މަރިޔަމަށް ނިދުނީއެވެ. އޭނާ އެނދުގައި އަތް ކާއްތައިލިއެވެ. އެނދުގައި ހުރީ ހުހަށެވެ. އަދިވެސް ޒަނީނެއް ނެތެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. މިހާރު ރޭ ދެބައިވެދާނެއެވެ. އެކަމަކު ވީ ވަގުތެއް ބުނާކަށް ނޭނގެއެވެ. މަރިޔަމަށް އޮޅިއްޖެއެވެ. އެނދުން ތެދުވެ ދެއަތަށް ކިރެމުން ގޮސް ސުވިޗު ޖެއްސިއެވެ. ޒަނީން ކޮޓަރިއަކު ނެތެވެ. މަރިޔަމް ނުމުގެން ބޮޑުކޮޓަރިއަށް ދިޔައެވެ. އެތާކުވެސް ޒަނީނެއް ނެތެވެ. ދަރިފުޅު ނިދާ ކޮޓަރިއަށް އޭނާ ވަނެވެ. ޒައިނަބް އޮތީ ނިދާފައެވެ. އެކޮޓަރިއަކުވެސް ޒަނީނެއް ނެތެވެ. ހުން އައިސްފައި ހުރީމާ ގައިގައި މަޑުމަޑު ރިހުމެއް ހުއްޓެވެ. ޒަނީން ފޮތްކިޔާ ކޮޓަރި ކައިރިއަށް ގޮސް ތަޅުގައި ހިފިއެވެ. މަރިޔަމް ގަނޑުވިއެވެ. ޒަނީން ގިސްލަގިސްލާފައި ރޯ އަޑު އޭނާއަށް އިވެއެވެ. މަރިޔަމް އެތެރެެއަށް ވަނެވެ. ދޫލަ މަތީގައި އިށީނދެގެން ޒަނީން އިނެވެ. ހުުޅުވާފައި އޮތް ޚަތިމެއް އޭނާގެ ކުރިމަތީގައި އޮތެވެ. ޒަނީން ދެއަތުން މޫނު ފޮރުވައިގެން އިނދެ ބާރަށް ރޮނީއެވެ. ގުރްއާން ކިޔަވަން އިނދެފައި ދުއާއަށް ދެއަތް ނެގީމައި ބަޑިފަޅައިގެން ދިޔައީ ކަމަށް ވެދާނެއެވެ. ފިރިހެނަކު ރުއި އަޑެއް މީގެ ކުރިން ދުވަހަކުވެސް މަރިޔަމެއް ނާހައެވެ. މުޅި ދުވަހު ޒަނީން ކަރުނަތިތްކެއްވެސް ނުއޮހޮރައެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވިއެވެ. މަރިޔަމަށް ކުރެވުނު ކަންތަކާ މެދު ލަދުވެތިވިއެވެ. އޭނާ މި މީހާއަށް ކުރީ ކީއްހެއްޔެވެ؟
އޭނާ ގޮސް ފިރިމީހާގެ ގަޔަަށް ލެނގިލިއެވެ. "ޒަނީން." ޒަނީންގެ މޫނުން އަތް ނަގަން މަސައްކަތް ކުރަމުން އޭނާ މަޑުމަޑުން ޒަނީނަށް ގޮވައިލިއެވެ. ޒަނީން އަވަސްއަވަހަށް އޭނާގެ އަތް ދަމައިގަތެވެ.
"ޒަނީން، އަހަރެންގެ ގައިގައި ތަޅާ. އަހަންނާ ދިމާއަށް ހަޅޭއްލަވާ. އަހަރެންގެ ގަޔަށް ކުޅު ޖަހާ..."
ޒަނީން މަރިޔަމާ ދުރަށް ޖެހިލިއެވެ. ޚަތިމު ނަގައި ހަރުގައި ބޭއްވިއެވެ. މަރިޔަމަށް ބަލާލާފައި އޭނާ ބުންޏެވެ. "އަހަންނަކަށް މަރިޔަމްގެ ގަޔަކު ނުތެޅޭނެ. ހަޅޭކެއްވެސް ނުލެވޭނެ. ކުޅެއްވެސް ނުޖެހޭނެ. ސަބަބަކީ ތިއީ އަހަރެންގެ މަންމަ، ދަރިއެއް ފަދައިން ލޯބިވީ މީހާ. އަދި ތި މޫނަކީ އެތައް ފަހަރަކު މަންމަ ބޮސްދީފައިވާ މޫނެއް."
***
"މަރިޔަމްގެ މަންމަ އިއްޔެ ނިޔާވި ވާހަކަ އަޑު އެހިން. އަންގާލިނަމަ އަހަރެމެން ވަގުތުން ދިޔައިމުސް. އަހަންނަށް އެ ޚަބަރު ލިބުނީ އިއްޔެ ތިގެއަށް ފޯނުކުރުމުން." މަޒްހަރާއި ނުޒްހަތު އެގެއަށް އައީ ޒަނީނަށް ތައުޒިޔާ ކިޔާށެވެ. އެމީހުން ތިބީ ސިޓިންރޫމުގައެވެ. "ކޮބާ މަރިޔަމް؟"
"މަރިޔަމް އިއްޔެއްސުރެ އުޅެނީ ހުމާ. މިހާރު އޮތީ ނިންދަވާ ބޭސް ދީފައި." ޒަނީން ބުނެލިއެވެ.
"ބައްޕައާ ވާހަކައެއް ދައްކައިލާން ބޭނުން. ބައްޕައާ އެކަނި."
ނުޒްހަތާއި މަޒްހަރް ހައިރާންވެފައި އެކަކު އަނެކަަކަށް ބަލައިލިއެވެ. ނުޒްހަތު ބުންޏެވެ. "އަަަަހަރެން ގެއަށް ދަނީ. ގޮސްފައި ކާރު ފޮނުވާނަން." ނުޒްހަތު ހިނގައްޖެއެވެ.
މަޒްހަރް ސޯފާގައި އިށީނެވެ. ޒަނީން އޭނާ ގާތު އިށީނެވެ. "މަރިޔަމްގެ މަންމައަކީ ކާކުކަން އެނގޭތަ؟"
"ނޫން، ކިހިނެއް އަހަންނަށް އެނގޭނީ؟" ޒަނީންގެ ސުވާލުން މަޒްހަރަށް ލިބުނީ ބޮޑު ސިހުމެކެވެ.
"ޚަދީޖާ ނޫރް ދަންނަންތަ؟" މަޒްހަރް ޒަނީނަށް ބަލައިލިއެވެ. އޭނާގެ ގަޔަށް ހީވީ ހޮނެއް އެޅިހެންނެވެ. "އެއީ އަހަރެންގެ މަންމަ. ބައްޕައަށް އޭނާ އެނގޭނެކަން ކަށަވަރު. އިއްޔެ ނިޔާވީ އަހަރެންގެ މަންމަ."
މަޒްހަރް އިރުކޮޅަކު ހިމޭނުން އިނދެފައި ވަރަށް ހަރުކަށިކޮށް ޖަވާބު ދިނެވެ. "އަހަންނަށް ތިހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ބޭނުމަކީ ކޮބާ؟ މަންމައަކީ ކާކުކަން ޒަނީނަށް އެނގެންޏާ އަހަރެން އޭގަ ކުރާނީ ކީއް؟"
"އަހަންނަކަށް ވެސް ނޭނގޭ ބައްޕައަށް އަހަރެން މިހުރިހާ ވާހަކައެއް ކިޔައިދެނީ ކީއްވެގެން ކަމެއް. އަހަރެންގެ ހިތުގައި އަޅާ ވޭނަށް ލުޔެއް ލިބޭނޭހެން ހީވާތީ ކަމަށްވެސް ވެދާނެ... ނުވަތަ..."
"ތިބުނާ މަންމަގެ ހަގީގަތް ބައްޕަ ކިޔައިދޭން ވެއްޖެއްޔާ... ދަރިފުޅު އޭނައަށް މަންމައެކޭ ނުކިޔާނެ. ދަރިފުޅަށް ޝަރަފުވެރިކަމާއެކު މަގުމަތީގައި ހިނގާލެވެނީ ބައްޕަ އެ ސިއްރު ހިފެހެއްޓީތީ..." މަޒްހަރުގެ އަޑުގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ.
"ކޮން ސިއްރެއްތަ ބައްޕާ؟ މަންމައަކީ އިރެއްގައި ހަށިވިއްކި މީހެކޭތަ؟"
ޒަނީން އެހައި ހަމަޖެހިލައިގެން އެވަހަކަ ބުނުން މަޒްހަރަކަށް ގަބޫލެއް ނުކުރެވުނެވެ.
"މަންމަ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދިން. އެއްވެސް އެއްޗެއް ސިއްރެއްނުކުރޭ. މަންމައަށްޓަކައި އަހަރެން ފަޚުރުވެރިވަން. ލަދުން އިސްޖަހައިގެން ހުންނާކަށް އަހަރެން ނުޖެހޭ. އިސްލާމް ދީން ގަބޫލުކުރި ފަހުން މަންމަ އެއްވެސް ގޯހެއް ނަހަދާ. މަންމަ އުޅުނީ ގަދަރުވެރި ދިރިއުޅުމެއް. ބައްޕަގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް. ބައްޕަ މަންމައަށް އެހާ ބޮޑު އަދަބެއް ދިނީ މަންމަގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫން."
"އޭނާ އަހަންނަށް ހެދީ ދޮގު. އަހަންނާ އިނީ އޮޅުވާލައިގެން."
(ނުނިމޭ)
mariyam akee ulubainhan vefa huri meeheh
E koacheko?
??
V.Furihama vaahaka eh. Sooo touching
Amilla an'bimeehaa aa bappa ah maafu kureveyne hiyavaru Zaneen ah libeynebaa