ހިމަހަ ބިހިން ރައްކާތެރިވުމަށް ޖަހަންޖެހޭ އެމްއާރު ވެކްސިން ނުޖަހައިތިބި 9 މަހާއި 18 މަހާ ދެމެދުގެ ކުދިންނަށް ވީހާވެސް އަވަހަކަށް އެވެކްސިން ދިނުމަށް ހެލްތު މިނިސްޓްރީން އަންގަވައިވައިފިއެވެ.
އޭގެ އިތުރުން ހިމަބިހިން ސަލާމަތް ވުމަށް ޖަހަން ޖެހޭ ވެކްސިން އެއްގޮތަކަށް ވެސް ނުޖަހައި ތިބި މީހުން ވެކްސިން ޖެހުމަށް ވެސް އެމިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މުޅި ރާއްޖެއިން ހިމަބިހި ނައްތާލިކަން އިއުލާނުކޮށްފައިވަނިކޮށް، ހިމަބިހި އަލުން ފެތުރެން ފަށާފައިވާކަން ސަރުކާރުން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.
ހެލްތު މިނިސްޓްރީން ބުނީ، ހިމަބިހި ޖެހިގެން ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ހުސްވި ހަފްތާގައި ފަރުވާ ދިނުމަށްފަހު، ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ފަހުން 30 އަހަރުގެ ފިރިހެނެއްގެ ގައިވެސް އެބަލި ފެނިފައިވެއެވެ.
ހިމަބިއްސާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ވެކްސިން ހުސްނުވާވަރަށް ލިބެން އެބަހުރި ކަމަށެވެ.
އެހެންކަމުން ހިމަބިހިން ސަލާމަތް ވުމަށް ޖަހަންޖެހޭ ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށްފަހު ވީހާ އަވަހަކަށް އެ ވެކްސިން ފުރިހަމަ ކުރުމަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ އާއި އަތޮޅުތަކުގެ ރަށްރަށުން ވެކްސިން ޖެހޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރުމަށް ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހިން ސަލާމަތް ވުމަށް ޖަހަން ޖެހޭ ވެކްސިން އެއްގޮތަކަށް ވެސް ނުޖަހައި ތިބި މީހުންނަށް ވެކްސިން ޖަހައި، ޑޯޒް ހަމަ ނުކޮށް ތިބި މީހުންނަށް ޑޯޒް ހަމަކުރުމަށް އަމާޒުކޮށްގެން ތިންމަސް ދުވަހުގެ ޚާއްސަ ޕްރޮގްރާމެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިހާރު ފަށާފައިވާ ކަމަށެވެ.
ހިމަބިހީގެ ވެކްސިން ޖަހާފައިވޭތޯ ބެލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ސަރުކާރާއި އަމިއްލަ ސުކޫލުތަކާއި ތައުލީމު ހާސިލުކުރަމުން އަންނަ ކުދިންގެ ވެކްސިން މައުލޫމާތު ހާމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ވަނީ އަންގައިފައެވެ.
އަދި ވެކްސިންކާޑު ފުރިހަމަކޮށްފައިވޭތޯ ބެލުމަށް އެ ކާޑުގެ ފޮޓޯ ކޮޕީ ހުށަހެޅުމަށް ބެލެނިވެރިންނަށް ސްކޫލްތަކުން ވަނީ އަންގައިފައެވެ.