އިސްލާމްދީނާ ތަޢާރަޒުވާތީ "ސީޑޯ" 16 ވަނަ މާއްދާގެ 1 އަދި 2 އަށް ރާއްޖެއިން ކޮށްފައިވާ އިއުތިރާޒުތައް، ނެގުމަށް މަޖިލީހުގެ ރުހުން ހޯދަނީ

އިސްލާމްދީނާ ތަޢާރަޒުވާތީ ދިވެހި ދައުލަތުން ޢަމަލު ނުކުރުމަށް ކުރިން ނިންމައިފައިވާ، "ސީޑޯ" ގެ 16 ވަނަ މާއްދާގެ 1 އަދި 2 ށް ރާއްޖެއިން ކޮށްފައި އިޢްތިރާޒުތައް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ފޮނުވައިފިއެވެ. މިމައްސަލަ މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ދެވަނަ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

"ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން" (ސީޑޯ) ގެ 16 މާއްދާއަކީ ކައިވެނިކުރުމާއި ބެލެނިވެރިކަމާއި އެނޫންވެސް އާޢިލީ ޙަޔާތުގައި ފިރިހެނުންނަށް ލިބޭ ޙައްޤުތައް އަންހެނުންނަށްވެސް ކަށަވަރުކޮށް ދިނުން، ދައުލަތުގެ މައްޗަށް ލާޒިމްކުރާ މާއްދާއެކެވެ. މި މުއާހަދާގައި ދިވެހި ރާއްޖެއިން ބައިވެރިވެފައި ވަނީ 16 މާއްދާގައި ބުނާ އިސްލާމްދީނާ ތަޢާރަޒުވާ ބައިތަކަށް އިޢުތިރާޒު ކުރުމަށްފަހުއެވެ. މިމާއްދާގެ 1 ވަނަ ނަމްބަރުގެ (ބީ)، (އީ)، (ޖީ)، (އެޗް) އަދި އެމާއްދާގެ 2 ވަނަ ނަމްބަރަށް ރާއްޖެއިން ކޮށްފައިވާ އިޢުތިރާޒުތައް ނެގުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހުއެވެ. ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕގެ ސްޕަރ މެޖޯރިޓީއޮތުމުން ސަރުކާރުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ފަސޭހަކަމާއެކު ނިމިގެންދާނެއެވެ. ނަމަވެސް އިސްލާމްދީނުގެ އަސްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް މަޖިލީހުން ފާސްކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ވަނީ ކަނޑައެޅިގެން ބަޔާން ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.