ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 1300 އަށްވުރެ އިތުރު ވެއްޖެ

ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުންގެ އަދަދު 1321 އަށް އަރައިފިއެވެ.

އޭގެ ތެރެއިން 1287 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ފެނިފައިވަނީ ޗައިނާއިންނެވެ. މިއަދު ހެނދުނާ ހަމައަށް ރިޕޯޓުކޮށްފައިވާ ގޮތުގައި މިބަލީގައި މިހާތަނަށް ވަނީ 41 މީހުން މަރުވެފައެވެ.

މިބަލި ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑު، ސައުތު ކޮރެއާ، އެމެރިކާ، އޮސްޓްރޭލިއާ، ފުރާންސް، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ވިއެޓުނާމް ހިމެނެއެވެ.

މިގައުމުތަކުގެ ތެރެއިން ޖަޕާނުން ފެނިފައިވަނީ ދެމީހުންނެވެ. ތައިލެންޑުން ފެނިފައިވަނީ 5 މީހުންނެވެ. ސައުތު ކޮރެއާއާއި އެމެރިކާ މިއިން ކޮންމެ ގައުމަކުން ދެ މީހުން ފެނިފައިވެއެވެ. އޮސްޓްރޭލިއާއިން ފެނިފައިވަނީ އެކެކެވެ. ފުރާންސުން ފެނިފައިވަނީ 3 މީހުންނެވެ. މެލޭޝިއާއާއި ސިންގަޕޫރާ މިއިން ކޮންމެ ގައުމަކުން ތިން މީހުން ފެނިފައިވެއެވެ. ނޭޕާލުން ފެނިފައިވަނީ އެކެކެވެ. ވިއެޓުނާމުން ދެ މީހަކު ފެނިފައިވެއެވެ.

މިބަލި ޗައިނާގެ އިތުރު ސިޓީތަކަށް ދަނީ ފެތުރެމުންނެވެ. ބައެއް މަސްދަރުތައް ބުނާގޮތުން އިންޑިއާއިން ވެސް މިހާރު ވަނީ މި ބަލި ފެނިފައެވެ. އެހެންނަމަވެސް އަދި އެކަން ކަށަވަރު ވެފައެއް ނުވެއެވެ.

މި ބަލިޖެހިގެން ޗައިނާގެ ހޫބައި ހޮސްޕިޓަލުގެ ޑޮކްޓަރަކު ވެސް މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިބަލި ޖެހިފައިވާ ޗައިނާގެ ފަތުރުވެރިއަކު ރާއްޖޭގައި ކަރަންޓީނުކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވެސް އެބަ ފެތުރެއެވެ. އެހެންނަމަވެސް އެޗުޕީއޭއިން ވަނީ އެކަން ދޮގު ކޮށްފައެވެ. އެފަދަ ކަމެއް ރާއްޖޭގައި އުޅޭ ކަމަށްވާނަމަ ސިއްރު ނުކޮށް އަންގާނެ ކަމަށް ވެސް އެތަނުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ވަނީ މިބައްޔާ މެދު ސަލާމަތި ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ކަމަށް ހެލުތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.