(25 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ދެގޮތެއް ނުވެ ދެމިއޮންނާނީ އެންމެ ލޯތްބެއް. އެއީ ﷲ ދެކެވާ ލޯބި. އެހެން ހުރިހާ ލޯތްބެއް ބަދަލުވާނެ. މީހަކު ދެކެ ފުރަތަމަ ލޯބިވާއިރު އެ މީހާއާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދޭނެ، ނަމަވެސް އެ ގުޅުން މަޑުމަޑުން ހީނަރުވެ، ނިމޭނެ."
ޚަދީޖާގެ ގައިން ވަރުދޫވާހެން ހީވިއެވެ. އޭނާގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނާ ދެއަތުން ލޯ ފޮރުވިއެވެ. "މި ކާވެނިވެސް ފޭލިވެއްޖެއްޔާ ޔޯ؟" އޭނާ އެހިއެވެ.
"އެވެސް ވެދާނެ ގޮތެއް. މިއީ އުފާވެރިކަން ގެނެސްދޭ ކާވެންޏަަކަށްވެސް ވެދާނެ. މި ފިރިހެން މީހާއަކީ ޚަދީޖާއަށް އެންމެ އެކަށީގެންވާ މީހާއަށް ވެސް ވެދާނެ. މި ކާވެންޏަކީ ހުރިހާ ތަކުލީފެއްގެ ނިމުމަށްވެސް ވެދާނެ. ވެދާނެ ކަންކަމުންގެ ވާހަކަ ދައްކަންޏާ އެކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ ދެއްކިދާނެ."
"ފުރަތަމަ ކާވެނި ކުރިއިރު އެ ކާވެނި ނުރޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްތަ؟ އެގޮތަށް ޔަގީންވާ އެއްވެސް ކަމެއް ހަޔާތަކު ނޯވޭ. އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަނީ އެކަމެއް ކާމިޔާބުވާނޭ ކަމުގެ އުއްމީދުގައި. ބިރު ގަންނާނެ ކަމެއްނެތް، ޚަދީޖާ ނޫރް، ހުރިހާ މައްސަލައެއްގެ ހައްލު ކަލާނގެއަށް ދޫކޮށްލާ. އެކަލާނގެއަށް އިތުބާރުކޮށް، ވަކީލު ކޮށްގެން ހުރެ ތިމާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް އަމަލުކުރޭ..." ޚަދީޖާ އޭނާގެ ލޮލުން ދެއަތް ނެގިއެވެ.
***
ސާޖިދާ އާ ބައްދަލުވުމުން އޭނާ ސާޖިދާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކުރީގެ ކާވެނި ފޭލިވީ ކީއްވެގެން ކަމާއި އޭނާގެ މާޒީ ކިޔައިދިނެވެ. މިފަހަރު އެއްވެސް ކަމެއް ސިއްރުކޮށްފައި ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސާޖިދާ އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ. "ހުރިހާ އެންމެންނަށް ވެސް ކުށްކުރެވޭނެ. ތި ހުރިހާ ވާހަކަައެއް ބޭބެ ގާތު ބުނާނަން. ބޭބެ ތިއިން އެއްވެސް ކަމަކާ އިންކާރު ނުކުރާނެކަން އަހަންނަށް ޔަގީން. އޭނާއަކީ ވަރަށް ރަނގަޅު މީހެއް."
ޚަދީޖާ ހައިރާންވިއެވެ. އޭނާ ހީކުރީ ސާޖިދާގެ ހުށަހެޅުން އަނބުރައި ގެންދާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އިސްލާމިކް ސެންޓަރު މެދުވެރިކޮށް ޚަދީޖާއާއި ޝުޖާއުގެ ކާވެނި ވަރަށް އަވަހަށް ކުރެވުނެވެ. އެއަށްފަހު އޭނާ ގޮވައިގެން ސާޖިދާ ޕާކިސްތާނަށް ދިޔައެވެ. އެތަނުގައި އޭނާގެ އިންތިޒާރުގައި އެހެން މުސީބާތެއް އޮތްކަމެއް ނޭނގިއެވެ.
ސާޖިދާ އޭނާގެ ބޭބެއާ ބެހޭ މާގިނަ މައުލޫމާތެއް ޚަދީޖާއަކަށް ކިޔައެއް ނުދެއެވެ. ބުނިހައިވެސް ވާހަކައަކީ އަމިއްލަ ގެއެއް ހުންނަ ވާހަކައާއި އަމިއްލަ ވިޔަފާރި އެއް އޮންނަ ވާހަކައެވެ.
ސާޖިދާއާ އެއްބަނޑު އަނެއް ތިން ބޫނުން ތިބެނީ ލާހޯރްގައެވެ. ޚަދީޖާ ބަލައި އެއާޕޯޓަށް އެމީހުން ދިޔައެވެ. ޝުޖާއު އެއާޕޯޓަކަށް ނުދެއެވެ. އެއާޕޯޓުން ނުކުމެގެން ތަރއްގީވެފައިވާ ސަރަހައްދު ފަހަނައަޅައި ގޮސް ފަގީރު އަވަށްގަނޑެއްގެ ތެރެއަށް ވަދެގެން ކާރު ދުއްވާފައި ދާން ފެށުމުން، ސާޖިދާ އޭނާއަށް ރަނގަޅަށް ހަގީގަތް ކިޔައިނުދޭކަން ޚަދީޖާއަށް ވިސްނެން ފެށިއެވެ.
ފުރަތަމަ ފަހަރަށް ޝުޖާއު ފެނުމުން އޭނާގެ ހަނދާނަށް އައީ މަޒްހަރެވެ. ޝުޖާއުއާއި މަޒްހަރް ވައްތަރީކީ ނޫނެވެ. ނުވަތަ އޭނާއާ މަޒްހަރާ އަޅައިބަލަން ޚަދީޖާ ގަސްތުކުރީކީވެސް ނޫނެވެ. ބަލާ ބެލުމަށް ހީވަނީ އޭނާގެ އުމުރު ސާޅީހަށްވުރެ ގާތީ ފަންސާހާ ހެންނެވެ. ފަހުން އޭނާއަށް އެނގުނު ގޮތުގައި ޝުޖާއުގެ އުމުރަކީ ސާޅީސް އަށް އަހަރެވެ. އޭނާގެ ދިރިއުޅުން ވިޔަފާރިވެރިއަކާ ގާތްކުރާ ވަރުވެސް ނުވެއެވެ. އޭނާ ދިރިއުޅެނީ އެ އަވަށްގަނޑުގައި ހުންނަ ކުޑަކުޑަ ޖިފުޓި ގަނޑެއްގައެވެ. ވިޔަފާރި އޮންނަނީ މަގުމަތީގައި ހުންނަ ކުޑަކުޑަ ކަޑައެއްގައެވެ. އެތަނުން އޭނާ ވިއްކަނީ މޭވާ އާއި ތަރުކާރީއެވެ.
ޝުޖާއުގެ ކާވެނީގެ މުނާސަބާ ފާހަގަކުރުމަށް އެގެއަށް މެހެމާނުން އެއްވިއެވެ. ގޭތެރެގައި އޮތީ އުފާވެރިކަމެވެ. ދެތިން ގަޑިއިރު ފަހުން މެހެމާނުންތައް ގެއަށް ދާން ފެށިއެވެ. ޝުޖާއުގެ ކޮއްކޮމެން ވެސް ގެއަށް ދާން ނުކުތެވެ. އެމީހުންނާއެކު ސާޖިދާވެސް ނުކުތެވެ.
ހުރިހާ މެހެމާނުން ދިއުމުން ޝުޖާއު ކޮޓަރިއަށް ވަނެވެ.
"ވާހަކަ ދައްކާލަން ބޭނުން." އުރްދޫ ބަހުން ޚަދީޖާ ބުންޏެވެ.
ޝުޖާއު ހައިރާންވިއެވެ. އުރްދޫ ބަހަށް ޚަދީޖާ ފަރިތަވާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. "އަހަރެންވެސް ބޭނުން..." ޝުޖާއު ބުންޏެވެ.
"ޚަދީޖާ ފެނުނީއްސުރެ އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފައި."
"އެއީ ކީއްވެ؟"
"ޚަދީޖާއަކީ ދޮށީ އުމުރުގެ މީހެއްކަމަށް ސާޖިދާ ބުނި. އެކަމަކު ބަލައިލާފަ އެހެން ހީނުވަތީ."
"އަހަންނަށް ތިރީސް އަހަރު."
ޝުޖާއުގެ މޫނުމައްޗަށް ހާސްކަން ވެރިވިއެވެ. "ސާޖިދާ އަހަރެން ގާތު ބުނި ސާޅީސް އަހަރޭ. އަނެއްކާވެސް ޒުވާން އަންހެން ކުއްޖަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން."
"އާނެއްކާވެސް އޭ؟" ޚަދީޖާ ޝުޖާއަށް ބަލައިލިއެވެ. އޭނާއަށް ނޭނގޭ ކިތަންމެ ކަމެއް އެބައޮތެވެ.
ޝުޖާއު ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިށީނެވެ. "އަހަރެން ކުރިން މީހަކާ އިނިން. އެ ކުއްޖާއަކީ އަހަންނާ ބަލާފަ ވަރަށް ޒުވާން ކުއްޖެއް. އަހަންނާއެކީ އުޅެން ބޭނުން ނުވެގެން އޭނާ ވަރިވީ. އަހަރެން ކުރިން ކާވެންޏެއް ކުރި ވާހަކަ ސާޖިދާ ނުބުނޭތަ؟" ޝުޖާއު އެހިއެވެ.
"ނުބުނޭ. އަހަންނަށް އެނގޭހައިވެސް އެއްޗަކީ ޝުޖާއުގެ އުމުރަކީ ސާޅީސް އަހަރުކަން، ކޮއްކޮމެން ބެލެހެއްޓުމުގެ ޒިއްމާ ނަގަންޖެހުމުން ދުވަހަކުވެސް ކާވެންޏެއް ނުކުރާކަން، އަމިއްލަ ދިރިއުޅުމެއް ނުފެށިފައި އޮތް ކަން."
ޝުޖާއު އޭނާއަށް ބަލައިލިއެވެ. "އަހަންނަށް މިހާރު ސާޅީސް އަށް އަހަރު ވެއްޖެ." ލަދުން އިސްދަށަށް ޖަހައިގެން އިނދެ އޭނާ ބުންޏެވެ. ޚަދީޖާ އެކަމާ ހައިރާންވެދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެެކެވެ. އޭނާއަށް ބަލާލާފައި މާކުރިން އޭނާގެ އުމުރު ޚަދީޖާއަށް އެނގުނެވެ.
"އަހަންނާ ބެހޭ ގޮތުން ސާޖިދާ ބުނީ ކީކޭ؟"
"ކީކޭ ބުނަން އޮންނާނީ؟"
"ވަރަށް ގިނަ ވާހަކަ... އަހަރެންގެ ކުރީގެ ކާވެނީގެ ވާހަކަ. އަހަރެން ކުރިން ދިރިއުޅުނު ހާލަތު."
ޝުޖާއުގެ ހައިރާންކަން އިތުރުވިއެވެ. "މާގިނަ ވާހަކައެއް ނުބުނޭ. ބުނިހައިވެސް ވާހަކައަކީ ދޮށީ އުމުރުގެ މީހެކޭ. ދުވަހަކުވެސް ކާވެންޏެއް ނުކުރެއޭ. ޕާކިސްތާނު މީހަކާ އިނދެގެން ޕާކިސްތާނުގައި ދިރިއުޅެން ބޭނުންވާ ވާހަކަ، އަހަރެންގެ ތައުލީމީ ފެންވަރާއި މާލީ ހާލަތު ކިޔައިދިން ވާހަކަވެސް ބުނި. އެއިން އެއްވެސް ކަމަކާ ޝަކުވާއެއް ނެތި އަހަންނާއެކު ދިރިއުޅޭން ހުރި ކަމަށް ބުނި." ވާހަކަ ނިންމައިލިތަނާ ޝުޖާއުއަށް އެހެން އެއްޗެއް ވިސްނުނެވެ. "އަހަރެން ދިރިއުޅެން ކުރާ މަސައްކަތަކީ މޭވާއާއި ތަރުކާރީ ވިއްކުން. އެކަން އެނގޭ ދޯ؟"
ނޫނެކޭ ބުނުމުގެ ގޮތުން ޚަދީޖާ ބޯ ހޫރައިލިއެވެ. "އަހަރެމެން ދެ މީހުންނަށް ވެސް ސާޖިދާ ހެދީ ދޮގު. ޝުޖާއު ތި ކިޔައިދިނީ ޝުޖާއުގެ ހަގީގަތް. ދެން އަހަރެންގެ ވާހަކަ އަޑުއަހާ." މަޑުމަޑުން ޚަދީޖާ އޭނާގެ މާޒީ ޝުޖާއަށް ކިޔައިދިނެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފައި އޭނާ ބުނާ އެއްޗަކަށް މަޑުކުރިއެވެ. ވަރުބަލިކަން ފިޔަވައި ޝުޖާއުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
"އަހަރެން ގާތު ސާޖިދާ ތިހުރިހާ ވާހަކައެއް ބުނި ނަމަވެސް އަހަރެން ޚަދީޖާއާ އިންނާނަން. ނަމަވެސް ވަރަށް ހިތްދަތި ދިރިއުޅުމެއް ތިއުޅުނީ. ކުށެއް ކުރެވުނުވެސްމެ. އަހަރެމެން އެންމެންވެސް ކުށް ކުރަމު. ކުރެވުނު ފާފައަށް ތައުބާވެ، މަސައްކަތް ތިކުރަނީ އަމިއްލަ އަށް އިޚްތިޔާރުކުރި ދީނުގައި ދެމިހުރެވޭތޯ. އެކަމަށް ތައުރީފު ހައްގު. އަހަންނާ ތި އިނީ އަހަރެންގެ އެއްވެސް ކަމެއް ނޭނގި. އަހަރެންގެ ފުރަތަމަ ކާވެނި ފޭލިވީ އެ ސަބަބާ ހެދި. އަހަރެންގެ ނުރުހުމާއެކު ކޮއްކޮމެން ޒުވާން ކުއްޖަކާ އަހަރެން ކާވެނިކުރުވީ. ފުރަަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައި. އެއީ އެކަން ވާނެ ވެސް ގޮތް. އޭނައަަށް ދޭނެ އެއްވެސް އެއްޗެއް އަހަރެން އަތަކު ނެތް. މިގޭގައި އޭނާ ހޭދަކުރިހައި ދުވަހަކު އަހަރެންވެސް ހުރީ ލަދުން. އަހަރެންގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތް. އެކަމާ އަހަރެން ވަރަށް ލަދުގަތް. ދުވަސްކޮޅެއް ނުވެ އޭނާ ކޯޓަށް ގޮސް ވަރިވީ. އެއީ އެކަން ކުރަންވީ ވެސް ގޮތް. ކޮއްކޮމެންގެ ރޭވުމަށް ސީދާ ގޮތެއްގައި އަހަރެން ޒިއްމާވާން ނުޖެހުނު ކަމުގައިވީ ނަމަވެސް، އޮޅުވާލުމެއްގައި ބައިވެރިވެވުމުން އެކަމުގެ ޒިއްމާ ނަގަން އަހަންނަށް ވެސް ޖެެހޭނެ."
"ސާޖިދާ އަހަރެން ގާތު ބުނީ ކާވެންޏަށް ފަހު ޚަދީޖާ އަހަރެން ސްޕޮންސަރ ކުރާނެއޭ. އެއަށްފަހު އަހަރެމެން ދިރިއުޅޭނީ އިންގްލެންޑުގައި ކަމަށް... އޭރުވެސް އަހަންނަކަށް ނޭނގޭ އެއީ އަހަރެން ބޭނުންވާ ގޮތް ކަމެއް... އެކަމަކު މިހާރު އެބަ އެނގޭ، ކޮއްކޮަ މިވަނީ އަހަރެމެން ދެ މީހުންނަށްވެސް އޮޅުވާލާފައި. ސާޖިދާއަކީ އަހަރެންގެ ކޮއްކޮ. އަހަރެން ދެކެ ވާ ލޯތްބެއްގެ ސަބަބުން އޭނާ ޚަދީޖާއަށް ވެސް އޮޅުވައިލީ. އެކަމާވެސް އަހަރެން ލަދު ގެންފި. ނަމަވެސް އަހަރެމެން ދެމީހުން އެކަކު އަނެކަަކަށް ތެދު ބަހުން ހުރިހާ ކަމެއް އޮޅުންފިލުވައި ދެވުނީތީ ވަރަށް އުފާވެއްޖެ. ކަންބޮޑު ނުވޭ. ތީ މިގެއަށް އައި މެހެމާނެއް. އަހަންނަށް ޓިކެޓެއް ލިބުނުހައި އަވަހަށް ޚަދީޖާ އިންގްލެންޑަށް ފޮނުވައިދޭނަން. މިވަގުތު އެކަން އިންތިޒާމުކުރެވޭނޭ އެއްވެސް ގޮތެއް ނެތް. ނަމަވެސް އަހަރެންގެ ފިހާރަ ވިއްކައިގެން ވިޔަސް ފޮނުވައިދޭނަން. ސާޖިދާގެ ފަރާތުން ލިބުނު ހިތްދަތިކަމަށް އަހަރެން މާފަށް އެދެން. އޭނާއަށާ އަހަންނަށް މާފުކުރޭ. "ކަރުނަ ފޮހެމުން އޭނާ ކޮޓަރިން ނުކުތެވެ.
އެމީހާއަށް ކޮށްފައި ހުރި އަސަރު ފެނުމުން ބުނާނެ އެއްޗެއް ނޭނގިފައި ޚަދީޖާ އިނެވެ. "މީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ މަޒްހަރް ހެން އޭނާއާ ދިމާއަށް ހަޅޭއްލަވާ އަވަގުރާނަ ގޮވުމުގެ ބަދަލުގައި، މި މީހާ އޭނާއަށް ކުރީ ތައުރީފެވެ. އަދި އޭނާގެ ކިބައިން މާފަަށްވެސް އެދެފިއެވެ. އޭނައަށް އަހަރެން ނުވެސް އެނގެއެވެ. އެކަމަކުވެސް އަހަރެންގެ މާޒީއަކީ ކުށެއް ކަމަށް ބަލައި އޭނާ އަހަންނަށް މާފުކޮށްފިއެވެ. އަދި އަހަރެންގެ އާ ދިރިއުޅުމަށް އޭނާ މަރުހަބާ ކިއެވެ. މަޒްހަރާއެކު އަހަރެން ތިން އަހަރު ހޭދަކުރީމެވެ. އެ ތިން އަހަރު އަހަރެންގެ އުޅުން ބެހެއްޓި ގޮތް މަޒްހަރަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެކަމަކު އޭނާ އަހަންނަކަށް މާފެއް ނުކުރިއެވެ. މި ދެ މީހުންގެ ތެރެއިން ރަނގަޅީ ކާކުހެއްޔެވެ؟ ރަނގަޅު ތައުލީމެއް. ލިބިފައި ހުރި، މޮޅު ނަސަބަކުން އައިސް ހުރި، ބަލާ ބެލުމަށް ރީތި، މުއްސަނދި، އަހަރެންގެ ކިބައިން ރަނގަޅު އެއްވެސް ސިފައެއް ނުފެނުނު މަޒްހަރް ހެއްޔެވެ؟ ނުވަތަ ލިޔާންކިޔާން ވެސް ރަނގަޅަށް ނޭނގޭ، ހިތްހެޔޮ، އާދައިގެ، ނިކަމެތި، އަހަރެންގެ ފާފަތަކަކީ ކުށެއް ކަމަށް ބަލައި އޭނާގެ ކޮއްކޮމެންގެ މަކަރުވެރި ރޭވުމަށް އަހަރެންގެ ކިބައިން މާފަށް އެދުނު ނިކަމެތި މީހާ ހެއްޔެވެ؟" އެތައް އިރެއް ވަންދެން ބޮޑު ފިކުރެއްގައި ޚަދީޖާ އިނެެެވެ. އެހެން ވިސްނާން އިނދެފައި ތެދުވެގެން ޝުޖާއު ގާތަށް އޭނާ ދިޔައެވެ.
ފުރާޅަށް އަރަން ހުންނަ ސިޑިމަތީގައި އިށީނދެގެން ޝުޖާއު އިނެވެ. ޚަދީޖާ އަންނަ އަޑު އިވުމުން އޭނާ ތެދުވިއެވެ. "ކަމަކުތަ؟" ޝުޖާއު އެހިއެވެ.
"ހާދަ އަނދިރިއޭ މިތަން. ބޮކި ދިއްލައިލަންވީނުން." ޚަދީޖާ ބުންޏެވެ. އޭނާ ބޭނުންވީ އެ ދައްކަން އުޅޭ ވާހަކައިން ޝުޖާއުގެ މޫނަށް އަރާ ކުލަވަަރު ބަލާށެވެ. ޝުޖާއު ބޮކި ދިއްލާން ތެދުވިއެވެ. އެ ބޮކީން އެތަނަށް ފެތުރިފައި އޮތީ ވަރަށް ފަނޑު އައްޔެކެވެ.
"އެތެރެއަށް ވަންނަން ވީނުން. މިތަން މާ ފިނި." އޭނާ ބުންޏެވެ.
"ނޫން، އަހަންނަށް މިތަން އެންމެ ރަނގަޅު."
"ދޭ އެތެރެއަށް، އޮށޯންނަން."
"ވާހަކައެއް ބުނަން ބޭނުން. އަހަރެން ދުވަހަކުވެސް އެނބުރި ލަންޑަނަށް ދާކަށް ބޭނުމެއް ނޫން. އަަހަރެންގެ ދިރިއުޅުމުގެ ބާކީ ބައި ހޭދަކުރަން ބޭނުންވަނީ ޝުޖާއު ގެ އަތްނބެއްގެ ގޮތުގައި، މިގޭގައި." އޭނާ ގޭތެރެއަށް ވަންނާން އެނބުރުނެވެ.
"ޚަދީޖާ، މަޑުކޮށްބަލަ." އޭނާ ޚަދީޖާގެ ފަހަތުން ކޮޓަރިއަށް ވަނެވެ. "ޚަދީޖާ އަކަަށް އަހަރެންގެ އެއްވެސް ކަމެއް ނޭނގޭ... އަހަރެންގެ މާލީ ހާލަތެއް... އެކައްޗެއްވެސް... އަހަރެން އަތަކު އެކައްޗެއް ވެސް ނެތް. އަހަރެންގެ މިލްކިއްޔާތުގައި..."
ޚަދީޖާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ޝުޖާއު، އަހަންނަށް ދެ އިރު ކާން ދެވޭނެތަ؟"
"އާނ، އެކަމަކު..."
"އަހަންނަށް ދެތިން އަންނައުނު ދެވޭނެތަ؟"
"އާނ، އެކަމަކު..."
"އެހެންވިއްޔާ މިހާރުވެސް އަހަރެމެންގެ ގެއެއް އެބަހުރި. އަހަރެން ދެކެ ލޯބިވެ، އަހަންނަށް އިހްތިރާމް ކުރަންޏާ، އިތުރަށް އަހަރެން ބޭނުންވާނީ ކޯޗެއް؟" ޚަދީޖާ ވާހަކަ ދެއްކީ ފުރިހަމަ އިތުބާރާއެކުއެވެ. "ޝުޖާއަށް ތަނަވަސްކަން ދެއްވުން އެދި ﷲގެ ހަޒްރަތުގައި އަހަރެން ދުއާކުރާނަން. އެކަމަކު ކަމެއް ފުރިހަމަ ނުވެގެން، އެއްޗެއް ނުލިބިގެން، އެއްވެސް ކަމެއް ނުކުރެވިގެން އަހަރެން ޝަކުވާއެއް ކުރާ އަޑު ދުވަހަކުވެސް ޝުޖާއުއަށް ނީވޭނެ. އަދި ޝުޖާއު ކަންބޮޑުވާ ކަމެއްވެސް އަހަރެންގެ ފަރާތުން ދުވަހަކުވެސް ނުފެންނާނެ."
ޚަދީޖާ ބުނި ވާހަކަ ގަބޫލުނުކުރެވިފައި އިރުކޮޅަކު އޭނާ ހުއްޓެވެ. މިއީ ކޮންކަހަލަ އާދަޔާ ޚިލާފު އަންހެނެއް ހެއްޔެވެ؟
(ނުނިމޭ)
ޚަދީޖާއަށް ހަމަ ސާބަސް ދެން. ދިރިއުޅުމުގައި ވެއްޓުނުހައި އަވަހަށް ތެދުވެ ހިނގައިގަންނަ މީހުން ކަންތައް ކުރާނީ ތިޔަހެން
މަރިޔަމް އަކީ ޚަދީޖާގެ ދަރިއެއްނޫން އެއީ އޭނާ ބަލާ ކުއްޖެއް....ޒަނީން އަކީ އަސްލު އޭނާގެ ދަރިފުޅު....
mivaahaka kiyamun dhaairu heevaneelolah mnzaru sifavaahen
vvreethi miadhu maabodahves kurudhoo
aafathis kudhinkolhu maabodah
...bix
vvufaavejje miadhuge part up kohdhevveema
V reethi
Hadheeja aky mariyamge mom hen heevany. Adhi zaneen aky hadheeja ar mahurazge dharikanneynge.v shauguveri hisabehga
Varah reethi.Kuri asarun bas huttey varu vejje
މާކުރީ. ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ ޕްލީޒް....ވާހަކަ ވ ރީތި، ފަށުވި