
ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕޫކުރި މައްސަލައެއްގައި ދެ މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ބަންދުކޮށްފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕުކޮށްފައިވަނީ ބައްޕައާއި، ކާފައާއި، މުނިކާފައެވެ. ފުލުހުން ވިދާޅުވީ ބަންދުކުރި 62 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 3:05 އެހައިކަންހާއިރު ކަމަށެވެ. ދެވަނަ މީހާ ބަންދު ކުރީ 3:25 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަގާއި ޖެންޑާ މިނިސްޓްރީން ވިދާޅުވެފައިވަނީ އެކުއްޖާއަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު އެކުއްޖާ ވަނީ އާއިލާއިން ވަކިކުރެވި ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައި ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ފުލުހުންނާ ގުޅިގެން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.