ޑިސެންބަރު މަހުގެ ތެރޭގައި ކޮރޯނާވައިރަސްގެ ޚަބަރު ޗައިނާއިން ދިން ފަހުން މިހައިތަނަށް ދުނިޔޭގެ އެކި ގައުމުތަކުގައި މި ވައިރަސް އަރައިފައިވާ މީހުން ފެނިފައިވާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. މިހާރު އެނގިފައިވާ ގޮތުގައި 14000 އަށްވުރެ ގިނަ މީހުންގެ ގައިން ވަނީ ވައިރަސް ފެނިފައެވެ. 300 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ދުނިޔޭގެ ިއްހަތު ޖަމްއިއްޔާއިން ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
ޗައިނާއިން މިހާރު ޔަގީންކޮށް ދީފައިވާ ގޮތުގައި މި ވައިރަހަކީ ގައިން ގަޔަށް އަރައިދާނޭ ވައިރަހެކެވެ. ވައިރަސް އަރަނީ ކެއްސުމާއި ކިނބިހި އެޅުމާއި ބަލިޖެހިފައިވާ މީހަކާ މާ ކައިރީގައި އުޅުމުގެ ސަބަބުންނެވެ.
ޗައިނާއިން ބޭރުގައި މިހައިތަނަށް މި ވައިރަސް އެރިކަމަށް ބެލެވިފައިވާ 160 މީހުން އެބަތިއްބެވެ. ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ އެންމެ މީހެކެވެ. އެއީ ފިލިޕީންސްގައި މަރުވީ ޗައިނާ ރައްޔިތެކެވެ. އެމީހާގެ އުމުރަކީ 44 އަހަރެވެ.
އޮސްޓްރޭލިއާ (12)
އިސްޓްރޭލިއާގައި ކޮރޯނާވައިރަސް އަރައިފައިވާކަން ޔަގީން ކުރެވިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 12 އެވެ. އެންމެ ފަހުން ފެނުނު ދެ މީހުން ފެނުނީ އާދީއްތަ ދުވަހުއެވެ. އެއީ އުމުރުން 60 އަހަރުގެ ފިރިހެނަކާއި ހަމަ އެ އުމުރުގެ އަންހެނެކެވެ. އެ ދެމީހުން ޗައިނާގެ ވޫހާންގައި ތިބެފައި އެނބުރި އޮސްޓްރޭލިއާއަށް އައީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
އޮސްޓްރޭލިއާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ޗައިނާގައި ތިބި އެ ގަމުގެ ހަސަތޭކައެއްހައި މީހުން ގައުމަށް ގެންނާށެވެ.
ކެމްބޯޑިއާ (1)
ވޫހާންގައި ތިބެފައި އެނބުރި ގައުމަށް އައި އާއިލާއެއްގެ މީހުން ކެމްބޯޑިއާއިން ވަނީ ޓެސްޓު ކޮށްފައެވެ. ވައިރަސް އަރާފައިވާކަން ޔަގީން ކުރެވިފައިވަނީ އެންމެ މީހަކަށެވެ. އެއީ އުމުރުން 60 އަހަރުގެ މީހެކެވެ. އެކަމަކު އެމީހާގެ ހާލު ރަނގަޅެވެ. ވައިރަހުގެ އަސްރު ކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށް ކެމްބޯޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.
ކެނެޑާ (4)
ކެނެޑާއިން ފެނިފައި ވަނީ ހަތަރު މީހުންނެވެ.
އެންމެ ފަހުން ޝައްކު ކުރެވުނީ ވޫހާންގައި އުޅެފައި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އައި އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ.މި އަންހެން ކުއްޖާގެ މައްޗަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ފެނުނީމާ ޓެސްޓު ކުރީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ފުރަތަމަ ނަތީޖާ ފެނުނީ ނެގެޓިވް ކޮށެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ޓެސްޓު ކުރެވުނު އިރު ކުޑަމިންވަރަކަށް ޕޮޒިޓިވްކޮށް ނަތީޖާ ފެނުނީއެވެ. އެކަމަކު އެއީ ހަމައެކަނި ބަަލައިގެން އުޅެން ޖެހޭ މިންވަރެއް ކަމަށް ކެނެޑާގެ ސިއްހީ އިދާރާއިން ހާމަކުރެއެވެ.
މި ކުއްޖާގެ އިތުރަށް ދެމަފިރިއެއްގެ ގައިންވެސް ވަނީ ވައިރަސް ފެނިފައެވެ. އެއީވެސް ވޫހާންއިން އެނބުރި އައި ދެމަފިރިންނެވެ.
ފިންލެންޑް (1)
ފިންލެންޑުން ފެނުނީ 32 އަހަރުގެ އަންހެނެކެވެ. އޭނާ ވޫހާންއިން އެނބުރި އައި ފަހުން ހުން އައުމާއެކު ނޭވާލާން އުނދަގޫވެގެން ޑަކްޓަރަށް ދެއްކީއެވެ. ޓެސްޓުކުރި އިރު ވައިރަސް ހުރިކަމަށް ފެނުނެވެ.
ފްރާންސް (6)
ކޮރޯނާވައިރަސް އަރައިފައިވާ ހަ މީހަކު ފަރަންސޭސިވިލާތުން ވަނީ ފެނިފައެވެ. އެންމެ ފަހުން ފެނުނީ އޭޝިއާގައި މި ވައިރަސް އަރައިފައިވާ މީހަކާ ކައިރީގައި އުޅުނު ފަރަންސޭސި ޑަކްޓަރެއްގެ ގައިންނެވެ. ވައިރަސް އަރައިފައިވާ ކަމަށް ޔަގީން ކުރެވުނު މީހުންގެ ތެރޭގައި ޗައިނާގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ޖަރުމަނު (8)
ޖަރުމަނުގައި ކޮރޯނާވައިރަސް އަރައިފައިވާ 8 މީހުން އެބައުޅެއެވެ. އެންމެ ފަހުން ފެނުނު މީހާ އަކީ ބަވޭރިއާ ސްޓޭޓުން ފެނުނު މީހެކެވެ. އެކަމަކު އޭނާއަކީ މިއުނިކްގެ ރައްވެއްސެކެވެ. އެއީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
ޖަރުމަނުގައި ވައިރަސް އަރައިފައިވާ މީހުންނާއި އެހެން ގައުމުތަކުގައި އަރައިފައިވާ މީހުންނާ ވަރަށް ބޮޑަށް ތަފާތެވެ. ސަބަބަކީ މީގެ ތެރެއިން ގިނަ މީހުން ޗައިނާއަށް ނުދާކަމެވެ. އަށް މީހުންގެ ތެރެއިން ހަތް މީހުން މަސައްކަތް ކުރަނީ އެއް ތަނެއްގައެވެ.
ހޮންގ ކޮންގ (13)
ހންގޮ ކޮންގުން ވަނީ ވައިރަސް އަރައިފައިވާ 13 މީހުން ފެނިފައެވެ. މިއީ ޗައިނާއާ އެއް އިން ވެގެން އޮންނަ ގައުމެކެވެ. ޗައިނާއިން އަންނަ ފަތުރުވެރިން އެ ގައުމަށް ވަންނަ ބައެއް ސަރަހައްދީ ރޮނގުތައް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. ޗައިނާއާއި ހޮންގ ކޮންގާ ދެމެދު ރޭލު ދަތުރުކުރާ ވެސްޓް ކޮވްލޫން ސްޓޭޝަނވެސް މިހާރު ވަނީ ބަންދުކޮށް ދަތުރުތައް ހުއްޓައިލާފައެވެ. ޗައިނާއަށް ކުރާ ވައިގެ ދަތުރުތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށްފިއެވެ. ވައިރަސް އަރައިފައިވާ ފުރަތަމަ މީހާ ފެނުނު ހުބެއި ޕްރޮވިންސްވެސް ވަނީ ބަންދުކޮށްފައެވެ.
ކުއްލި ހާާލަތުގައި މަސައްކަތް ކުރުން ލާޒިމު އޮފީސްތައް ފިޔަވައި ސަރުކާރުގެ ހުރިހައި އޮފީހެއް ވަނީ ބަންދުކޮށްފައެވެ. މާޗް މަހުގެ 2 ވަނަ ދުވަހާ ހަަމައަށް ހުރިހައި އިސްކޫލެއް ބަންދެވެ. 2003 ވަނަ އަހަރު ފެތުރުނު ސާރސް ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަކީ ހޮންގ ކޮންގެވެ. އެ ވައިރަސް އަރައިގެން ހޮންގ ކޮންގުގައި 280 މީހުން މަރުވިއެވެ.
އިންޑިއާ (1)
އިންޑިއާއިން ވައިރަސް އަރައިފައިވާ ކަމަށް ބުނެފައި ވަނީ ވޫހާން ޔުނިވަރސިޓީގައި ކިޔަވާން އުޅުނު ކެރެލާ ސްޓޭޓްގެ ކުއްޖަކަށެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ. އެއީ ކޮން އުމުރެއްގެ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ނޭނގެއެވެ.
އިނޑިއާއަށް ވައިރަސް އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ މުޅި ދުނިޔޭގެ 7.7 ބިލިއަން މީހުންގެ 37 އިންސައްތައަކީ ޗައިނާއާއި އިންޑިއާގެ އާބާދީ ކަމަށް ވުމެވެ. ޗައިނާގެ އާބާދީއަކީ 1.4 ބިލިއަނެވެ. އިންޑިއާގެ އާބާދީއަކީ 1.3 ބިލިއަނެވެ.
އިޓަލީ (2)
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޓަލީގެ ބޮޑު ވަޒީރު ޔަގީންކޮށް ދެއްވައިފައިވާ ގޮތުގައި އެ ގައުމުގައި ކޮރޯނާވައިރަސް އަރައިފައިވާ 2 މީހުން އެބަތިއްބެވެ. އެއީ އޭގެ ދެތިން ދުވަހެއް ކުރީން އިޓަލީއަށް އައި ޗައިނާގެ ދެ ރައްޔިތުންނެވެ. އިޓަލީ ސަރުކާރުން މިހާރު ދަނީ އެ ދެ މީހުން އިޓަލީގައި އުޅުނު ދުވަސްކޮޅުގެ ތެރޭގައި ދިޔަ ތަންތަން ފާހަގަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޖަޕާން (20)
ހޮނިހިރު ދުވަހު ޖަޕާނުން ވަނީ ކޮރޯނާވައިރަސް އަރައިފައިވާ އިތުރު ތިން މީހަކު ފެނިފައިވާ ކަމަށް ބުނެފައެވެ. މި ތިން މހުނާ އެކު ޖަަޕާނުގައި ތިބި ކޮރޯނާވައިރަސް އަރައިފައިވާ މީހުންގެ އަދަދު ވިއްސަށް އެރީއެވެ. މި ވިހި މީހުންނަކީ ވޫހާންއަށް ގޮސްފައި އައި 565 މީހުންގެ ތެރޭގައި ހިމެނޭ ވިހި މީހުންނެވެ. މީގެ ތެރޭގައި ހިމެނޭ 30 އަހަރުގެ ފިރިހެނެއްގެ ފުށުން ބަލީގެ އަލާމާތެއް ނުފެނެއެވެ. އެކަމަކު ޖަޕާނުން ހާމަކޮށްފައިވާ ގޮތުގައި އޭނާއަކީ ބަލިއުފުލާ މީހެކެވެ. ކެރިއަރެކެވެ.
ޖަޕާނުގައި އެކަހެރި ކުރެވުނު ވިހި މީހުންގެ ތެރެއިން ދެ މީހަކު ވޫހާންއަށް ނުދާ ކަމަށް ވެއެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ ފަތުރުވެރިން އުފުލާ ބަހެއް ދުއްވާ މީހެކެވެ.
މަކާއޯ (7)
ދެކުނު ވައިނާގެ މަކާއޯގައި މި ވައިރަސް އަރައިފައިވާ ހަތް މީހުން އެބަތިއްބެވެ. މަކާއޯއަކީ ޖުވާ ކުޅުމުގައި ދުނިޔެއަށް މަޝްހޫރު ތަނެކެވެ. ކޮރޯނާވައިރަސްގެ ސަބަބުން ގައުމުގެ ފަތުރުވެރިކަން ވަނީ ހީނަރު ވެފައެވެ. ވައިރަސް ފެތުރޭ ކަމަށް ބެލެވިފައިވާ ހުބެއި ސިޓީއަށް ގޮސްފައި އައި އެއްވެސް މީހަކަށް ކެސިނޯއަކަށް ނުވަދެވެއެވެ. ހުރިހައި ޕްރައިމަރީ ސްކޫލަކާއި ސެކަންދަރީ ސްކޫލެއް ވަނީ ބަންދު ކޮށްފައެވެ.
މެލޭޝިއާ (8)
މެލޭޝިއައިން ވަނީ ވައިރަސް އަރައިފައިވާ އަށް މީހުން ފެނިފައެވެ. އެއީ ހައްތަހާވެސް ޗައިނާގެ ރައްޔިތުންނެވެ. އޭގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކާއި 52 އަހަރުގެ މީހަކު ހިމެނެއެވެ.
މެލޭޝިއާއިން ވަނީ ޗައިނާ މީހުންނަށް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ނޭޕާލް (1)
ނޭޕާލުން ފެނިފައިވަނީ އެންމެ މީހެކެވެ. އެއީ ވޫހާން ސިޓީގައި ޕީއެޗްޑީއަށް ކިޔަަމުންދާ އުމުރުން 31 އަހަރުގެ މީހެކެވެ. ނޭޕާލީއެކެވެ. އޭނާ ނޭޕާލަށް އައީ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. އޭނާ ޓެސްޓް ކުރެވުނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެކަހެރިކޮށްފައި ބެހެއްޓުމަށް ފަހު 17 ވަނަ ދުވަހު ދޫކޮށްލީއެވެ. އެކަމަކު އޭނާޔާ ގުޅުން ހުރި ބައެއް މީހުން ގެނެސް ޓެސްޓު ކުރަމުން ގެންދާ ކަމަށް ނޭޕާލުން ވަނީ ބުނެފައެވެ.
ފިލިޕީންސް (2 – އެކަކު މަރުވެއްޖެ)
ފިލިޕީންސްގައި މި ވައިރަސް އެރި ދެ މީހުންގެ ތެރެއިން އެކަކު ހޮނިހިރު ދުވަހު މަރުވެއްޖެއެވެ. މިއީ ޗައިނާއިން ބޭރުގައި މި ބަލީގެ ސަބަބުން މަރުވީ ފުރަތަމަ މީހާއެވެ.
އެއީ އުމުރުން 44 އަހަރުގެ ޗައިނީޒް ފިރިހެނެކެވެ. ފިލިޕީންސުން ފެނިފައިވާ ދެވަނަ މީހާއަކީ މީނާގެ އަނބިމީހާއެވެ.
ރަޝިއާ (2)
ރަޝިއާއިންވެސް ފެނިފައި ވަނީ ޗައިނާގެ ދެ ރައްޔިތުންނެވެ. އެކަކަށް ފަރުވާ ދެމުން ގެންދަނީ ޗައިނާއާ އެއް އިން ވެގެން އޮންނަ ޒަބައިކަލަސްކީގައެވެ. ދެވަނަ މީހާ ފެނުނީ ހުޅަނގު ސައިބީރިއާއިންނެވެ. ޗައިނާގެ ހުބެއިއާއި ވޫހާން އިން އަންނަ މީސްމީހުން ޓެސްޓު ކުރުމުގެ މަސައްކަތް ރަޝިއާއިން ދަނީ ކުރަމުންނެވެ.
ސިންގަޕޯރ (13)
ސިންގަޕޫރުން ވަނީ ވައިރަސް އަރައިފައިވާ އިތުރު 3 މީހަކު ފެނިފައިވާ ކަމަށް ބުރާސްފަތި ދުވަހު ބުނެފައެވެ. އެއީ ޗައިނާގެ ތިން އަންހެނުންނެވެ. މި ތިން މީހުނާ އެކު ޖުމްލަ 13 މީހެއްގެ ގައިން ވަނީ ވައިރަހުގެ އަސަރު ފެނިފައެވެ. ސިންގަޕޫރުން މިހާރު ވަނީ ކޮންމެ ރައްޔިތަކަށް ހަތަރު މާސްކު ދިނުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. ވައިރަސް ފެނުނު 13 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ.
ދެކުނު ކޮރެއާ (15)
އާދީއްތަ ދުވަހު ދެކުނު ކޮރެއާއިން ވަނީ އިތުރު ތިން މީހެއްގެ ގައިން ކޮރޯނާ ވައިރަހުގެ އަސަރު ފެނިފައިވާ ކަމަށް ބުނެފައެވެ. އެޔާއެު ޖުމްލަ އަދަދު 15 އއަށް އެރީއެވެ. ސަރުކާރުން ބުނާ ގޮތުގައި ދެކުނު ކޮރެއާގެ 700 އެއްހައި މީހުން މިހާރުވެސް ވޫހާންގައި އެބަތިއްބެވެ. އެމީހުން ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ދެކުނު ކޮރެއާއިން ވަނީ ޗައިނާއަށް އެހީގެ ގޮތުގައި 5 މިލިއަން ޑޮލަރުގެ ސާމާނު ފޮނުވާނެކަމަށް ބުނެފައެވެ.
ސްޕެއިން (1)
ސްޕެއިނުން ފެނިފައިވާ މީހާއަކީ ވޫހާންގައި އުޅެފައި އައި ޖަރުމަނު މީހަކާ އެކީގައި އުޅުނު މީހެކެވެ. އެ ޖަރުމަނު މީހާ ވަނީ ޖަރުމަނުގައި އެކަހެރި ކޮށްފައެވެ. ސްޕެއިނުން ފެނުނު މީހާވެސް އެކަހެރިކޮށް ފަރުވާން ދެމުން އެބަ ގެންދެއެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ޚަބަރު ލިބެއެވެ.
ސްރީ ލަންކާ (1)
ސްރީ ލަންކާއިން މިހައިތަނަށް ފެނިފައި ވަނީ ވަރިރަހުގެ އަސަރު ކޮށްފައިވާ އެންމެ މީހެކެވެ. އެ ގައުމުގެ ސަރުކާރުން ގެންދަނީ އެމީހާޔާ ގާތްކޮށް އުޅުނު މީސްމީހުން ފާހަގަކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސްވިޑްން (1)
ސްވިޑްން އިން ފެނިފައިވަނީ އެންމެ މީހެކެވެ. އެއީ އަންހެނެކެވެ. އޭނާ ވޫހާން ސަރަހައްދުގައި އުޅެފައި އެނބުރި އައީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭރަކު އޭނާގެ ގަޔަކުން ބަލީގެ އަސަރެއް ނުފެނެއެވެ. ފަހުން ކެއްސާތީ އުނދަގޫ ވެގެން އަވަށު ހަސްފަތާލަކަށް ދިޔައީއެވެ. މިހާރު ގެންދަނީ އެކަހެރިކޮށް އޭނާއަށް ފަރުވާ ދެމުންނެވެ.
ތައިވާން (10)
ތައިވާންގެ ސެންޓްރ ފޯރ ޑިސީޒް ކޮންޓްރޯލުން ހާމަ ކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ އަސަރު ކޮށްފައިވާ ދިހަ ވަނަ މީހާ އެ ގައުމުން ފެނިފައި ވަނީ ހުކުރު ދުވަހުއެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ވޫހާންގައި އުޅެފައި އެނބުރި ގައުމަށް އައީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ވައިރަހުގެ އަލާމާތްތައް ފެންނާން ފެށީ 21 ވަނަ ދުވަހުއެވެ.
ތައިލެންޑް (19)
ހުކުރު ދުވަހު ތައިލެންޑުން ވަނީ ވައިރަހުގެ އަސަރު ހުރި ފަސް މީހަކު ފެނިފައެވެ. މި ފަސް މީހުނާއެކު ޖުމްލަ އަދަދު 19 އަށް އެރީއެވެ. އަލަށް މި ފެނުނު ފަސް މީހުންގެ ތެރްިން ހަތަރު މީހުންނަކީ ޗައިނާ މީހުންނެވެ. 19 މީހުންގެ ތެރޭގައި ތިބީ ތައިލެންޑްގެ އެންމެ ދެ މީހުންނެވެ.
ޔޫއޭއީ (4)
ޔޫއޭއީން ވަނީ ހަތަރު މީހުން ފެނިފައެވެ. މި ހަތަރު މީހުންނަކީ ވޫހާން އިން އައި އެއް އާއިލާއެއްގެ މީހުންނެވެ. އެއީ ޗައިނާގެ އާއިލާއެކެވެ.
ޔުނައިޓެޑް ކިންގޑަމް (2)
އިނގިރޭސި ވިލާތުގައި ދެ މީހެއްގެ ފުށުން ވައިރަހުގެ އަސަރު ފެނިފައިވާ ކަމަށް ޚަބަރު ވަނީ ލިބިފައެވެ. އެއީ އެއް އާއިލާއެއްގެ ދެ އިނގިރޭސިންނެވެ. އެ ދެ މީހުންނާ އެކީ އުޅުނު ބައެއް މީހުން ފާހަގަކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޔުނައިޓެޑް ސްޓޭޓްސް (8)
އެމެރިކާއިން މި ވައިރަހުގެ އަސަރު ހުރި ކަމަށް ފެނިފައި ވަނީ އަށް މީހުންނެވެ. އެމެރިކާ މީހުން ޗައިނާއަށް ދިއުން މިހާރު ވަނީ މަނާ ކޮށްފައެވެ. ހުރިހައި އެއަރޕޯޓެއްގައި ވަނީ ސްކްރީން ކުރުމުގެ މަސައްކަތް ފަށައިފައެވެ. ބުދަ ދުވަހު ވޫހާން އިން އައި 195 މީހަކު ވަނީ އެކަހެރިކޮށްފައެވެ. އެކަމަކު އެއިން މީހެއްގެ ފަރާތުން ވައިރަހުގެ އަސަރު ފެނުނު ކަމަކަށް އަދިއެއް ނުބުނެއެވެ.
ވިއެޓްނާމް (7)
ވިއެޓުނާމުން އާދީއްތަ ދުވަހު ފެނުނު މީހާޔާއެކު ޖުމްލަ އަދަދު 7 އަށް އެރީއެވެ. އާދީއްތަ ދުވަހު ފެނުނީ އުމުރުން 25 އަހަރުގެ މީހެކެވެ. އޭނާއަކީ ހޮޓަލެއްގައި ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ވިއެޓްނާމް ސަރުކާރުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު: ސީއެންއެން