(19 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)
"އަހަރެމެންނާ އެކީ ނޫޅޭ އިރުވެސް މަންމަގެ ނުފޫޒު ޒަނީނަށް އެހާ ގަދަ. މިގެއަށް ބަދަލުވެއްޖެނަމަ ވާނެގޮތް އަހަންނަށް އެނގޭ. ތިކަމަށް އެއްބަސްވެއްޖެނަމަ އަހަންނަކީ ބުއްދިހަމަ މީހެއް ނޫން. އަމިއްލަ ފައިގައި ކޯރާޑިން ޖަހާކަށް އަހަރެން ބޭނުމެއް ނޫން. ރަނގަޅު ދިރިއުޅުމެއް އުޅެވޭނީ މަންމަގެ ފަލްސަފާ ބަލައިގެން ކަމަށް ގަބޫލުކުރާ ފިރިއަކާ އެކީ އުޅޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ ދިރިއުޅުމަށް މިހާރުވެސް މަންމަ އެދަނީ ނުފޫޒު ފޯރުވަމުން. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ވަށައިގެން މާބުރެއް ހެން 24 ގަޑިއިރު އޭނާ އުޅޭކަށް. އޭނައަށް އެކަން ނޭނގެނީތަ؟ ދަނބިދަރީގެ ގެއަށް ބަދަލުވާން އޭނާ ހަމަ ބޭނުންވަނީތަ؟ ޒަނީނަކީ ކޮންކަހަލަ ފިރިހެނެއް؟ އޭނާ މިހާރު އެ އުޅެނީ ބޯދާ ޚިޔާލުގެ މީހުން އުޅޭގޮތަށް. ހާދަ ފޫއްސޭ. މަންމަ ޒަނީނަށް ދައްކައިގެން އުޅެނީ ކޮން ޖާދޫއެއް؟ ކޮންކަހަލަ ޑްރަގެއްތަ ޒަނީނަށް ދީގެން އެ އުޅެނީ، މަންމަ ނޫން އެއްޗެއް އޭނަގެ ލޮލަކަށް ނުފެނޭ. މިވީ އެއް އަހަރުތެރޭގައި ޒަނީން އަހަންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރޭ. ދެކޮޅުވެރިއެއް ނުވޭ. އެކަމަކު މިހާރު އެހެރީ އަހަރެން ދެކެ އިންތިހާއަށް ރުޅި އައިސްފައި. އެ ކީއްވެބާ؟ މަންމައާ ހެދި! އަހަންނަށް ވުރެ އޭނާއަށް މުހިއްމީ މަންމަތަ؟ އެއީ ކީއްވެ؟ މަންމައާ ހެދި އެހާވަރުން އުޅެނީ މަންމަގެ ކޮން ސިފައެއް ހުރެގެން؟" ޒަނީނާ ކުރެވުނު ޒުވާބާ މެދު ވިސްނި ވަރަކަށް މަރިޔަމްގެ ރުޅި ގަދަވަމުން ދިޔައެވެ. އެންމެ ފަހުން މަންމައަށް ރުޅި ބާލަން އެގެއަށް ދިޔައެވެ.
"މަންމާ، ޒަނީން ބޭނުންވަނީ މަންމަ އަހަރެމެންނާއެކު އުޅެން، އެގެއަށް ބަދަލުވާން. އެކަމަކު ކިިހިނެއް އެހެންވާނީ؟ ތެދެއް، އެގެއަކު ޒަނީންގެ އާއިލާ މީހުންނެއް ނޫޅޭ. އެކަމަކު އެ އެންމެވެސް އުޅެނީ އެ ހިސާބުގަނޑުގައި. އަހަރެމެންގެ ގޭގައި ހިނގާ ހުރިހާ ކަމެއް ބަލާ. އަހަރެމެންނާއެކު އުޅެން މަންމަ އެގެއަށް ބަދަލުވެއްޖެނަމަ އެމީހުން ކިޔާނެ އެއްޗެހި މަންމަގެ ޚިޔާލަށް ގެނެވޭތަ؟ ޒަނީން އަހަންނާ އިންނަން ވެސް އެމީހުން ދެކޮޅުހެދި. ދެން ބުނާނެ އަހަރެން ބުނެގެންނޭ މަންމަ ބަދަލުވީ. އަހަރެން ދެކެ ހައްތަހާ ބޮޑަށް ނަފްރަތު ކުރާނީ ދެން. އަހަންނާ ދިމާއަށް ކިޔާނެ އިތުުރު އެއްޗެއް ލިބުނީ އޭރުން. އެކަމަކު ޒަނީން... އޭނައަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މަންމަ ބަދަލުވީމަ ނުކުންނާނެ ނަތީޖާއެއް. މިކަމާ ހެދި އަހަންނާ ދެބަސްވެސް ވެއްޖެ. އަހަންނާ ވާހަކަ ނުދައްކާތާ ހަފްތާއެއް ވެއްޖެ." މަރިޔަމް މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
މަންމަ އޭނާގެ ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އެއްވެސް ކޮމެންޓެއް ނުކުރެއެވެ. މަރިޔަމްގެ ވާހަކަ ނިންމައިލުމުން މަންމަ ބުންޏެވެ. "ދަރިފުޅު ތިކަމާ ކަންބޮޑުނުވޭ. މަންމަ ޒަނީނާ ވާހަކަ ދައްކާނަން. މަންމައަށް ޔަގީން އޭނައަށް ވިސްނޭނެކަން، އަދި ދެން އިތުރަށް އެ ވާހަކަ ނުދައްކާނެކަން ވެސް އެނގޭ."
"އޭނަ މަންމައާ މި ވާހަކަ ދެއްކިތަ؟" މަރިޔަމް ބޭނުންވީ އޭނާގެ ޝައްކު ޔަގީން ކުރާށެވެ.
"އާނ. ދެތިން ހަފްތާއެއް ކުރިން އެކަހަލަ ވާހަކައެއް ދެއްކި. މަންމަ ބުނިން ފުރަތަމަ ދަރިފުޅާ ވާހަކަ ދައްކާށޭ. މަރިޔަމް އެގޮތާ ރުހެންޏާ ދަރިފުޅުމެންގެ ގެއަށް ބަަދަލުވާނަމޭ."
"މަންމާ، އަހަރެން ނުރުހޭންވީ ކީއްވެ؟ އަހަރެން ވަރަށް އުފާވާނެ މަންމަ އަހަރެމެންނާއެކު އުޅެން. އޭރުން މަންމަގެ އެކަނިވެރިކަން ފިލާނެ. މަންމަ އެކަނި އިންނާތީ އެކަމާ ފިކުރު ބޮޑުވެގެން އަހަރެން އުޅޭކަށް ނުޖެހޭނެ. އެކަމަކު މަންމާ، އަހަރެންގެ މައިދައިތަމެން..."
މަންމެ އެގެއަށް ބަދަލުވުމާ ދެކޮޅު ހަދާ ސަބަބު އޮޅުންފިލުވައިދޭން މަރިޔަމް މަސައްކަތް ކުރިއެވެ. އޭނާގެ ވާހަކައިގެ މެދުތެރެއިން މަންމަ ވާހަކަ ދައްކަން ފެެށިއެވެ. "އެއީ މައްސަލައެއް ނޫން މަރިޔަމް، މަންމައަށް އެނގޭ ދަރިފުޅަށް ކުރިމަތިވާނެ ތަކުލީފު."
މަރިޔަމް ފުން ނޭވާއެއް ލިއެވެ. "އެހެންވެއްޖެއްޔާ ޒަނީނަށް ވިސްނައިދޭނަންތަ؟"
'އާނ. ޒަނީނާ ވާހަކަ ދައްކާނަން. ދަރިފުޅު އެކަމާ ފިކުރުކުރާނެ ކަމެއް ނެތް." މަންމަ އޭނާއަށް ޔަގީންކަން ދިނެވެ.
"އަހަރެމެން ދެންމެ ދެއްކި ވާހަކަ އޭނާ ގާތު ނުބުނާތި. އޭނާ ހިތުގައި ޖެހިދާނެ." އޭނާ ބޭނުންވީ އެގެއަށް ބަދަލުވާން މަންމަ ބޭނުން ނުވާކަން ޒަނީނަށް އަންގާށެވެ. މަރިޔަމްގެ ނުފޫޒެއް އޮވެގެން ބުނި ބުނުމަކަށް ނަހަދާށެވެ.
"ނުބުނާނަން." ޒަނީން ގާތު އެވާހަކަ ނުބުނާނެކަން މަންމަ މަރިޔަމަށް ކަށަވަރު ކޮށްދިނެވެ.
މަންމަ ޒަނީން ގާތު ބުނީ ކީކޭ ކަމެއް މަރިޔަމަކަށް ނޭނގެއެވެ. އެރޭ ހުރިހާ ކަމެއް ހަމައަކަށް އެޅުނެވެ. ދެމީހުން ދޭތެރޭ މައްސަލައެއް ޖެހުނުހެން ހީވެސްނުވެއެވެ. ކާން އިނދެފައި މަރިޔަމް އަނެއްކާވެސް މަންމަ އެގެއަށް އައުމާ މެދު އޭނާ އިއުތިރާޒުކުރާ ސަބަބު ޒަނީނަށް އޮޅުންފިލުވައދޭން މަސައްކަތް ކުރިއެވެ. އެކަމަކު ޒަނީން އެވާހަކަ ކުރިޔަށް ގެންދިޔަކަ ނުދިނެވެ. "އަހަރެން ދެން އިތުރަށް ތި ވާހަކަ ދައްކާކަށް ނެތިން. މަރިޔަމާ ޒުވާބުކުރާކަށް ބޭނުމެއް ނޫން. މަންމަ މިގެއަށް ބަދަލުވުމާ ދެކޮޅަށް މަރިޔަމް ތި ދައްކާ ވާހަކައިގެ އެއްވެސް އަސާސެއް ނެތް. ތި ބުނާ އެއްޗެއް އަހަންނަށް އަޑު އިވިއްޖެ. އޭގެ ތަފްސީލު އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ އިނީ ހިތް ހަމަ ނުޖެހިފައެވެ. މަރިޔަމް އެވާހަކަ ކުރިއަށް ގެންދާން ބޭނުންވީ ކަމުގައިވީނަމަވެސް އޭނާ ނިންމީ އެ މައުޟޫއު ދޫކޮށްލާށެވެ. ޒަނީން އޭގެ ފަހުން ދުވަހަކުވެސް އެވާހަކައެއް ނުދައްކައެވެ. މަރިޔަމް ބޭނުންވާ ގޮތަށް އަނެއްކާވެސް ކަންތައް ނިމުނެވެ.
***
"ޒައިނަބަކީ އަހަންނަށް ވަރަށް ރީތި ނަަމެއް. މި މަންޖެއަށް ކިޔާނީ ޒައިނަބް."
ޒަނީން ދަރިފުޅު ގައިގައި އޮޅުލަނީއެވެ. މިއީ އޭނާ ހޮސްޕިޓަލުން ގެއަށް ދޫކުރިތާ ތިން ވަނަ ދުވަހެވެ.
"ނޫން ޒަނީން." މަރިޔަމް އޭނާ ނުރުހޭކަން ވަގުތުން އެންގިއެވެ. "ތީ ހާދަ މުސްކުޅި ނަމެކޭ. ތިއަށްވުރެ މާ ރީތި ނަންނަން ހުންނާނެ."
"ނޫން. މީނައަށް ކިޔާނީ ޒައިނަބް. އަހަރެން އެގޮތަށް ނިންމައިފިން." ޒަނީން ބުންޏެވެ.
"ޒައިނަބް!" މަރިޔަމް ޝައްކުގެ ނަޒަރަކުން ޒަނީނަށް ބަލައިލިއެވެ. "ތީ މަންމަ ދިން ނަމެއް ދޯ؟" އޭނާ އެހިއެވެ.
ޒަނީން ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ. "ނޫން، އަހަންނަށް އެ ނަން ރީތީ ހަމަ."
"މާ ޚާއްސަ ނަމަކީ ތަ؟"
"އެ ނަން އަހަންނަށް ރީތީ، ޚާއްސަވެގެނެއް ނޫން."
"އެންމެ ރަނގަޅު. ތީ އަހަންނަށް ކަމުދާ ނަމެއް ނޫން. މަންމަގެ ހައިިސިއްޔަތުން އޭނައަށް ކިޔާނެ ނަމެއް ހޯދުމަކީ އަހަރެންގެ ހައްގެއް. އަހަރެން ބޭނުމެއް ނޫން އޭނައަށް ޒައިނަބް ކިޔާކަށް."
"މައްސަލައެއް ނެތް. ބޭނުން ނަމެއް ކިޔާ. އެކަމަކު އަހަންނަށް މިއީ ޒައިނަބް. އެނޫން ނަމެއް އަހަރެން ނުކިޔާނަން."
ޒަނީން މިފަހަރު ގޮތުގައި ހިފަހައްޓައިލިއެެވެ. އެންމެ ފަހުން ދަރިފުޅަށް ކީ ޒައިނަބެވެ. ޒަނީނަށް ރުޅީ ބާލާނެ އިތުރު ސަބަބަކަށް އެކަން ވިއެވެ. އޭނާ ގަބޫލުކުރަނީ ޒަނީން އޭނާއަށް ދޮގު ހެދީ ކަމަށެވެ. އޭނާގެ ދަރިފުޅަށް ޒައިނަބްގެ ނަމުން ނަން ދިނީ މަންމަ ކަމަށެވެ.
(ވިހިވަނަ ބާބު)
އޭނާއަށް މީހަކު ބޭރުގައި ހުރި އަޑު އިވުނެވެ. ހުރިހާ ހިއްސެއް ސަމާލުކަމަށް އައެވެ. އޭނާ ތެދުވިއެވެ. ދޮރުގެ ތަޅަށް ތަޅުދަނޑިއެއް ޖަހައި ދޮރު ހުޅުވުނެވެ. މަޒްހަރް އެތެރެއަށް ވަނެވެ. އަނގައިން ނުބުނެ ލައިގެން ހުރި ކޯޓު ބާލާފައި ދޮރުގައި ހަރުކޮށްފައި ހުރި ބުޅިގަނޑެއްގައި އެޅުވިއެވެ. އޭނާގެ ހަރަކާތްތައް ބަލަން ޚަދީޖާ ހުއްޓެވެ. ދެފައި ތުރުތުރު އަޅައަޅައެވެ. މޭޒުގައި ބާރަށް ހިފެހެއްޓުމަށްފަހު އޭނާ ސޯފާއަށް ތިރިވިއެވެ. މިދިޔަ ތިން އަހަރު އޭނާވަނީ މަޒްހަރްގެ މޫނުމަތިން ފެންނަ ކުލަވަރުން އޭނާގެ މޫޑު ދެނެގަންނާން ދަސްކޮށްފައެވެ. އެކަމަކު މިއަދު މަޒްހަރް އޭނާއަށް ބަލައިލި ބަލައިލުން މާނަކުރާކަށް އޭނާއަކަށް ނޭނގުނެވެ. މިކަހަލަ މޫޑެއްގައި ހުއްޓައި މީގެ ކުރިން ފެނިފައި ނުވާތީއެވެ. ބިރުގެންފައި ހުރި ވަރުން ޚަދީޖާގެ ހިތް ވިރެނީއެވެ. މަަޒްހަރަށް އޭނާގެ މާޒީ އެނގިއްޖެކަމާ މެދަކު ޝައްކެއް ނެތެވެ. އޭނާއަކީ ކާކުކަން އާސިމަށް އެނގުނުކަން ވެސް މިހާރު ޔަގީންވެއްޖެއެވެ. އޭނާގެ ހުރިހާ ވާހަކައެއް އާސިމް މަޒްހަރަށް ކިޔައިދިނީއެވެ. "އާސިމް ބުނީ ކީކޭބާ؟ އޭނާ ބޭނުންކުރީ ކޮން ކަހަލަ ބަސްކޮށާރެއްބާ؟" އޭނާ ވިސްނައިލިއެވެ. "އަހަންނަކީ..." އޭނާގެ ހަށިގަނޑެކޭ ގަނޑުފެންގަނޑެކޭ އެއްފަދައެވެ. އެހާވެސް ފިންޏެވެ. އެކަމަކު ނިތްކުރި އޮތީ އޮށްދަލުން ފުރިފައެވެ. ހުރިހައި ވަގުތަކާއި އަޅާލުން ދީގެން މި ތިން އަހަރުތެރޭ ބިނާކުރި ގެ މިހާރު ހުރީ ތާސްބައެއް ހެން ވައިރޯޅިއާއެކު އެއްލައިލާން ތައްޔާރުވެފައެވެ. "ކިހިނެއްބާ ވާނީ؟ މަޒްހަރް ގާތު އަހަރެން ބުނަންވީ ކީކޭބާ؟" އޭނަގެ ހަޔާތް އަނދަވަޅަކަށް ވެއްޓެން ފަށައިފިއެވެ. ވަށައިގެން ފެތުރިފައި އޮތީ މަރުގެ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ސަބަބުން އޭނާގެ ނާރުތައް ފަޅައިގެންދާން ތައްޔާރުވެއްޖެއެވެ. "މަޒްހަރަށް ހުރިހާ ވާހަކައެއް ކިޔައިދޭން ދާންވީ... އަހަރެން ކުރި ކަމެއް ކުރާން ޖެހުނީ ކީއްވެގެންކަން ބުނެދޭންވީ... އޭނާޔާ އެކު އަހަރެން ތިން އަހަރު އުޅެފިން... އަހަންނަކީ އޭނާގެ ދަރިފުޅުގެ މަންމަ. އޭނާ އަހަރެން ދެކެ ވަރަށް ލޯބިވޭ. މިދިޔަ ތިން އަހަރުތެރޭގައި ޝަކުވާކުރާނެ އެއްވެސް ފުރުސަތެއް އަހަރެންގެ ފަރާތުން އޭނާއަކަށް ނުދެން. ދުވަހަކު ނުކިޔަމަންތެރިއެއް ނުވަން. އޭނާއަށް އެންމެ ފަހަރަކުވެސް ބޭވަފާތެރިއެއް ނުވަން... އަހަރެންގެ މާޒީއަށް ބަލާފައި އޭނާއަށް އަހަރެން ދޫކޮށެއް ނުލާނެކަން ކަށަވަރު. އޭނާއަކީ ރަނގަޅު މުސްލިމެއް. ނަމާދުކުރޭ، ރޯދަ ހިފާ. ޒަކާތް ދޭ. ރަނގަޅަށް ދީން އެނގޭ. އޭނާ އަހަންނަށް މާފުކުރާނެ. މިހާރު އެހެރީ ރުޅި އައިސްފައި. އެކަމަކު އަހަންނަށް މާފުކުރާނެ. އަހަރެމެންގެ ދިރިއުޅުން ކުރިން އޮތް ހާލަތަށް ގެންނާން ދުވަސްކޮޅެއް ނަގާނެ... ﷲ ގެ އިރާދަފުޅުން އެއަށްފަހު އަހަރެމެންގެ ހަމަޖެހުން ނަގައިލެވޭނެ އެއްވެސް ކަމެއް މެދުވެރިއެއް ނުކުރައްވާނެ."
ވަރަށް ހިތްވަރުކޮށްފައި ތެދުވެގެން ނިދާ ކޮޓަރިއަށް އޭނާ ދިޔައެވެ. ތުރުތުރު އަޅާ އަތަކުން ކޮޓަރީގެ ދޮރު ހުޅުވިއެވެ. އެނދު ހުރީ ހުހަށެވެ. އަލަމާރީގެ ދޮރު ހުޅުވައިގެން އަލަމާރީގައި ހުރި ހެދުންތައް ބިންމަތީގައި ހުރި ސޫޓުކޭހަކަށް އުކާލައުކާލައި މަޒްހަރް ހުއްޓެވެ. ޚަދީޖާގެ ހިތް ކުދިކުދި ވިއެވެ. އޭނާ އެއުޅެނީ ދާން ހެއްޔެވެ؟
"މަޒްހަރް، ކީއްތިކުރަނީ؟" ޚަދީޖާގެ އަޑު ތުރުތުރު އަޅައެވެ.
އެއަށް ޖަވާބު ދިނުމެއް ނެތި މަޒްހަރް ފޮށްޓަށް އަންނައުނު އުކަމުން ދިޔައެވެ. ގައިގައި ހުރި ވަރެއް ލާފައި އޭނާ މަޒްހަރް ކައިރިއަށް ދިޔައެވެ. "ކިހިނެއްވީ؟"
މަޒްހަރް އަދިވެސް ޖަވާބެއް ނުދެއެވެ. އަލަމާރި ހުސްކުރަމުން ދިޔައެވެ.
"ކީކޭތަ އާސިމް ބުނީ؟" އެހެން ސޫޓުކޭހެއް ނަގަން އުޅެނިކޮށް ޚާދީޖާ މަޒްހަރްގެ އަތުގައި ހިފެހެއްޓިއެވެ.
ވިދުވަރެއްހައި ހަލުވިކޮށް ޚަދީޖާގެ އަތުން އަތް ދަމައިގެންފައި އޭނާ މޫނުމަތީގައި މަޒްހަރް އެތިފަހަރެއް އަޅައިލިއެވެ.
"އަހަރެން ގައިގައި އަތް ނުލާތި!" މަޒްހަރް ހަޅޭއްލަވައިގަތެވެ.
ޚަދީޖާ ބިން މައްޗަށް ވެއްޓުނެވެ. އޭނާގެ ނޭފަތުން ލޭ ފައިބާކަން އެނގެއެވެ. އަނިޔާއަކީ އޭނާއަށް ބީރައްޓެހި އެއްޗެއް ނޫނެވެ. މީގެ ކުރިން ވެސް ޖިސްމާނީ އެތައް އަނިޔާއެއް ލިބިފައިވެއެވެ. އެކަމަކު މަޒްހަރް އޭނާއާ ދިމާއަށް ލެވި ހަޅޭކާއި އޭނާގެ މޫނުގައި ވީއްލައިލި އެތިފަހަރުން އޭނާގެ ހިތް ފަޅައިގެން ދިޔައެވެ. މީގެ ކުރިން މީހަކު އަނިޔާކުރިޔަސް ހިތުގައި ނުޖެހެއެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރީން، ނޭފަތުން ފައިބާ ލޭ ފޮހެލުމަށްފަހު އޭނާ ބިންމަތިން ތެދުވިއެވެ. މަޒްހަރް ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ.
"މަޒްހަރް، އަހަންނަށް މާފުކުރޭ. އަހަރެން ގައިގައި ތަޅަން ބޭނުންމިއްޔާ ތަޅާ. ހަޅޭއްލަވާ. އެކަމަކު އަހަރެން ދޫކޮށްފައި ނުދޭ." ޚަދީޖާ ދެއަތް ޖޯޑުކޮށްގެން މަޒްހަރަށް އާދޭސްކުރަމުން ދިޔައެވެ.
"ނުދާށޭ؟ އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރަންވީ ރަންޑިއަކާއެކު ތަ؟" އަންނައުނު ނެގުން ހުއްޓާލާފައި ޚަދީޖާއާ ދިމާއަށް އެނބުރުނެވެ. "އަހަރެންގެ އިތުބާރު ނަގައިލި ގޮތާ މެދު ވިސްނާލިންތަ؟ މި ހުރިހާ ދުވަހު ތިއުޅުނީ އަހަރެން ކަނު ބަނދެގެން، މޮޔަ ހައްދައިގެން. އަހަރެން ވީ ލޯތްބަށް ތި ކުރީ މަލާމާތް. ހުޅަނގުގައި އަންހެނުންނާއި ފިރިހެނުންނެއް ނުތިބޭނެއޭ އަހަރެންގެ ބައްޕަ ބުނި. ބައްޕަ ބުނީ ހުޅަނގުގައި އުޅޭނީ ޖަނަވާރުންނޭ، ރީތި ސުލޫކު ހުރި ކަމަށް ދައްކައިގެން އުޅޭ ޖަނަވާރުންނޭ. އެއީ ހަމަ ރަނގަޅު ވާހަކައެއް. ޅީދަރިއަކަށް ބައްޕަ ހޮވާފައި ހުރީ ނުލާހިކު ތާހިރު ކުއްޖެއް. އޭނާ ކީއްކުރަން، އޭނާގެ ހިޔަނިވެސް ހިލޭ ފިރިހެނަކަށް ނުފެންނާނެ... ތީ... މުޑުދާރު އަންހެނެއް! ފައިސާ އަށް ހަށި ވިއްކާ މީހެއް!"
ޚަދީޖާއަށް ކުރެވެނީ އަނދަމުންދާ އަލިފާންގަނޑެއްގެ ތެރޭގައި ހުރެވޭ ކަމުގެ އިހުސާސެވެ. މަޒްހަރް އެ އަލިފާންގަނޑުގެ ތެރެއަށް ފަހަރަކު ދަރުގަނޑެއް އަޅަމުންދާ ކަހަލައެވެ.
"އަހަންނަށް ހީވަނީ މިއީ އަހަރެންގެ މައިންބަފައިންނަށް ނުކިޔަމަންތެރިވުމުން ލިބުނު އަދަބެއްހެން."
އަނެއް ދަރުގަނޑު އަލިފާނަށް އެއްލައިލިއެވެ. ހުޅުގަނޑު ވަރުގެ ކޮޅަށް ރޯވެއްޖެއެވެ.
"މަޒްހަރް ޚާންގެ އަނބިމީހާ އަކީ ހަށިވިއްކާ މީހެއް... ޑަސްކީ ޑެމްޒޭލް... ކަލޭ މަޝްހޫރުވެފައިވާ ނަމަކީ އެއީ... ނޫންތަ؟"
"މަޒްހަރް، އެއީ އަހަރެންގެ މާޒީ. އަހަރެން މަޒްހަރާއެކީ ފެށީ އާ ދިރިއުޅުމެއް."
"ކިހާ ދުވަހަކަށް؟ ފަސް އަހަރަށް؟ ދިހަ އަހަރަށް؟ ނުވަތަ ބަދަލަކަށްތަ؟ ނުވަތަ ގިނަ މީހުންނަށް ޚިދުމަތް ދިނުމުގެ ބަދަލުގައި އެންމެ މީހަކަށް ޚިދުމަތް ދީގެން ފުއްދައިލެވޭތީ ތަ؟ ޚާއްސަކޮށް އެމީހަކީ ޒުވާން، ބަލާ ބެލުމަށް ރީތި، އަދި ޖީބު ފުރިފައި ހުރި މީހަކަށް ވާތީ ތަ؟ އާނ، ކަލޭގެ އެއް މިންގަނޑަށް ގައިމުވެސް އޭނާ ފެތޭ... އޭނާ އަކީ މޮޔައެއް. އޭނާ ހުރީ ކަލެޔާ އިންނާން... އަދި އޭނާގެ ދަރީގެ މަންމަގެ ގޮތުގައި ކަލޭ ބަލައިގަންނަން ތައްޔާރަށް. މިދުނިޔޭގައި އުޅޭނެތަ މަޒްހަރް ކަހަލަ ދެވަނަ މޮޔައެއް؟" މަޒްހަރް ހަޅޭއްލަވަމުން ދިޔައެވެ.
"މަޒްހަރް، އަހަރެންގެ މާޒީއަށް ނުބަލާ. ވެދިޔަތަން ވެ ދިޔައީ. އެއީ އަހަރެންގެ މާޒީ. މިހާރު އަހަރެން އުޅޭ ގޮތަށް ބަލާ. އަހަރެންގެ ކިބައިން މަޒްހަރަށް އެއްވެސް ގޯސް އާދައެއް ނުފެންނާނެ. އަހަންނަކީ ނަމޫނާ އަނތްބެއް ނޫންތަ؟ އަހަންނަކީ ރަނގަޅު މައެއް ނޫންތަ؟ އަހަރެން ހުރީ މަޒްހަރަށް ވަފާތެރިވެގެނެއް ނޫންތަ؟ އިސްލާމް ދީން ގަބޫލުކުރުމަށްފަހު އަހަރެން އުޅެމުން އައީ ރަނގަޅު މުސްލިމެއްގެ އުޅުން. ދީނުގައި ބުނާ ކަހަލަ އަނތްބެއްގެ ގޮތުގައި. އަހަރެން އަޅުކަން ކުރަނީ މަޒްހަރް އަޅުކަން ކުރާ ﷲ އަކަށް ނޫންތަ؟ އަހަރެން ރަސޫލެއް ކަމަށް ބަލަނީ މަޒްހަރް ރަސޫލެއް ކަމަށް ބަލާ ފަރާތެއް ނޫންތަ؟"
"ކަލޭ ކުރި ކޮންމެ ކަމެއް ކުރީ ފައިސާއަށް. މިހާރު ކުރާ ކޮންމެ ކަމެއްވެސް ކުރަނީ ފައިސާއަށް!" ޚަދީޖާގެ ބޮލުގައި މަޒްހަރް އެ އެޅުވީ އޭނާއަށް ހަޖަމުކުރަން ދަތި ތުހުމަތެކެވެ.
(ނުނިމޭ)
V reethi... Hadheejaa ah v gothunn rovijje.. waiting fir next part..
khadheejaanoonas v dheravejje
mazharuves nuvaanehn ahen hadhaakah. hihdhathi vv reethi
mivaahaka akamu haadha inthizaareh koffeem. maadan thankolheh avahah up kodhevvaa
plx plx plx