
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ހަމަލާދީ ފިލަން އުޅުނު 34 އަހަރުގެ މީހަކު މިއަދު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 10:49 އެހައިކަންހާއިރު މިހާދިސާ ހިނގީ ޤަވާޢިދާ ޚިލާފަށް ސައިކަލުގައި މުދާ އުފުލި މީހަކު ހިފަހައްޓައި އެމީހާއާ ސުވާލުކުރަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައެވެ. "ޗާންދަނީ މަގު ފިހާރައެއްގެ ކުރިމަތީން ސައިކަލެއްގައި ޤަވާއިދާ ޚިލާފަށް މުދާ އުފުލައިގެން ދިޔަ މީހެއް މަޑުކުރަން ބުނުމުން އޭނާ މަޑުނުކޮށް ދާން އުޅުމުން ފުލުހުން އެސައިކަލް ހުއްޓުވާފައިވޭ،" ފުލުހުން ވިދާޅުވިއެވެ.
އޭނާ ހުއްޓުވައި އޭނާއާ ބެހޭ މައުލޫމާތު ދޭން ފުލުހުން އެދުމުން ވަނީ އެކަމަށް އިންކާރުކޮށް ފުލުސް މީހާއާ ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައެވެ. އޭނާ ވަނީ "ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަންދާން މަސައްކަތް ކޮށްފައި،" ފުލުހުން ވިދާޅުވިއެވެ.
އެމީހާ ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ބަންދުކޮށް ލައިސަންސް ވެސް ހިފަހައްޓައިފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.