ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެކަން އިއުލާން ކުރައްވައިފިއެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީ ޖަލްސާއެއްގައެވެ. ކައުންސިލަރުންގެ މުސާރަ ބޮޑުކުރައްވަން ނިންމަވައި ރައީސް ވަނީ މުސާރަޝީޓު މަޖިލީހަށް ފޮނުއްވައިފައެވެ.
މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން މޭޔަރަކަށް ލިބޭނީ 40،000 ރުފިޔާ އެވެ. އަދި ޑެޕިޔުޓީ މޭޔަރަކަށް 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލް ރައީސަކަށް 28،000 ރުފިޔާ އެވެ. ރަށު ކައުންސިލް ރައީސް އަކަށް 23،000 ރުފިޔާ އެވެ. ނައިބު ރައީސަށް ލިބޭނީ 15،000 ރުފިޔާއެވެ. ކައުންސިލް މެމްބަރަކަށް ކަނޑައަޅާފައިވަނީ 12،000 ރުފިޔާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިގޮތަށް މުސާރައަށް ބަދަލު ގެންނަވަން ރައީސް ނިންމެވީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވަރަށް ކައިރިވެފައިވަނިކޮށްނެވެ. ލޯކަލްކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހު ކުރީ ކޮޅުގައެވެ.
އިލެކްޝަންސްކޮމިޝަނުން މިހާރު ގެންދަވަނީ އިލެކްޝަނަށް ތައްޔާރުވަމުންނެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް ގެންދަވަނީ އިންތިޚާބަށް ކެންޑިޑޭޓުން ނެރެ ކެމްޕޭނަށް ތައްޔާރުވަމުންނެވެ.