އެސްޓީއޯއަށް ފަރުމަސް ގަނެވޭނެ ގޮތެއް ނޯންނާނެ: މިނިސްޓަރ ޒަހާ

ދަނޑުވެރިކަމުގެ ބާވަތްތައް އެސްޓީއޯއަށް ގަތް ކަމުގައި ވިއަސް ފަރުމަހުގެ ބާވަތްތައް އެސްޓީއޯއަށް ގަނެވޭނެ ގޮތެއް ނޯންނާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތުޞާދީ ކޮމެޓީގައި ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސަބަބެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވީ އެސްޓީއޯގައި އެވަޞީލަތް ޤާއިމްވެފައި ނެތުމެވެ. ކާބޯތަކެތި ރައްކާކުރުމާއި ފަރުމަސްފަދަ ތަކެތި ރައްކާކޮށް ބަހަށްޓަން ޖެހެނީ ތަފާތު ވަޞީލަތެއް ނުވަތަ ފެސިލިޓީއެއްގައި ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް އެސްއެމްއީ ބޭންކުން ދޫކުރާ ފަރުދުންގެ ލޯނަށް ކުރިމަތި ލެވޭނެކަމަށް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ.

ހުއިފިލަނޑަޔާއި ފާނަޔާއި ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން ނުވަތަ ފަރާތްތައް މިނިސްޓްރީ ގައި ރަޖިސްޓްރީ ވެފައި ނުވާތީ އެފަދަ މީހުންގެ މަޢުލޫމާތު މިނިސްޓްރީގައި ރެކޯރޑް ކުރެވިފައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ މަސްވެރިކަން ކުރާ މީހުންގެ ތަފާސް ހިސާބު ނެތުމަކީ މިފަދަ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިމާ ވެފައިވާ ދައްޗެއްކަމަށް ވެސް މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ. ރަޖިސްޓްރީވާން އެދުމުން ވެސް އެފަދަ މަސްވެރިކަން ކުރާ މީހުން މިނިސްޓްރީގައި ރަޖިސްޓްރީ ނުވެތިބިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރަޖިސްޓްރީންވާންޖެހޭ އެންމެ ބޮޑު ބެނުމަކީ އެހީތެރިކަމެއް ފޯރުކޮށްދޭން ބަލާއިރު އެފަދަ މީހުން ދެނެގަންނަން ފަސޭހަވުން ކަމަށް ވެސް މިނިސްޓަރ ޒަހާ ފަހަގަ ކުރެއްވިއެވެ.

ކަންނެލީގެ މަސްވެރިކަމާއި ކަނޅުބިލައިގެ މަސްވެރިކަން ކުރާ މީހުންނަށް އެހީ ތެރިކަން ފޯރުކޮށް ދެވެނީ ރަޖިސްޓްރީ ވެފައި އޮތުމުން އެމީހުންގެ ތަފާސް ހިސާބު އެނގި އެމީހުން ދެނެގަންނަން ފަސޭހަވުމުންކަން ވެސް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލު ވުމުގައި ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވަނީ ފިޝަރީޒް މިނިސްޓަރަށް ވަރަށް ގިނަ  ސުވާލުތައް ކުރިމަތި ކުރައްވައިފައެވެ. މިނިސްޓަރ ޒަހާ ވަނީ މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. އޮންލައިންކޮށް ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރ ޒަހާއާއި ސުވާލު ކުރައްވައިފައި ވަނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އިޢްލާނަ ކުރައްވައިފައިވާ ރިލީފް ޕެކޭޖާ ގުޅޭ ގޮތުން މަޖިލީހުން ތައްޔާރު ކުރައްވާ ރެކޮމެންޑޭޝަން ތަކުގެ ތެރެއިން އިޤްތިޞާދީ ކޮމެޓީގެ ރެކޮމެޑޭޝަން މަސްވެރިކަމާ ދަނޑުވެރިކަމުގެ ރާއިރާއަށް ދިނުމަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމެޓީތަކުން ދަނި މިރެކޮމެންޑޭޝަންތައް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.