ފުސްބިއްލޫރި - 22

(14 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަންމައާ އެކު ދެކެވުނު ވާހަކައިން ޒަނީން ހާސްވެ މާޔޫސްވިއެވެ.

***

"ސެރެމިކް ފެކްޓަރީ ހަދާ ޚިޔާލު ދޫކޮށްލައިފިން."

ދެމީހުން ވެސް ތިބީ ނިދަން އޮށޯވެއެވެ. އެހެން ބުނުމާއެކީ މަރިޔަމް ފުންމައިގެން ތެދުވިއެވެ. ޒަނީން އެހައި ހަމަޖެހިލައިގެން އެ ބުނި ވާހަކަ ގަބޫލުކުރަން ދަތިވިއެވެ. މަރިޔަމް މޭޒުމަތީގައި ހުރި ބޮކި ދިއްލައިލިއެވެ. "ކީކޭ ތިބުނީ؟" އޭނާ އެހިއެވެ.

"ދެވަނަ ފެކްޓަރީ އެއް ނަހަދާނަމޭ." ޒަނީން ބުނެލިއެވެ.

"ކީއްވެ؟"

"ދެ ވިޔަފާރި ރަނގަޅަށް ނުހިންގޭނެތީ."

"ޒަނީން، އަހަރެން ކުރިންވެސް ބުނީމެއްނު..." މަރިޔަމް ފުން ނޭވާއެއް ލިއެވެ. "އަހަރެން އެހީވާނަމޭ ބުނީމެއްނު."

"މަރިޔަމް. މަރިޔަމަކަށް ނުވާނެ. އެހެން ނޫނަސް މަރިޔަމްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ވެސް ނޫން. ދަރިފުޅު ގޭގައި ބާއްވާފައި ކޮންމެ ދުވަހަކު ވަޒީފާއަށް ދާންތަ ތި ގަސްތުކުރަނީ؟"

"އޭނަ އަބަދަކު ކުޑަކުއްޖެއްގެ ގޮތުގައެއް ނޯންނާނެ. އެހެން ނޫނަސް އޭނަ ބަލަން އަހަރެން މީހަކު ގެންނާނަން."

"މަރިޔަމް. އަހަރެން ބޭނުންވަނީ އޭނާގެ ކަންކަން މަރިޔަމް އަމިއްލައަށް ކުރަން. އަދި މިހާރު ތި ގޮސް އުޅޭ ގޮތަށް ބޭރަށް ދިއުންވެސް މަދުކުރަން. މަންމައަކު އެންމެ އިސްކަން ދޭން ޖެހޭނީ އޭނާގެ ދަރިއަށް. އެހެން ހުރިހާ ކަމެއް އަންނާނީ އެއަށްފަހު." ޒަނީން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. މަރިޔަމަށް ވިސްނައިދެވޭތޯއެވެ. މަރިޔަމް ރުޅި އައިސް ރަތްވިއެވެ. ޒަނީނަށް އައި ކުއްލި ބަދަލާއެކު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ.

"ޒަނީނު، ބުނެބަލަ. ފެކްޓަރީ ނާޅާށޭ ބުނީ ކާކު؟ ތީ ކާކުގެ މޮޅު ޚިޔާލެއް؟ އިއްޔެއާ ޖެހެންދެން އަވަދި ނެތި އުޅުނީ ކަރުދާހުގެ މަސައްކަތް ނިންމަން. މިހާރު ކިހިނެއްވީ؟"

"އެއީ އަހަރެންގެ އަމިއްލަ ޚިޔާލެއް. އެ މަޝްރޫއު ކުރިއަށް ނުގެންދާން ނިންމީ އަހަރެން އަމިއްލައަށް."

"މަންމަ! ތީ މަންމަގެ ޚިޔާލެއް."

"ނޫން. މަންމަގެ ޚިޔާލެއް ނޫން." ޒަނީން ދޮގު ހެދިއެވެ.

"އަހަރެން މޮޔަ ހައްދަން ނޫޅޭ. އަހަންނަށް އެނގޭ ތީ މަންމަގެ މޮޅު ވިސްނުން ކަން. އަހަންނަށް ތި ނަސޭހަތުގެ ކެޓަލޮގު ފޮނުވީ މަންމަ."

"އެހެން ވިޔަސް ކޮބާ މައްސަލައަކީ؟ އެ މަޝްރޫއަށް ހޭދަކުރަންޖެހޭ ވަގުތު ޚިޔާލަށް ގެނެވޭތަ؟ އަަހަރެންގެ ދަރިފުޅަށް ވަގުތު ދޭނީ ކިހިނެއް؟ ނުވަތަ މަރިޔަމަށް ވަގުތު ދޭނީ ކިހިނެއް؟"

"އަހަންނާއެކު މާގިނަ ވަގުތު ހޭދަކުރަން އުޅޭނެ ކަމެއް ނެތް. އަހަރެންގެ ދަރިއަށްވެސް ޒަނީންގެ ވަގުތު މުހިއްމެއް ނުވާނެ. މިހާރު މި ހޭދަކުރާ ވަގުތުން ފުދޭ. ދަރިއަށް އެއްވެސް އެއްޗެއް ދޭން ބޭނުން ނަމަ ތަނަވަސް ދިރިއުޅުމެއް ހޯދައިދީ. ހެޔޮ ގޮތް ހޯދައިދީ – ހެޔޮ ގޮތް ހޯދޭނީ ފައިސާ ޚަރަދު ކޮށްގެން."

"އަހަރެންގެ ޒިއްމާ ކިޔައިދޭނެ ކަމެއް ނެތް. އަހަރެންގެ ޒިއްމާ އަހަންނަށް އެނގޭ، އެ ހުރިހާ ޒިއްމާއެއް އަދާކުރާނަން." މަރިޔަމްގެ ވާހަކަ ހުރި ގޮތުން ޒަނީން ރުޅި އަތުވެއްޖެއެވެ.

""އަހަންނަށްވުރެ ބޮޑަށް ޒަނީން މިހާރު އަޅާލަނީ މަންމައާ. އަހަރެން ބުނާ އެއްޗަކަށްވުރެ މަންމަ ބުނާ ބަސް ވިކޭ." މަރިޔަމް އިނީ ރުޅި އައިސް ރަތްވެފައެވެ.

"އާނ، އެއީ ކީއްވެގެން ކަން އެނގޭތަ؟ ހަގީގަތަށް ވާހަކަ ދައްކާތީ."

"ޒަނީން، މިއީ އަހަރެންގެ ގެ. މިއީ މަންމަގެ ގެއެއް ނޫން. މަންމައަކަށް މިގެއަށް ނުފޫޒެއް ނުފޯރުވޭނެ."

"މަރިޔަމާ ޒުވާބުކުރާކަށް އަހަރެން ބޭނުމެއް ނޫން. ހިނގާ ނިދަން. ބޮކި ނިއްވައިލާ." ޒަނީން ހުރީ ފޫހިވެފައެވެ.

"ޒަނީން ފެކްޓަރީ ނަހަދަންޏާ އަހަރެން އަމިއްލައަށް ހަދާފާނަން." މަރިޔަމް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"އެންމެ ރަނގަޅު. އެކަމަކު ހަނދާންކުރާތި. އަހަރެންގެ ބިމަކު ފެކްޓަރީ ނޭޅޭނެ. ފެކްޓަރީ އަޅާނެ ބިމެއް ވެސް އަދި އެކަމަށް ބޭނުންވާނެ އެއްވެސް ޚަރަދެއް ވެސް ނުދޭނަން. އަމިއްލަ އަށް ފަައިސާ ހޯދައިގެން އަޅަންޏާ އަޅާ. ބޭނުމިއްޔާ އެއް ފެކްޓަރީ ކީއްކުރަން، ދެ ފެކްޓަރީ ވެސް އަޅާ." ބޮކި ނިއްވާލާފައި ޒަނީން އޮށޯތެވެ.

ކަނު އަނދިރީގެ ތެރޭގައި ޒަނީނަށް ލޯ އަޅައިގެން މަރިޔަމް އިނެވެ.

(އަށާރަވަނަ ބާބު)

"ޚަދީޖާ، މިރެއަށް ތަންކޮޅެއް ރަނގަޅު އެއްޗެއް ހަދާލައްޗޭ." ހެނދުނު ސައިބޯން އިނދެފައި މަޒްހަރް ބުންޏެވެ. "ކިހިނެއްވީ؟ މާ ޚާއްސަކަމެއް އޮތީތަ؟" ޚަދީޖާ އެހިއެވެ.

"މިރޭ ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް. އާސިމް އެބައުޅޭ ޕާކިސްތާނުން އައިސް. ގެއަށް ކާން ގެންނަން ކަމަށް." މަޒްހަރް ބުނެލިއެވެ.

"ތި އެކުވެރިޔާގެ ވާހަކައެއް ދުވަހަކުވެސް ދެއްކި ހަނދާނެއް ނުވޭ." މަޒްހަރް ބުންޏެވެ.

"އާނ. އޭނަޔާ އަދި ދިމައެއްނުވާނެ. އޭނަ ކިޔެވީ ކެމްބްރިޖުން. އެކަމަކު ކުޑައިރު އަހަރެމެން އުޅުނީ ވަރަށް އެކުގައި. އެއް ބޯޑިން ސްކޫލަަކަށް ދިޔައީވެސް. އޭނަޔާ ބައްދަލުކޮށްލަންވާނެ އިނގޭ." ދުވަސްވީ ރައްޓެއްސަކާ ބައްދަލުވާތީ މަޒްހަރް ހުރީ ވަރަށް އުފަލުންނެވެ. "އޮފީސް ނިންމާފައި އޭނަޔާ ބައްދަލުކުރާނީ. ގޮވައިގެން އަންނާނަން، ކާން."

"އޭނައަށް ރަނގަޅުވާނީ ކޯޗެއް؟"

މަޒްހަރް ބައެއް އެއްޗެހި ކިޔާދީފައި އޮފީހަށް ދާން ނުކުތެވެ.

ޚަދީޖާ ވަރަށް ރަނގަޅަށް ރޭގަނޑުގެ ކެއުން ތައްޔާރުކުރިއެވެ. ގޭގެ ރަނގަބީލު ޖެހިއިރު އޭނާ އިނީ ދަރިފުޅު ނިންދަވަން ކޮޓަރީގައެވެ. ދޮރު ހުޅުވި އިރު މަޒްހަރާއެކު ހުރީ ދަންނަ ފާޑު ޖަހާ މީހެކެވެ. ކުއްލިއަކަށް އެއީ ކާކުކަން ދެނެނުގަނެވުނަސް، އެއީ އާ މޫނެއް ނޫނެވެ. ކުރިން ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް ވެއެވެ. އެމީހާ ޚަދީޖާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ކަޅި އަޅާލިގޮތުން ހީވަނީ އޭނާއަށް ވެސް ޚަދީޖާ އެނގުނުހެންނެވެ. މަޒްހަރް އެ ދެމީހުން އެކަކު އަނެކަކަށް ތައާރަފްކުރިއެވެ. "ޚަދީޖާ، މިއީ އާސިމް، އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. އާސިމް، މިއީ އަހަރެންގެ އަނބިމީހާ، ޚަދީޖާ."

ޚަދީޖާ އެމީހާ އާ ސަލާން ކުރިއެވެ. ޚަދީޖާއަށް ގޮތް ނެނގޭ އުނދަގުލެއް އިހުސާސްކުރެވެން ފެށިއެވެ. "ކަމަކާ ފިކުރު ބޮޑުވެފައި ހުރީ ކަމަށް ވެދާނެ." ހިތާ ހިތުން އެހެން ބުނެފައި ބަދިގެއަށް ވަދެ ކާން ހަދަން ފެށިއެވެ.

މަޒްހަރާއި އާސިމް ލިވިންރޫމުގައި މަޑުކުރިއެވެ. ޚަދީޖާ މޭޒުމަތީގައި ތަށި އަތުރަމުން ދިޔައިރު އާސިމްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގުނެވެ. ޚަދީޖާއާ ހަތަރުކަޅި ހަމަވީމާ އާސިމް އަވަސްއަވަހަށް މަޒްހަރަށް ބަލަން ފެށިއެވެ. ވާހަކައިގައި އިނީމާ މަޒްހަރަކަށް އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު ޚަދީޖާގެ ހަށިގަނޑުގައި މާޔޫސީގެ އޮއިވަރެއް ދެމިގަތެވެ. މިއީ ޔަގީނުންވެސް ކުރިން ދިމާވި މީހެއް، ކޮންތަނަކުން ބާ؟"

އޭނާ އަނެއްކާވެސް ބަދިގެއަށް ވަނެވެ. ވިދުވަރެއްހައި ހަލުވިކޮށް އެއީ ކާކުކަން ހަނދާންވިއެވެ. "ކެމްބްރިޖު ޔުނިވަރސިޓީ... ކެމްބްރިޖް... އާސިމް... ޔާ ރައްބީ!" އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތެވެ.

ކުރީން ޚިދުމަތް ހޯދި މީހަކާ ބައްދަލުވެދާނެއެކޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އަދި ދިމާވެއްޖެނަމަ ކަންތައް ކުރާނެ ގޮތަކާ މެދުވެސް ވިސްނައިލެވިފައި ނެތެވެ. "މި މީހާއަށް ފިލާނީ ކިހިނެއް؟ ހުރިހާ ކަމެއް އަތުން ބީވެގެން ދާންތަ މިއުޅެނީ؟ ހުރިހާ ކަމެއް ނިމެނީތަ؟ މިހައި އަވަހަށް؟"

އައިސް އަލަމާރީގެ ދޮރު ލައްޕާފައި ސިންކު ދޮށަށް ގޮސް މޫނުގައި ފިނިފެން އުނގުޅިއެވެ. އާސިމަށް އޭނާއަކީ ކާކުކަން އެނގިއްޖެ ކަމާ މެދަކު ޝައްކެއް ނެތެވެ. "އެތައް އަހަރެއް ފާއިތުވެއްޖެ... އަހަރެން މިހާރު މިހިރީ މުޅި ހަށިގަނޑު ނިވައިކޮށްގެން. އޭރާ މިހާރާ ނުލާހިކު ތަފާތު. ހެދުން އަޅާ ގޮތާއި، އިސްތަށިގަނޑާއި، މޭކަޕް... އޭނައަށް ވެސް ކުރެވެނީ ޝައްކެއް ކަން ނޭނގޭ... ޔަގީނެއް ނޫން... ވެދާނެ އަހަރެން ވަނީ އެހެން މީހުންގެ ލޮލަށް ނުފެންނާނެހެން ނިވައިކުރައްވާފައި ކަމަށް."

ބިރުން ވިރިވިރި ހުރެ އޭނާ އަނެއްކާވެސް ކާ އެއްޗެހި ހިފައިގެން މޭޒު ދޮށަށް ދިޔައެވެ. އާސިމާ ދިމާއަކަށް ނުބަލައެވެ. މަޒްހަރާއި އާސިމް އައިސް މޭޒުދޮށުގައި އިށީނެވެ.

"ޚަދީޖާ، އާދޭ ކާން." އޭނާ ދާން ފެށުމުން މަޒްހަރް ގޮވިއެވެ.

"ދެމީހުން ކައި. އަހަރެން ބަނޑުހައެއް ނުވޭ." ހިނިތުންވުމަކާއެކު މަޒްހަރާ ވާހަކަ ދެއްކޭތޯ އޭނާ ބެލިއެވެ.

"ކުޑަ ގޮތެއް ހަދައިލަން އާދޭ." މަޒްހަރް ބުނެލިއެވެ.

"ނޫން. އަހަރެން ބަނޑުހައެއް ނުވޭ. ކާއެއްޗެހި ހިހޫ ވުމުގެ ކުރިން ކާން ފަށާ." މަޒްހަރު އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ބަދިގެއިން ނުކުތެވެ.

"ޚަދީޖާ ވަރަށް މީރުކޮށް ކައްކާނެ. ޕާކިސްތާނު ކާނާ ވެސް ވަރަށް މީރުކޮށް ހަދާނެ." މަޒްހަރް އާސިމާ ވާހަކަ ދައްކާ އަޑު އޭނާއަށް އިވެއެވެ. އާސިމް ބުނި އެއްޗެއް އަޑެއް ނީވެއެވެ.

"ހާދަ ރަސްމީ އޭ، ތީ ތިހާ ރަސްމީ މީހެއް ކަމެއް ކުރިއަކުން ނޭނގޭ. ކޮން އިރަކު ހަރުލި އާދައެއް؟" ކާ މޭޒުދޮށުން ބަދިގެއާ ހަމައަށް މަޒްހަރުގެ އަޑު އުފުލިގެން ދިޔައެވެ. ކޮންމެ ލަަފުޒަކީ އޭނާގެ ހަށިގަނޑަށް ލޮޅުން އެރިއެވެ. "ހަމަ ރަނގަޅަށްވެސް އަހަރެން އެނގުނީތަ؟ އޭނާ މަޒްހަރް ގާތު... މަޒްހަރު ގާތު އެ ވާހަކަ..." އެއީ ހިތަށް ގެންނަން ކެތްކުރެވޭ ވަރު ވާހަކައެއް ނޫނެވެ.

އެމީހުން ކައި ނިމުމުން ޚަދީޖާ ސައި ގެނައެެވެ. އާސިމްގެ ލޮލުން ހުރިހާ ކަމެއް ސާފުވިއެވެ. މިހާރަކު އެއްވެސް ޝައްކެއް ނެތެވެ. އޭނާއަށް ޚަދީޖާ އެނގިއްޖެއެވެ. ސައި ތަބައް މޭޒުމަތީގައި ބަހައްޓާފައި އަނެއްކާވެސް ގޮސް ބަދިގެއަށް ވަނެވެ. ޚަދީޖާ ބިރުން ތުރުތުރު އަޅަން ފެށިއެވެ. އޭނާ ބޭނުންވީ އާސިމް ގާތަށް ގޮސް ސިއްރު ހިފަހައްޓައި ދިނުމަށް އެދި އާދޭސްކުރާށެވެ. މިދިޔަ ތިން އަހަރު އުޅުނު ގޮތަށް މާޒީ ފޮރުވާފައި ބާއްވާށެވެ. އާއިލާއާއި ގެ ބަރުބާދު ވިޔަނުދިނުމަށެވެ. އެކަމަކު އާސިމާ ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ.

ސައި ބޮއިގެން އިރުކޮޅަކުން މަޒްހަރް ތެދުވިއެވެ. އާސިމް ގެއަށް ލާން ދާށެވެ. "އެބަ އަންނަން ބައިގަޑިއިރު ތެރޭ." މަޒްހަރް ހިނިތުންވެލާފައި ޚަދީޖާ ގާތު ބުންޏެވެ.

ޚަދީޖާ ދޮރު ހުޅުވާފައި ގޭތެރެއަށް ވަނެވެ. އަމިއްލަ ނަފްސު އިތުރަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ކުޑަކުއްޖެއްހެން ބާރަށް ރޯން ފެށިއެވެ. ގިސްލަގިސްލާފައި ރޮމުން ކޮޓަރިތެރޭ ކުރުކާލި ކަނޑަން ފެށިއެވެ. "އާއިލާ ސަލާމަތްކުރާނީ ކިހިނެއް؟ މަޒްހަރް އަހަރެން ދޫކޮށްފައި ދިޔަނުދޭން ހަދާނީ ކިހިނެއް؟ އަހަރެންގެ ހުރިހާ އުއްމީދެއް ފެނަށް ވީތަ؟ އަހަރެންގެ ގަނޑވަރު ބިނާ ކުރެވުނީ ރާޅު ބީއްސާ ގޮނޑުދޮށެއްގައިތަ؟ މަޒްހަރް އަަހަރެން ނަގައި އެއްލާލައިފިއްޔާ އަހަރެން ހަދާނީ ކިހިނެއް؟" ހުއްޓުމެއް ނެތި ކޮޓަރިތެރޭގައި ކުރުކާލި ކަނޑަމުން އޭނާ ދިޔައެވެ. ދެން ކުއްލިއަކަށް ގޮސް ފާޚާނާއަށް ވަނެވެ. "ޔާ ﷲ އަހަރެންގެ ފާފަ ވަންހަނާ ކޮށްދެއްވާ. ޔާ ﷲ އަަހަރެންގެ ކުށް ވަންހަނާކޮށް ދެއްވާ." ދުއާ ކުރަމުން ވުޟޫ ނިންމައިލިއެވެ. އެއަށް ފަހު މުސައްލަ މަތީގައި ސަޖިދައަށް ތިރިވިއެވެ.

"ޔާ ﷲ! އާސިމަށް މަޒްހަރް ގާތު އަހަރެންގެ ސިއްރު ހާމަކުރެވުނަ ނުދެއްވާދޭނވެ!" ސަޖިދައިގައި އޮވެ އެނގެންނާ އެނގޭ ހުރިހައި ދުއާއެއް ތަކުރާރު ކުރަމުން ގެންދިޔައެވެ. ސަޖިދައިން ތެދުވި އިރު ގަޑިއެއްގެ އިރު ފާއިތުވެއްޖެއެވެ. އަދިވެސް މަޒްހަރެއް ނާދެއެވެ. "އާސިމް މަޒްހަރަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ކަމަށްވާނީ." އޭނާ އެ ހަގީގަތް ގަބޫލުކުރިއެވެ. "އެކަމަކު މަޒްހަރް އަހަރެން ދޫކޮށެއް ނުލާނެ. އަހަރެމެން އެކުގައި އުޅޭތާ ތިން އަހަރު ވެއްޖެ. އޭނާ އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަންނަކީ އޭނާގެ ދަރިފުޅުގެ މަންމަ. އަހަރެމެން ދެމައިން ނަގައި އެއްލައެއް ނުލާނެ ދުވަަހަކުވެސް. އަމިއްލަ ގެ ބަރުބާދެއް ނުކުރާނެ. ރުޅި އަންނާނެ ކަމާމެދަކު ޝައްކެއް ނެތް. ރުޅި އައިސްގެން ހަޅޭއްލަވާނެ. އެކަމަކު ދުވަސްކޮޅަކުން ހަމައަކަށް އެޅޭނެ. އަހަރެމެން ދެމައިންނާ ނުލައި އޭނާއަކަށް ނޫޅެވޭނެ. އަހަންނަށްޓަކައި ހަތަރު އަހަރު އޭނާ އިންތިޒާރުކުރި. އަހަންނަށްޓަކައި މަންމައާއި ބައްޕަ އަދި ހުރިހާ ބެއިންނާއި ބޫނުންނާ ގުޅުން ކަނޑައިލި. އެހެންވީމާ އަހަރެންގެ މާޒީއާ ގުޅުވައިގެން އޭނާ އަހަރެން ނަގައި އެއްލައެއް ނުލާނެ. ތިން އަހަރުވަންދެން އަހަންނަކީ ނަމޫނާ އަތްނބެއް. މަޒްހަރްގެ ކޮންމެ އަމުރަކަށް ކިޔަމަންވިން. އޭނާ އަހަންނާމެދު ފަޚުރުވެރިވޭ. އަދި އަބަދު ތައުރީފުކުރޭ. އެހެންވީމާ އަހަރެން ދޫކޮށްލާނީ ކިހިނެއް؟"

"ގެއަށް އައީމާ ހުރިހާ ވާހަކައެއް ކިޔައިދޭނަން. އަހަރެން ގޮތް ހުސްވެފައި ހުރި ވަރު ކިޔައިދޭނަން. އަހަންނަށް އެ ނޫން ގޮތެއް ނެތްކަން ވެސް ކިޔައިދޭނަން. އޭނާއަށް ނުވިސްނޭންވީ ކީއްވެ؟ އޭނާ އަހަރެން ދެކެ ނުލާހިކު ލޯބިވޭ." ކޯތާފަތްމަތިން ފައިބަމުން ދިޔަ ކަރުނަ ފޮހެމުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭން ބޭނުންވީ މަޒްހަރާ އޭނާގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެވެ.

"އަހަންނަށް ގުރުއާން ކިޔަވަން ވެސް ދަސްކޮށްދިން. ހެޔޮ އަމަލުގެ މުހިއްމުކަމުގެ ވާހަކަ އަބަދު ދައްކާނެ. މާފުކުރުމާއި ހިތް ހަލާލުކޮށް ހެޔޮ ކަންތައް ކުރުމަށް އަބަދު ބާރު އަޅާނެ. އޭނާއަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަށްޓަކައި އޭނާގެ ހިތުގައި ހަމްދަރްދީ އުފެދޭނެ. މަޒްހަރަކީ ހިތް ހެޔޮ މީހެއް. އޭނާ ދުވަހަކުވެސް އަހަންނަކަށް އަނިޔާވެރިއެއް ނުވާނެ."

މުޅި ތަން ގުގުމާފައި އޮތީ ގަޑީގެ ކަށި ހިނގާ އަޑެވެ. އެއާއެކި އޭނާގެ ހަޔާތްވެސް ހިނގަމުން ދިޔައެވެ. ކަށީގެ ކޮންމެ އަޑެއް ވަގުތު ފާހަގަކުރަމުން ދިޔައެވެ. ކޮންމެ ސިކުންތަކާއެކު ދިރިއުޅުން ގެނބެމުން ދިޔައެވެ. ގަޑީގެ ކަށިވެސް ބުރު ހަމަކުރަން ޖެހެއެވެ. އޭނާގެ ދިރިއުޅުންވެސް އެފަދައެވެ. ފުން ވަޅުގަނޑަކުން އަލިކަމުގެ ތެރެއަށް އާދެވިފައި އަނެއްކާވެސް އަނދިރި ވަޅުގަނޑަކަށް ވެއްޓެނީއެވެ. ގަޑިން މެންދަމު ބާރަ ޖެހީއެވެ. ސިކުންތަކުން ސިކުންތަކުން ބުރު ހަމަކުރަމުން ގޮސް މިހާރު މެންދަމުން އަލިވެ ދޭއް ޖެހިއެވެ.

ޚަދީޖާ ޚަތިމު ނެގިއެވެ. އޭނާއަކަށް ވަގުތެއް ނުހުއްޓުވޭނެއެވެ. ނަމަވެސް ﷲއަށް އޭނާ ނުރައްކަލުން ސަލާމަތްކުރެއްވޭނެއެވެ. މަދަދަށް އެެދެނީ އެކަލާނގެ ހަޒްރަތުންނެވެ. ހަޔާތް ބަރުބާދުވިޔަ ނުދެއްވައި ކުރިމަތިވެފައިވާ މުސީބާތުން ސަލާމަތް ކުރެއްވޭނީ ﷲ އަށެވެ. އޭނާ އަނެއްކާވެސް ވަޅުގަނޑަކަށް ވެއްޓޭނީ ހެއްޔެވެ؟ ނުވަތަ މިފަހަރު ވެއްޓޭނީ އެހެން މީހަކު ބާވައެވެ؟ ކަމެއް ނާކާމިޔާބު ވުމަކީ ހަމަ ނާކާމިޔާބީއެއް ހެއްޔެވެ؟ ނުވަތަ އެހެން މީހަކު އެގޮތަށް އެދެނީ ބާވައެވެ؟

***

"ހާދަ މަޑުމަޑުން އިންނަ ރެއެކޭ އާސިމް." މަޒްހަރް ބުންޏެވެ.

"ނޫން، ތީ ހީވާ ގޮތް." އާސިމް ހިނިތުންވެލިއެވެ.

"ޚަދީޖާ ކަމުދޭތަ؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.