(29 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގެއަށް އައިސް ވަދެ ތިންގަޑި އިރު ނުވެއެވެ. ދޮރުގައި ބާރަށް ތަޅާ އަޑު އިވެން ފެށިއެވެ. ބިރުން ވިރިވިރި ހުރެ އޭނާ ދޮރު ހުޅުވިއެވެ. އާދައިގެ ހެދުމުގައި ތިބި ދެމީހަކު ދޮރުމަތީގައި ތިއްބެވެ. "އަހަރެމެންނަކީ ސްކޮޓްލަންޑް ޔާޑް މީހުން، އަހަރެމެންނާއެކު އަނެއްކާ ފުލުސް ސްޓޭޝަނަށް ދާންއެބަޖެހޭ." އެތަނުން އެކަކު ބުންޏެވެ.
އެއީ ކޮންބައެއްތޯ ޔަގީންކުރާކަށް ކެތަރިން ނާހައެވެ. މަޑުމަޑުން ކޯޓު ލައިގެން ދަބަސް ނަގައިގެން ނުކުތް އިރު ގެ ދޮރުމަތީގައި ކާރެއް އޮތެވެ. އެއީ ފުލުސް ކާރެއް ނޫންކަން އެނގުމުން އޭނާ ހައިރާންވިއެވެ. އެތަނުން އެކަކު ދޮރު ހުޅުވައި ކާރަށް އަރަން އެންގިއެވެ. ކާރަށް އެރުމުން އޭނާގެ ދެފަރާތުގައި ދެމީހުން އިށީނެވެ. އެމީހުން އެރުމާއެކު ކާރު ދުއްވައިލިއެވެ. ހައިވޭއަށް ކާރު އެރުމާއެކު އޭނާގެ ކަނާތްފަރާތުގައި އިންމީހާ ޖީބުން އެއްޗެއްް ނަގައި ކެތަރިންގެ މޫނަށް ސްޕްރޭ ކުރިއެވެ. ނޭވާ ނުލެވިގެން ހާސްވެގެން އޭނާ ތެޅެން ފެށިއެވެ. އިރުކޮޅަކުން ހޭނެތިއްޖެއެވެ.
***
ހޭ އެރިއިރު ކެތަރިން އިނީ އަނދިރި ކޮޓަރިއެއްގައެވެ. ލޯ ހުޅުވުމަށްފަހު އެއީ ކޮންތަނެއްކަން ޔަގީންކުރުމުގެ ގޮތުން އޭނާ ވަށައިގެން ހޯދާލިއެވެ. ދޮރު ހުރިތަން ފާހަގަވުމުން ތެދުވެ އެދިމާއަށް ދުއްވައިގަތެވެ. ދޮރު ހުރީ ތަޅުލާފައެވެ. ކުޑަދޮރު ކައިރިއަށް ގޮސް ދޮރު ފޮތިގަނޑު ކަހައިލިއެވެ.
އޭނާ ހުރީ ލަކުޑިން ދެބުރިއަށް ހަދާފައި ހުރި ކުޑަކުޑަ ގެއެއްގެ މަތީ ފަންގިފިލާގައެވެ. އެއީ ކޮންތަނެއް ކަމެއް ނޭނގެއެވެ. ވަށައިގެން އެހެން އެއްވެސް އިމާރާތެއް ނެތެވެ. ސްނޯއިން ބިންގަނޑު ފޮރުވިފައި އޮތް ނަމަވެސް އެއީ ކުނި ގޮނޑެއް ކަހަލަ ތަނެއްކަން އެނގެއެވެ. އޭނާ އެހުރީ ދިރިއުޅޭ ސިޓީއާ މާދުރު ނޫން ހިސާބެއްގައި ކަން އެނގުނެވެ. ފުލުހުން އޭނާ ކުނިގޮނޑަކަށް ގެންނަންވީ ކީއްކުރަންހެއްޔެވެ؟ ކެތަރިން ބިރު ގެންފިއެވެ. އަނެއްކާވެސް ދުވެފައި ގޮސް ބާރަށްް ދޮރުގައި ތަޅަން ފެށިއެވެ. އިރުކޮޅަކުން މީހަކު އަންނަ އަޑު އިވުނެވެ. އޭނާ ކޮޓަރީގެ އެންމެ އެތެރެއަށް ހުރި ފާރާ ދިމާއަށް ޖެހިލިއެވެ. ދޮރު ހުޅުވާފައި އެތެެރެއަށް ތިން ފިރިހެނަކު ވަދެއްޖެއެވެ. އެތަނުން އެކަކު އެއީ އޭނާ ގާތު ފުލުސް އޮފީހަށް އަންނަން ބުނި މީހާއެވެ.
"ތީ ފުލުހުންނެއް ނޫން. އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟" ބިރުން ތުރުތުރު އަޅައަޅާ ހުރެ ކެތަރިން ސުވާލުކުރިއެވެ.
"ރަނގަޅަށް ތިބުނީ. އަހަރެމެންނަކީ ފުލުހުންނެއް ނޫން." އެމީހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "މިހާރު ތިހުރީ ލަންޑަނަކު ނޫން. މާދަމާ ލެސްޓަރ އަށް ގެންދެވޭނެ. އަހަރެމެންނަކީ ލެސްޓަރގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ބައެއް. އެތަނަށް ގޮސް އެތަނުގައި އުޅޭ އަންހެން ކުދީންނާއެކު އަހަރެމެންނަށް މަސައްކަތް ކޮށްދޭންވީ."
ކެތަރިންގެ މައިބަދައިގެ ތެރެއިން ހޫނު އޮއިވަރެއް ދައުރުވާން ފެށިއެވެ. "ތީ ކުށްހީއެއް. އަހަންނަކީ ހަށިވިއްކާ މީހެއް ނޫން..." އޭނާ ވައި އަޑުން ބުންޏެވެ.
އެމީހާ ޖީބުން ޕެކެޓެއް ނެގިއެވެ. އަދި ކެތަރިންގެ ވާހަކަ މެދުކަނޑައިލިއެވެ. "ހަށިވިއްކާ މީހެއް ނޫންތަ ތީ؟ އޭނާ މަލާމާތް ކުރިއެވެ. "ތީ ކާކުކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ."
"ކެތަރިން އެލެގްޒެންޑަރ ބްރައުން." ޖީބުން ނެގި ކަރުދާސް ބަލައިގެން އެމީހާ ބާރަށް ކިޔަންފެށިއެވެ. "އުމުރު 18އަހަރާއި 2 މަސް. މަންމަގެ ނަން ރޫތު ބްރައުން. ބައްޕަގެ ނަމާއި ގައުމު ޢަލީމް ސާޖިދް، ޕާކިސްތާން. މަންމަ މަސައްކަތް ކުރީ ބާރ އެއްގައި. އޭނާ ވަނީ މީގެ ދެއަހަރު ކުރިން މަރުވެފައި. އޭނާ މި ދުނިޔެ ދޫކުރުމާއެކު ހެން ކަލޭ ހަށިވިއްކަން ފަށައިފި."
އެމީހާ ކެތަރިން ބުނި އެއްޗަކަށް ސަމާލުކަމެއް ނުދެއެވެ. އަދިވެސް ކަރުދާސް ބަލައިގެން ބާރަށް ކިޔަނީ އެވެ. "އެއްބަނޑު އެއްބަފާ އެކަކު ވެސް ނެތް..." ދެން އެމީހާ ކެތަރިންގެ ބޮޑު ބޭބެމެންނާއި ބޮޑުދައިތަމެން ނަން ކިޔެވެ. އޭނާގެ އަޑުއަހަން ކެތަރިން ހިމޭނުން އިނީއެވެ. ކެތަރިން އަނެއްކާވެސް އެމީހާއަށް އިވޭ ވަރަށް ބާރަށް ވާހަކަ ދައްކަން ފެށިއެވެ.
"މިހާރަކު އަހަރެން ހަށިއެއް ނުވިއްކަން. އަހަރެން އެންގޭޖުވެއްޖައިން، އަދި ވަރަށް އަވަހަށް ކާވެނިކުރާނަން. އަހަރެންގެ ވާންއުޅޭ ފިރިމީހާ ވީ ޕާކިސްތާނަށް ގޮސް. ވަރަށް އަވަހަށް އެނބުރި އަންނާނެ. އޭނާ އައުމާއެކު އަހަރެމެން ކާވެނިކުރާނަން." ކުރަކިވެފައިވާ އަޑަކުން ކެތަރިން ބުންޏެވެ.
"މަޒްހަރް ޚާން. އޭނާގެ ނަމަކީ އެއީ، އެހެންނުން؟ އޭނާ ދެން ނާންނާނެ. އޭނާ ކެތަރިންއާ ކާވެންޏެއް ނުކުރާނެ. ރުހިގެން ވިޔަސް ނުރުހިވިޔަސް ކެތަރިން އަހަރެމެންގެ ވިއުގައަށް މަސައްކަތް ކުރާނެ." އެމީހާގެ ރާގު ބަދަލުވިއެވެ. ހަރުކަށި ރާގަކަށް ވާހަކަ ދައްކަމުން ދިޔައެވެ. "އަހަރެމެންނަށް ކެތަރިންގެ ހުރިހާ މައުލޫމާތެއް އެނގޭ. އަޅާލާނެ މީހަކު ނެތްކަމާއި ގެއްލިގެން ހޯދާނެ މީހަކު ނެތްކަން ވެސް އެނގޭ. އަހަރެމެން ބުނާ ގޮތަށް އުޅުނީމާ އަހަރެމެން ކެތަރިންގެ ހުރިހާ ކަމެއް ބަލަހައްޓާނަން. ރަނގަޅު އުޖޫރައެއް ދޭނަން. ހިތްފަސޭހަ އެޕާޓްމެންޓެއް ދޭނަން..." ކެތަރިންގެ ވާހަކަ އަޑުއިވޭ ކަމަށް ނަހަދައި، އެ ހަރުކަށި ރާގަށް އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. "ދޮރު ތަޅުލަނީ ދެން. އަހަރެން މިބުނި ވާހަކައާ މެދު ވިސްނައިލާ. ކެތަރިން އަށް އެހީވާން އަންނާނެ މީހަކު ނުހުންނާނެ. ބޭނުމިއްޔާ ދޮރުގައި ބާރަށް ތަޅާ، ހަޅޭއްލަވާ، ސަލާމަތް ކުރާން އަންނާނެ އެކަކުވެސް ނުހުންނާނެ. އެހެންވީމާ އަމިއްލަ ހަށްޓަށް ލުއިގޮތެއް ޚިޔާރުކުރޭ. އަރާމުކޮށްލާފައި އަހަރެމެންގެ ހުށަހެޅުން ގަބޫލުކުރޭ."
އެ ތިން މީހުން ކޮޓަރިން ނުކުތެވެ. އެމީހުން ތަޅުދަނޑި އަނބުރައިލި އަޑު ކެތަރިން އަށް އިވުނެވެ. ކެތަރިން އިންތަނުން ހިރިވެސް ނުލައެވެ. ވާނުވާ ނޭނގިފައި އިނީއެވެ. މިއީ ކޮންބައެެއް ހެއްޔެވެ؟ އެމީހުން އޭނާ ވަގަށްނެގީ ކީއްކުރަން ހެއްޔެވެ؟ އޭނާއާ ބެހޭ ހުރިހާ މައުލޫމާތު ހޯދީ ކިހިނެއްހެއްޔެވެ؟ އޭނާގެ ދިރިއުޅުމާއި، އަދި އާއިލާއާ ބެހޭ ހުރިހާ ތަފްސީލު މިމީހުންނަށް ދިނީ ކާކުހެއްޔެވެ؟ އޭނާ ތެދުވެ ކޮޓަރީގައި ކުރުކާލި ކަނޑަން ފެށިއެވެ.
"އަހަރެންގެ މާޒީ އެނގޭނީ ފުލުހުންނަށް އެކަނި... ދެން މަޒްހަރަށް. މި މީހުންނަށް މައުލޫމާތު ދިނީ ކޮންމެ މީހެއް ކަމަށްވިޔަސް، އެމީހަކު އަހަރެން މުސީބާތެއްގެ ތެރެއަށް ވައްޓައިލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވޭތުވެދިޔަ އަށް މަސްދުވަސްތެރޭ މަޒްހަރް ނޫން މީހަކާ އަހަރެން ވާހަކައެއް ނުދައްކަން. އެމީހުންނަށް މަޒްހަރް އެނގެނީ ކިހިނެއްހެއްޔެވެ؟ މީ އަނެއްކާ މަޒްހަރް..." އެއީ ހިތަށް ގެންނަ ވަރަށްވުރެ ބިރުވެރި ޚިޔާލެކެވެ. އޭނާ އެގޮތަށް ވިސްނާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އޮށް އިންދައިފިއެވެ. އެ ޚިޔާލު އޭނާއާ ދުރަކަށް ނުދިޔައެވެ. މިއީ މަޒްހަރު އޭނާ އަށް ދިން ލަނޑެއްބާ؟ އަށްމަސް ވާންދެން މަޒްހަރް މާ ހިތްހެޔޮކަމަށް ހެދިގެން އުޅުނު ސަބަބަކީ މިއީތަ؟ އޭނާ ގޮވައިގެން ބޭރަށް ގޮސް، ހުރިހާ ބިލަކަށް ފައިސާ ދައްކައި...؟
ނޫން! މަޒްހަރްގެ ބޮލުގައި އޭނާ އިލްޒާމެއް ނާޅުވާނެއެވެ. މަޒްހަރް އޭނާދެކެ ލޯބިވެއެވެ. އެހައި އިހާނެތިކޮށް އޭނާއާ މެދު މަޒްހަރު އަމަލުނުކުރާނެކަން ޔަގީނެވެ. އެހެން ނަމަވެސް އެ ޚިޔާލާއި ދުރަށް ދެވޭގޮތެއް ނުވެއެވެ. މަޒްހަރް ނޫން މީހަކަށް އޭނާގެ ބައްޕައަކީ ޕާކިސްތާނު މީހެއްކަން އެނގޭތަ؟ އެއީ ކާކު؟ މަޒްހަރުގެ އިތުރުން ބައްޕަގެ ނަމަކީ ޢަލީމްކަން އެނގޭނީ ކާކަށް؟
ރޮއިރޮއި ކެތަރިންގެ ލޮލުން ކަރުނަ ހިކުނެވެ. އޭނާ ކުޑަދޮރު ކައިރީގައި ހުއްޓި ހުރެ ބޭރަށް ބަލަން ފެށިއެވެ. "އޭނާ އަހަރެން ބަރުބާދު ކުރީ! އޭނާ އަހަރެންގެ ހަޔާތް ބަރުބާދުކުރީ!" މަންމަގެ އަޑު އިވުނުކަހަލައެވެ.
"އެކަމަކު މަޒްހަރް އަހަރެންގެ ހަޔާތް ބަރުބާދެއް ނުކުރޭ. އޭނާ އަހަރެން ބަރުބާދެއް ނުކުރޭ. މި ފައިބާ ސްނޯގެތެރޭގައި އޭނާ އަހަރެން ވަޅުލައިފި." ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރެ ކެތަރިން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. "މިހާރު އަހަރެން މިއޮތީ ވަޅުލެވިފައި، ހުއްޓާނުލައި ސްނޯ ފޭބިޔަސް ކުރާނެ އިތުރު އަސަރެއް ނެތް. އަހަރެންގެ ހަމައެކަނި ދުއާއަކީ ހުއްޓާނުލައި ސްނޯ ފޭބުން، އެހެން މީހަކަށް އަހަރެން ދުވަހަކުވެސް ނުފެނުން... މަޒްހަރް ޚާން..." ކެތަރިން ހިތި ގޮތަކަށް ހީނލިއެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑަށް އޭނާ ފުމެލިއެވެ. ވަށްބުރެއްގެ ސިފައިގައި އޭނާގެ އަނގައިން ބޭރުވީ ވައިގެ ފޫސްމަ ކުޑަދޮރުން ފެންނާން ހުއްޓެވެ. ފޫސްމައިގެ މަތީގައި އޭނާގެ ކަނާތު އަތްތިލަ ޖައްސައިލިއެވެ. އޭނާގެ އަތުގެ ނިޝާން ކުޑަދޮރުގައި ޖެހިއެވެ.
"މަޒްހަރް ޚާން، މިއީ މަޒްހަރްގެ ކުށެއް ނޫން. މިއީ އަހަންނާ މެދު ތަގްދީރުގައި ލިޔެވިފައި އޮތް ގޮތް. އަހަންނަކީ ރޫތު ބްރައުންގެ އަންހެން ދަރި. އެއްވެސް މީހެއްގެ އަނތްބަކަށް އަހަންނަކަށް ނުވެވޭނެ." އިޚްތިޔާރަކާއި ނުލައި ކެތަރިންއަށް ގިސްލެވެން ފެށިއެވެ.
"ޚަދީޖާއަކީ އަހަންނަށް ވަރަށް ރީތި ނަމެއް. އަހަރެން ކެތަރިންގެ ނަން ޚަދީޖާއަށް ބަދަލުކުރާނަން..." މަޒްހަރްގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ. "ޖިންގަލް ބެލްސް، ޖިންގަލް ބެލްސް، ޖިންގަލް އޯލް ދަ ވޭ..." ކެތަރިން މަޑުމަޑުން ލަވަކިޔަން ފެށިއެވެ.
"ހީނލީމާ ހާދަ ރީއްޗޭ..." ކަންފަތުގައި ގުގުމާފައި ހުރި އަޑު ނުހުއްޓެއެވެ.
އޭނާ ބާރަށް ހޭން ފެށިއެވެ. "އަހަރެން އެނބުރި އަންނައިރު ޕާކިސްތާނުން ހެދުން ގެންނާނަން، އަހަރެމެންގެ ގައުމުގެ މީހުން ލާކަހަލަ ހެދުން..."
އޭނާ އަނެއްކާވެސް ލަވަކިޔަން ފެށިއެވެ. އެ އަޑާ ދުރަށް ދެވޭތޯއެވެ.
"ކެތީ، އަހަރެމެން ތޭމްް ކޯރުން މަސްބާނަން ދާނަން ދޯ؟"
ކެތަރިން އަށް ބޭއިޚްތިޔާރުގައި ހެވެން ފެށިއެވެ. އޭނާގެ ކޯތާފަތްމަތި ތެމިފައި ހުރިކަމުގެ އިހުސާސް ކުރެވުނެވެ. ކުޑަދޮރުގައި ޖެހި އަތުގެ ނިޝާންވެސް ގެއްލިއްޖެއެވެ. ހުރިހާ އެއްޗެއް ގެއްލިއްޖެއެވެ. ހަޔާތް. ގުޅުންތައް. އިތުބާރު. ހުވަފެން. އުއްމީދު. އެދުން. އަލި. ބާކީ ހުރި ހަމައެކަނި އެއްޗަކީ ސްނޯއެވެ. ލޮލަށް ފެންނަ އެކަނި އެއްޗަކީވެސް ސްނޯއެވެ. ހުރިހާ އެއްޗެއް ފަރުދާކޮށްގެން ގަނޑުވެފައި އެހެރަ ސްނޯއެވެ. އޭނާގެ ކުޑަދޮރުގައި ބޯ ޖައްސައިގެން ހުރެ ކުޑަކުއްޖެއްހެން ރޮމުން ގެންދިޔައެވެ.
ބޭރުން ބޯކޮށް ސްނޯ ފައިބަމުން ދެއެވެ.
(އެގާރަވަނަ ބާބު)
ވަށައިގެން މުޅި ޖައްވު އެއްވަސްވެފައި އޮތީ މަޑުމަޑު މީރު ވަސްދުވާ ސެންޓު ވަހަކުންނެވެ. އޭނާ ލޯ މަރާލާފައި ފުން ނޭވައެއް ލިއެވެ. ރަނގަޅަށް އެ ވަސް ބަލައިލުމަށެވެ. އެ ވަސް އަންނަނީ ކޮން ދިމާއަކުން ކަމެއް ނޭނގެއެވެ. ވިސްނަވިސްނާ ވެސް އެއީ ކޮން ދިމާއަކުން އަންނަ ވަހެއް ކަމެއް ނޭނގުނެވެ.
***
ސޯފިއާއާ ދެބަސްވީ ފަހުން އެންސީއޭއިން މަރިޔަމަށް ޒަނީން އެތައް ފަހަރަކު ފެނިއްޖެއެވެ. އެކަމަކު އޭނާއާ ވާހަކަ ދައްކާކަށް ޒަނީން ނޫޅެއެވެ. ގިނަފަހަރަށް އުޅެނީ ސޯފިއާއާއެކުއެވެ. އޭނާ ފެނުނަސް ޒަނީން އޭނާ ނުފެންނަަމަށް ހަދައެވެ. ސޯފިއާ ނުހުންނަ ތަންތަނުން މަރިޔަމް ފެނުނަސް ސަލާން ގޮވައިވެސް ނުލައެވެ. މަރިޔަމް ހީކުރީ ސޯފިއާ އަތަށް ދީފައި ޗެކު ފޮނުވުނީތީ ޒަނީން މާފަށް އެދޭނެ ކަމަށެވެ. މާފަށް ނޭދުނަސް އެންމެ ކުޑަވެގެން ސަލާން ގޮވައިލާނެ ކަމަށެވެ. މިގޮތަށް އޭނާ ބާކީކުރާކަން އިހުސާސްވުމުން ރުޅިގަދަވާން ފެށިއެވެ.
ޒަނީން އަބަދު ކޮލެޖަށް އައިސްގޮސް ހަދަން ފެށުމުން އޭނައާ ސޯފިއާގެ ކާވެނީގެ ޚަބަރު ފެތުރެން ފެށިއެވެ. އެދުވަހު މަރިޔަމަށް މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އޭނާގެ ސިކުނޑީގައި ސޯފިއާއާ ޒަނީން ނޫން އެއްޗެއް ނެތެވެ. އެގޮތަށް އިހުސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މަރިޔަމް ސޯފިއާ ދެކެ ދުވަހަކުވެސް ގަޔައެއް ނުވެއެވެ. އެކަމަކު ހަސަދަވެރިކަމުގެ އޮއިވަރެއް ހިތުގައި ހިނގާން ފެށީ މިއަދުއެވެ. އަލަށެވެ. ސޯފިއާ... ޒަނީން... އެ ދެމީހުންގެ ކާވެނީގެ ޚަބަރު އިވުމުން އޭނާގެ ހިތުގައި ރިއްސަނީ ކީއްވެހެއްޔެވެ؟ ގެއަށް އާދެވުނު އިރު މަރިޔަމް ހުރީ މާޔޫސްވެ ދެރަވެފައެވެ.
ޖެހިގެން އައިދުވަހު ކޮލެޖުން ސޯފިއާ ފެނުމުން މީގެ ކުރިން ކުރެވުނު އިހުސާސެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި އޭނާގެ ހިތަށް އެރީ ސޯފިއާގެ ނަސީބު ގަދަ ކަމެވެ. "ސޯފިއާއަކީ ނަސީބުވެރިއެއް،. ޒަނީން އޭނާ ދެކެ ނުލާހިކު ލޯބިވޭ، އޭނާއާ އިންނާން ބޭނުންވޭ." މަރިޔަމް ހިތަށް އެރިއެވެ. އެއީ އޭނާއަށް ލިބިފައިނުވާ ހުނަރު ސޯފިއާއަށް ލިބިފައިވެޔޭ ހިތަށް އެރި ފުރަތަމަ ފަހަރެވެ.
ސޯފިއާއާ ޒަނީންގެ ކާވެނީގެ ވާހަކަ ސޯފިއާ ދޮގެއް ނުކުރެއެވެ. އެދެމީހުން ވަރަށް އަވަހަށް ކާވެނިކުރާނެކަން އެންމެންވެސް ގަބޫލުކުރެއެވެ. މަރިޔަމްގެ ހިތަށް ލިބުނު ނުތަނަވަސްކަން ފިލައެއް ނުދެއެވެ. އޭނާ ހުންނަނީ މޮޅިވެފައެވެ. ކޮލެޖުގައި އޭނާ ކުރަމުން އައި މަސައްކަތަށް އަސަރުކުރިއެވެ. ގޭގައި މަންމައާއި މެދު އޮތް ހިތްހަމަނުޖެހުން އިތުރުވިއެވެ. ގެއަށް ގޮސް ގިނަ ވަގުތު އޮންނަނީ ނިދާފައެވެ. ނުވަތަ ޒަނީނާ ސޯފިއާއާ މެދު ވިސްނާށެވެ.
ނަސީބު ކަން ދިމާކުރި ގޮތުން ޕްރޮފެސަރ ޢައްބާސް އޭނާއަށް އާ ޕްރޮޖެކްޓެއް ހުށަހެޅިއެވެ. ސިޓީގައި ހުންނަ ފަސްތަރީގެ ހޮޓަލަކުން އެ ހޮޓެލް ތެރޭގައި ހުޅުވާ ޖަޕާނު ރެސްޓޯރެންޓެއްގެ މަސައްކަތެވެ. ރެސްޓޯރެންޓުގެ ފާރުގައި ކުރަހާނެ އާޓިސްޓަކު ހޯދަން އެތަނުން އެންސީއޭގައި އެދުނީއެވެ. މިވަގުތު ނަފްސާނީ ހާލަތު ހުރިގޮތުން މަސައްކަތް ނަގަން ބޭނުންނުވި ކަމުގައިވީނަމަވެސް އޭނާ ފައިސާ ބޭނުމެވެ. އޭގެ އިތުރަށް އެއީ އޭނާގެ އުފެއްދުންތެރި ޚިޔާލު ބޭނުންކޮށްލަން ލިބޭ ފުރުސަތެއްވެސްމެއެވެ. އެ ހޮޓަލުން އޭނާއަށް ލިބުނު ހުށަހެޅުމަކީ ދޫކޮށްލާވަރުގެ ހުށަހެޅުމެއް ނޫނެވެ. އޭގެ އިތުރަށް ކޮލެޖު ނިމޭއިރަށް އޭނާ ބަަލައި ހޮޓަލުން ކާރު ފޮނުވައެވެ. ނިމުމުން ކާރުގައި ގެއަށް ގެންގޮސްދެއެވެ.
އެދުވަހަކީ އޭނާ ހޮޓަލުގައި މަސައްކަތް ކުރަން ފެށިތާ ދެވަނަ ދުވަހެވެ. މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްކޮށް ވަރުބަލިވުމުން އިރުކޮޅަކަށް މަސައްކަތް މެދުކަނޑައިލިއެވެ. ރެސްޓޯރެންޓުގައި ކާންތިބި މީހުންނަށް އޭނާ ނަޒަރު ހިންގައިލިއެވެ. ނަޒަރު ހުއްޓުނީ އޭނާއާ ހަތަރު ފަސް ފޫޓު ދުރުގައި ހުރި މޭޒެއްގައި ތިބި ޒަނީނާ ސޯފިއާއަށެވެ. މަރިޔަމް ލަދުގަތެވެ. އޭނާ ބޭނުންވީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް ތެދުވެފައި އާ ހިތްވަރަކާއެކު މަސައްކަތް ފެށިއެވެ. އެކަމަކު އޭނާ ހީކުރިގޮތަށް މަސައްކަތެއް ނުކުރެވުނެވެ. ގެންދާން ބޭނުންވާ ގޮތަށް ފިހިގަނޑު ހިންގައެއް ނުލެވުނެވެ. އޭނާ މަސައްކަތް ހުއްޓާލާފައި ދަބަހަށް އެއްޗެހި އެޅިއެވެ. އަދި މެނޭޖްމެންޓަށް އަންގާފައި ގެއަށް ހިނގައްޖެއެވެ.
ޖެހިގެން އައި ފަސްދުވަހު އޭނާއަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނެވެ. އެހެންނަމަވެސް ހަވަނަ ދުވަހު އަނެއްކާވެސް ޒަނީނާ ސޯފިއާ ރެސްޓޯރެންޓު ތެރެއިން ފެނިއްޖެއެވެ. މިއަދުވެސް އެމީހުން ތިބީ އޭނާއާ މާ ދުރަކު ނޫނެވެ. ފިހިގަނޑު ހިންގަމުން ދިޔައިރު އޭނާއަށް އެމީހުން ފެނެއެވެ. ދެމީހުން ހީނހީނފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. މަރިޔަމަށް ހީވީ އެމީހުން ދައްކަނީ އޭނާގެ ވާހަކަ ހެންނެވެ. އެހިސާބުން އޭނާއަށް މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ.
ކުރީ ދުވަހަށްވުރެ މާބޮޑަށް އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވެއެވެ. ރިސެޕްޝަނިސްޓު ގާތަށް ދިޔައިރުވެސް މޫނުމަތިން އެ އަސަރު ފޮރުވައެއް ނުލެވުނެވެ. އޭނާ އެތަނަށް ދިޔައީ ގެއަށް ދާން ކާރު ހަމަޖައްސައިދޭން ބުނާށެވެ.
"ކޮފީއެއް އެއްޗެއް ބޮއިގެން ދާންވީނުން." ރިސެޕްޝަނިސްޓު ބުންޏެވެ. މަރިޔަމް ކޮފީ ބޯކަށް އެއްބަހެއް ނުވިއެވެ. އޭނާ މަސައްކަތް ކުރަނީ ލޮލުތެރެއަށް ޖަމާވެފައި ހުރި ކަރުނަ ފައިބަން ފެށުމުގެ ކުރިން އެތަނުން ނުކުމެވޭތޯ އެވެ.
(ނުނިމޭ)
މަރިޔަމް ފަކީރު
Zanyn men ulhey gothun hyvany mariyam j kuran ulheyhen. hama e restaurant ah dhaan jeheytha abadhu
Vv. Reethi
Aee thedheh...mi dhedhuvahu ves iru iru kolhun mi site ah vadhe beley vaahaka up kuritho...ehen noony varah nuvaa kameh...
mee vvreethi higgimu vaahakeh
akamu dheraee dhuvahun dhuvahah vaahaka nunerevun
alhugandu men nah v rangalhu migothah dhuvahun dhuvahah nunere dheven yaam comment akunves angaala dhehvun qabool kuran dhimaavedhaane sababuthakaahure baeh faharu dhimaavedhaane mihenves veemaa " alhugandu mennahangavaaladhehvun