ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ހިމާޔަތް ކުރައްވަން ރައީސް ނިންމަވައިފި

ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލީހު މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅުގެ މަތީންނެވެ. މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ހުށަހަޅުއްވާފައިވާ ގޮތަށް ސަރަޙައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތްކުރުމަށެވެ.

ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މި ގޮ ތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. ށ. ނ އަތޮޅުގެ 11 ސަރަޙައްދެއް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 15 ޖޫން 2019ގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.