
ބަނގުލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު މައްސަލައެއްގައި ދިވެހި ފުލުހަކާއި ބަނގްލަދޭޝް މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ ދެމީހުން ވެގެން ބަނގްލަދޭޝް މީހެއްގެ އަތުން ފައިސާއާއި އޭނާގެ ވޯކްޕާމިޓް ފޭރެން އުޅެފައިވަނީ އިއްޔެ އިރުއޮއްސި 6:45 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އެމީހުން އަތުލައިގެންފައިވަނީ އިއްޔެ ހިންގި ޚާސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި މައްސަލާގައި ބަންދުކޮށްފައިވާ ފުލުސް މީހާއަކީ ލާންސްކޯޕްރަލެއްގެ ރޭންކުގައި ހުރި 26 އަހަރުގެ މީހެކެވެ. އޭނާއާ އެކު ބަންދުކޮށްފައިވަނީ ބަނގްލަދޭޝްގެ މީހެކެވެ. އޭނާގެ އުމުރަކީ 28 އަހަރެވެ.
މިމައްސަލާގައި ހިމެނޭ ފުލުސް މީހާވަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ގެންދަނީ އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ބަންދުކުރެވުނު ބަނގްލަދޭޝް މީހާއަކީ އިމިގްރޭޝަން ގާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއްވެސް ހިނގަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.