
ދެކުނުގެ ރަށެއްގައި ދެއަހަރުގެ އަންހެން ކުއްޖާ ރޭޕުކުރީ އިންސާނުންގެ ސިފައިގައިތިބި ޖަނަވާރުން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ދެ އަހަރުގެ ތުއްތު ކުއްޖާ ރޭޕުކުރި އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭ،" ކަމަށެވެ.
އެ ކުއްޖާއަށް އެފަދަ ބޮޑު އަނިޔާއެއް ދީފައިވަނީ ކުއްޖާގެ ބައްޕައާއި، ކާފައާއި، މުނި ކާފަ ކަމަށް ވިދާޅުވެ މިނިސްޓަރ ފާހަގަ ކުރައްވާފައިވަނީ އެއީ ކުއްޖާގެ މައްޗަށް އެންމެ އެންމެ ޒިންމާދާރު މަގާމުގައި ތިބި މީހުން ކަމަށެވެ. އެފަދަ މަގާމްތަކުގައި ތިބި މީހުން އެކަން ކުރުމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އެއްވެސް ގޯހެއްނެތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެންމެ ޒިންމާދާރު މަގާމުގައި ތިބި "ބައްޕަ، ކާފަ އަދި މުނިކާފަ ކުއްޖާ ރޭޕުކުރީމައި މިނިސްޓަރ ޝިދާތާ ގޯސްވާންޖެހޭ ސަބަބެއްނެތް. އިސްލާހު ކުރެވޭނީ މުޅި މުޖުތަމައު ބައިވެރިވެގެން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައިވެސް ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ އިންސާނުންގެ ސިފައިގައިތިބި ޖަނަވާރުން ކަމަށެވެ. އެމީހުންނާ މެދު ހަރުކަށި އަދަބު ދެއްވުމަށް ވެސް ރައީސް މައުމޫން ވަނީ ގޮވާލައްވައިފައެވެ.