އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕް ގެ ފައިނަލުގެ ދެވަނަ ޖާގަ ފޭދޫ ސްޕޯޓްސް އިން ހޯދައިފިއެވެ.
އެޓީމުން ފައިނަލުގެ ފަހު ޖާހަ ހޯދީ ސެމީގެ ދެވަނަ މެޗުގައި މިއަދު ގޯދިއްޔާއާ ބައްދަލުކޮށް 5-0 އިން މޮޅުވެގެންނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންނަމަވެސް މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނި ކޮށް ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ފޭދޫ ސްޕޯޓްސް ވަނީ ފައިނަލުގެ އިތުބާރު ބޮޑުކޮށްފައެވެ.
އެޓީމުގެ ފުރަތަމަ ލަނޑު 44 ވަނަ މިނިޓުގައި ޖަހައިދިނީ ޢަލީ ލިރުއާމެވެ. ދެވަނަ ލަނޑުޖެހީ އަލީ ނާފިއުއެވެ. އިތުރުވަގުތުގައި އޭނާ އެލަނޑުޖެހީ ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ފޭދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުފަށައިގެން ވެސް ދެޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ ގޯލް ސްކޯކުރާށެވެ. އެހެންނަމަވެސް މި ހާފުގައި ވެސް ފެނިގެންދިޔަ ތިންލަނޑު ޖެހީ ފޭދޫ ސްޕޯޓްސްއިންނެވެ.
އެޓީމުގެ ތިން ވަނަ ލަނޑު 55 ވަނަ މިނިޓުގައި ޖެހީ މުހައްމަދު ސަޔަމް އެވެ. ހަތަރުވަނަ ލަނޑު 59 ވަނަ މިނިޓުގައި ޖެހީ ޢަލީ ލިރުއާމެވެ. ފަސް ވަނަ ލަނޑު އެޓީމުން ޖެހީ މުހައްމަދު ސަޔަމް އެވެ. މި ލަނޑު އޭނާޖެހީ 66 ވަނަ މިނިޓުގައެވެ.
މިމެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައިވަނީ އަލީ ލިރުއާމެވެ. ފޭދޫ ސްޕޯޓްސްއާ ފައިނަލުގައި ބައްދަލު ކުރާނީ އެފްސީ ބޭރުމަތިއެވެ. އެ ޓީމު ފައިނަލަށް ދިޔައީ ރިވެރިންނާ ބައްދަލުކޮށް 5-1 އިން މޮޅުވެގެންނެވެ.
މިބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 13 ވަނަ ދުވަހު ހަވީރު 3:45 ގައި އައްޑޫފުޓުބޯލް ސްޓޭޑިއަމުގައެވެ. މި މުބާރާތަކީ އައްޑޫ ސިޓީ ކައުންސިލުން އެއްލައްކަ ރުފިޔާ ޚަރަދުކޮށްގެން ބާއްވާ މުބާރާތެކެވެ.