ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީ ކައުންސިލާއެކު މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު މެންދުރު ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާކުރަނިވިގޮތަށް، މިހާރަށް އެންމެ ބޭނުންހިފޭނެ ސަރަޙައްދުތަކަށް އިސްކަންދިނުމާއި ފުވައްމުލައް ސިޓީގައި އިތުރު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިތުރުން ސްކޫލާއި ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމާމެދު މަޝަވަރާކުރެވުނެވެ.
މީގެ އިތުރުން މަޑުޖެހިފައިހުރި ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް އަވަސް ފުރުޞަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާގެ ފުރުޞަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުޞަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށާއި އާންމު މިންގަޑަށްވުރެ ދިރިއުޅުމުގެ ޙާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.