ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅިއްޖެ

ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ހޮނަރަބަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު މެންދުރު ފޯނުން ގުޅުއްވާ ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމުގެ އުފާވެރި ޚަބަރު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އަލުން ކޮމަންވެލްތްގެ ޢާއިލާއާ ގުޅުމުގެ އުފާ ފާޅުކުރައްވާކަމަށާއި ކޮމަންވެލްތް ސެކްރެޓޭރިއަޓާއި، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުގައި ވެސް ހިނެމޭ މިކަމުގައި ދިވެހި ސަރުކާރަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތްގެ 54 ވަނަ މެންބަރު ޤައުކަމުގައި ވިދާޅުވެ، އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ކޮމަންވެލްތްގެ ޗާރޓަރ އާއި ހަރާރޭ ޑިކްލެރޭޝަނާއި އެއްގޮތަށް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ސިޔާސީ މިނިވަންކަމާއި، ޑިކޮމްރަސީގެ އުޞޫލުތަށް ދެމެހެއްޓުމަށް ރާއްޖެއިން ގަދައަޅާ މަސައްކަތްކުރާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮމަންވެލްތްގެ މައިގަނޑު އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖެއިން ބައިނަލްއަޤްވާމީ ކަންކަމުގައި ކޮމަންވެލްތްގެ މެންބަރު އެހެން ޤައުމުތަކާއި އެކު މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމަންވެލްތަކީ ތާފާތު ބަސްބަހުން ވާހަކަދައްކާ، ނަސްލުތަކާއި، ސަޤާފަތް އެކުލެވޭ ފަންސާހަށްވުރެ ގިނަ މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ކޮމަންވެލްތްގެ ޗަރޓަރއާއި ހަރާރޭ ޑެކްލެރޭޝަންގައިވާ ގޮތަށް ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކަށް ތަބާވާ މެންބަރުން ހިމެނޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ހަރ މެޖިސްޓީ ކުއީން އެލިޒަބަތް ސެކަންޑަކީ މި ޖަމުޢިއްޔާގެ އެންމެ އިސް ބޭފުޅާއެވެ. ނަމަވެސް ރައިޓް އޮނަރަބަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑަކީ މި ޖަމުޢިއްޔާގެ އެގްޒެކެޓިވް ހެޑްކަމާއި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާ ބޭފުޅާއެވެ.

ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.