ބްލޫ ޕްރޮސްޕެރިޓީ އާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިޔަ ކަނޑުފަރުގެ ދިރާސާގެ ފުރަތަމަ ބައި ނިންމާލައިފި

ދިވެހިރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި، ކަނޑުގެ މާހައުލުގެ، އަދި މަސްމަހާ މެހީގެ އާބާދީގެ ދިރާސާގެ ފުރަތަމަ ބައި ވަނީ މިހަފްތާގެ ތެރޭގައި ނިމިފައެވެ. 26 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިދިރާސާގައި ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މަޢުލޫމާތާއި ޑޭޓާ ނަގާފައިވެއެވެ. މިދިރާސާގައި ދިވެހި ސައިންޓިސްޓުންގެ އިތުރުން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ފަރާތުން، 8 ޤައުމެއްގެ ސައިންސްވެރިން ބައިވެރިވެ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ އުކުޅުތައް ބޭނުންކޮށްގެން ޑޭޓާ ނަގާފައިވެއެވެ. މިގޮތުން، ތްރީ-ޑީ ކޮރަލް އިމޭޖިން، އެންވަރަމަންޓަލް ޑީ.އެން.އޭ، ބެއިޓަޑް ރިމޯޓް އަންޑަރވޯޓަރ ވީޑިއޯ ސިސްޓަމްސް (ބްރަވް) އަދި ވޯޓަރ ކުއަލިޓީ ބެލުމަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވެއެވެ.

މިދިރާސާގެ ފުރަތަމަ ބައި ނިންމުމުގެ ގޮތުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު ވަނީ ކަނޑުތަކުގެ ހިމާޔަތަށްޓަކައި ކުރިއަށްވުރެ މަޢުނަވީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއިއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު ޒިންމާއެއްކަމަށާއި، މިނިމިގެން ދިޔަ ދިރާސާއަކީ މިގޮތުން އެޅުނު ފުރަތަމަ ފިޔަވަޅުކަމާއި އަދި މިދިރާސާގައި އެއްކުރެވުނު މަޢުލޫމާތާއި ތަފާސްހިސާބުތަކުން ނެރެވޭ ނަތީޖާތައް އަވަސް ފުރުސަތެއްގައި ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ޒަޙާ ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިންގުމާއި ހަވާލުވެ ހުންނެވި ޝާފިޔާ ނަޢީމް ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހިރާއްޖޭގެ ކަނޑުފަރުތަކާއި ގުޅޭ ގޮތުން މިހާތަނަށް ކުރެވިފައިވާ އެންމެ ފުރިހަމަ އެއް ދިރާސާ ކަމަށާއި، މިދިރާސާއަކީ ރާއްޖޭގެ ކަނޑުފަރުތަކުގެ ހާލަތު އިތުރަށް އެނގި ކުރިއަށް އޮތް ޖީލުތަކަށް އެންމެ ހެޔޮގޮތުގައި މިވަސީލަތްތައް ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ. އަދި މިއީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ކުރަމުން އައި ދިރާސާތައް އިތުރަށް ފުރިހަމަވެ، މިވަގުތު ކަނޑުފަރުތަކުގެ ހާލަތު އޮތް ގޮތުގެ ބޭސްލައިން އަކަށް ވެގެން ދާނެކަމުގައިވެސް ފާހަގަކުރެއްވެވިއެވެ.

މިދިރާސާއަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ހިމެނޭ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއިއެކު ކުރެވުނު ދިރާސާއެކެވެ. ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ މެންބަރުންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓް، ނޭޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް އަދި ނެކްޓޯން މިޝަން ހިމެނެއެވެ. މިއަދު މިބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެއިޓް އިންސްޓިޓިއުޓްގެ ސައިންސް އެންޑް ފީލްޑް ޑިރެކްޓަރ، އެންޑީ އެސްޓެޕް އެންމެ ބޮޑަށް ފާހަގަކުރެއްވީ ގާހުދުވުމާއި މަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ކޮށްފައިވާ އަސަރެވެ. އެގޮތުން، މިދިރާސާގައި ކުރެވުނު ޑައިވްތަކުގައި އެއަސަރުތައް ފެނިގެންދިޔަ ކަމަށާއި ހަމަ އެއާއިއެކު މިފަދަ އެކި އެކި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ ނިޝާންތަކާއި، މުސްތަޤްބަލަށް ބަލާއިރު އުއްމީދުކުރަނިވި ކަންތައްތައްވެސް މިދިރާސާގެ ތެރޭގައި ފާހަގަކުރެވިގެން ދިޔަކަމަށެވެ. މިދިރާސާގައި އެއްކުރެވުނު މަޢުލޫމާތުތަކާއި ހިސާބުތަކުގެ އަލީގައި ފަރުތަކުގެ ހިމާޔަތަށް އަދި މަސްމަހާމެހީގެ އާބާދީތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހަރުދަނާ ފިއަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެންޑީ ފާހަގަކުރެއްވެވިއެވެ.

މިނިމުނު ދިރާސާއަކީ ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާއި ގުޅިގެން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ހުވަދު އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ ދިރާސާތައް އަންނަ މާރިޗް މަހުގެ ކުރީކޮޅު ކުރެވިގެން ދާނެއެވެ. މިމަސައްކަތްތަކަކީ މިކޯލިޝަންގެ އިތުރުން، ސަރުކާރުގެ ކަމާއިގުޅޭ މިނިސްޓްރީތަކާއި، ބައެއް އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ފަރާތްތައް ގުޅިގެން ކަނޑުފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ހިމާޔަތްކުރުމަށް ހިންގޭ 5 އަހަރު ދުވަހުގެ މަސައްކަތްތަކެކެވެ.

ޚަބަރާއި ފޮޓޯ: ފިޝަރީޒް މިނިސްޓްރީ 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.