ގއ. ގެ ޕްރައިމަރީ ހަފްތާއެއްހާ ދުވަސްތެރޭގައި އަލުން ބޭއްވޭނެ: ރައީސް ނަޝީދު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ފަރާތްތައް ކަނައެޅުމަށް ގއ. އަތޮޅުގެ ޕްރައިމަރީ ހަފްތާއެއްހަ ދުވަސްތެރޭގައި އަލުން ބޭއްވޭނެ ކަމަށް  އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އިންތިޚާބީ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.

ގއ. ގެ އިންތިޚާބު މިހާރުވަނީ ބާތިލްކޮށްފައެވެ. ބާތިލްކުރީ ވޯޓުލުން ކުރިއަށްދިޔަ ގޮތާމެދު  ބައެއް މީހުން ހިތްހަމަނުޖެހިގެން ވޯޓުފޮށިތައް އަންދާލުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހާދިސާއަކީ އިންތިޚާބީ ޖޯޝާ ގުޅިފައިވާ ކަމެއް ކަމަށެވެ. އިންތިޚާބެއްގައި އެފަދަ ކަންކަން ހިނގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަންކުރެއްވީ ވެސް ދެނެވަޑައިގަންނަވާ ގާތްބޭފުޅުން ކަމަށާއި އެކަން ހުއްޓުވަން ނުކުންނެވީ ވެސް އެހާ ގާތްބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.  އެއަތޮޅުގައި ޕްރައިމަރީ ބާއްވަނީ ތިން ރަށެއްގައެވެ. އެއީ ވިލިނގިއްޔާއި ކޮލަމާފުށްޓާއި ދާންދޫ އެވެ. އެ އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި އިއުލާން ނުކުރެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވޯޓުފޮށި އަންދާލަ ހިސާބަށް ކަންކަން ގޮސްފި ކަމަށްވާނަމަ އެބަޔަކު މޫދަށް ނުވަތަ ގެއަށް ދިއުމުން ހައްލުވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.