ފުސްބިއްލޫރި (16)

(7 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އޭނާގެ ހުވަފެން ދުށުން ހުއްޓާލަން ވެއްޖެ މިހާރު؟ އަހަރެންގެ ދިިރިއުޅުމުން އޭނާ ދިޔަތާ މިހާރު ހަތަރު އަހަރުވެއްޖެ." އެކި ގޮތްގޮތަށް މަސައްކަތް ކޮށްވެސް މަޒްހަރްގެ ޚިޔާލާ ދުރަށް ދެވޭގޮތެއް ނުވިއެވެ. އެދުވަހު ފިހާރައިން ނިމިގެން ގެއަށް ނުގޮސް އޭނާ ދިޔައީ ޕާކަށެވެ. މަޒްހަރާ ފުރަތަމަ ބައްދަލުވީ އެ ޕާކުންނެވެ. ސިޑިބަރި މަތީގައި އިށީނދެ ކްރިކެޓު ކުޅޭތަން ބަލަން އިނެވެ. އޭނާގެ ކުރިމަތިން މާޒީ ނިއުޅެމުން ދިޔައެވެ. މަޒްހަރާއެކު ހޭދަކުރި ވަގުތުތަކުގެ ކުދިކުދި ތަފްސީލާއެކުއެވެ.

"އެއްކަމެއް ވަރަށް ސާފު." އޭނާގެ ހިތަށް އެރިއެވެ. "އަހަރެން ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެއް ބުންޏަސް މަޒްހަރު މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ، މިހާރުވެސް، ފަހުންވެސް." ލޮލުން ކަރުނަ އޮހޭ ހާލުގައި އިނދެ އޭނާ ދުއާކުރިއެވެ. "މިއަޅާއަށް ދެން މަޒްހަރް ފެންނާނެ ގޮތް މެދުވެރި ނުކުރައްވާނދޭވެ."

***

ހަތަރު ދުވަސް ފަހުން އޭނާ އަނެއްކާވެސް އެއްކަލަ ފިހާރައަށް ހިނގައްޖެއެވެ. ޚަދީޖާ ހުރީ ކައުންޓަރުގެ ފުރަގަހުގައި އެހެން ކަސްޓަމަރަކާ ވާހަކަ ދައްކާށެވެ. މިފަހަރު އޭނާ އެނބުރިލިއިރު މަޒްހަރްގެ މޫނުމަތިން ޝައްކުގެ އަސަރެއް ފާޅެއްނުވެއެވެ. އޭނާގެ ލޮލުން ފެންނަނީ ރުޅިވެރިކަމެވެ.

"ކޯޗެއް ގަންނާން؟" އެހެން ކަސްޓަަމަރުންނާ ވާހަކަ ދައްކާ މޭރުމުން އޭނާ މަޒްހަރާ ސުވާލުކުރިއެވެ. މޫނުމަތިން ފެންނަނީ ޕްލާސްޓިކް ހިނިތުންވުމެކެވެ.

"ވާހަކަ ދައްކާލަން ބޭނުން. ނިމެނީ ކޮން އިރަކު؟"

ޚަދީޖާ ހުއްޓުން އެެރިއެވެ. އޭނަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. މިއީ މަޒްހަރާ ވާހަކަ ދައްކަން އޭނާއަށް އެހާ ފަސޭހަނުވާނެކަން އިހުސާސްކުރެވުނު ފުރަތަމަ ފަހަރެވެ. އޭނާއަށް އިހުތިރާމްކުރި ހަމައެކަނި ފިރިހެންމީހާ ގާތު އޭނާއަކީ ހަށި... މީހެކޭ ބުނަން... މަޒްހަރަށް ޖަވާބެއް ނުދީ އޭނާ އެހެން ކަސްޓަމަރަކާ ވާހަކަ ދައްކަން ފެށިއެވެ. މަޒްހަރު ހުރިތަނުން ގުޑައިވެސް ނުލިއެވެ. އެ ކަސްޓަމަރު ދިއުމުން އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.

"ނިމެނީ ކޮން އިރަކު؟" މަޑުމައިތިރި ރާގަކަށް އޭނާ ބުންޏެވެ.

އަޑު ނީވޭ ކަމަށް ހަދާފައި އޭނާ އަނެއް ކައުންޓަރުގައި މަސައްކަތް ކުރަން ފެށިއެވެ. މަޒްހަރް ރުޅި އައިސް ރަތްވިއެވެ. "އަހަރެން މި ވާހަކަ ދައްކަނީ ކެތަރިން އާ!" އޭނާ ވަރަށް ބާރަށް ބުންޏެވެ.

ހަމެޖެހިފައި ހުރިކަން ދައްކާން އޭނާ މަޒްހަރާ ހަތަރުކަޅި ހަމަކުރިއެވެ. "ތީ އަހަރެން ދަންނަ މީހެއް ނޫން." އަޑުގައި އެއްވެސް ތުރުތުރު އެޅުމެއް ވެސް ނެތެވެ.

މަޒްހަރް ހައިރާންވެ އަންތަރީސްވިއެވެ. ކައުންޓަރުން ދުރަށް ޖެހިލަން އޭނާ އުޅެނިކޮށް މަޒްހަރް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. "ކެތަރިން، އަހަންނަށް ތިހެން ނަހަދާ. މިދިޔަ ހަތަރު އަހަރު ކެތަރިން ހޯދަން އަހަރެން ކުރި މަސައްކަތް ބޭކާރުވެއްޖެ ކަމުގެ އިހުސާސް ވިޔަނުދީ." އޭނާގެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. ޚަދީޖާއަކަށް އެހެން ދިމާއަކަށް ބަލާކަށް ނުކުރުނެވެ. ހަޔާތުގައި އޭނާއަށް ގަދަރުކުރި ހަމައެކަނި ފިރިހެނަކީ މިއީއެވެ. އޭގެ ސަބަބުން މަޒްހަރް ވަނީ އޭނާގެ ހިތުން ޚާއްސަ ޖާގައެއް ހޯދާފައެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް މަޒްހަރްގެ ހަނދާންތައް ފޮހެއެއް ނުލެވުނެވެ.

"ހަ އަހަރު ކުރިން އަހަރެން ހަށިވިއްކީ ކީއްކުރަން ހެއްޔެވެ؟" އޭނާ ހިތާހިތުން ބުނެލިއެވެ. ހަށިވިއްކުނީތީ ފުރަތަމަ ފަހަރަށް ވެރަދު ހީވިއެވެ. "ހަށިނުވިއްކައި، ބަނޑަށް މަރުވިނަމަ މާ ރަނގަޅުވީސް. އެގޮތަށް ކަންތައް ކުރެވުނު ނަމަ މަޒްހަރްގެ ލޮލު ތެރެއަށް ކަރުނަ ޖަމާވާތަން އަހަންނަށް ނުފެނުނީސް."

ހަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ކަލާނގެއަށް ޝަކުވާ ދެންނެވިއެވެ. "ޔާ ﷲ! އަހަންނަށް މިހުރިހާ މުސީބާތެއް ޖެހުނީ ކީއްވެ؟ މިއަދު މި މިހާގެ ކުރިމަތީގައި ލަދުން އިސްއުފުލައިލަން ނުކެރިފައި ހުންނަން މިޖެހުނީ އުޅެން ޖެހުނު ގޮތުން." އޭނާ ބޭނުންވީ މަޒްހަރު ގައިގައި ބައްދާލައިގެން ކުޑަ ކުއްޖެއްހެން އަޑުންއަޑު ނަގައި ރޯށެވެ. މީހަކަށް ފެނިދާނެތީ ނުވަތަ މީހުން ހީކޮށްފާނެ އެއްޗަކާ މެދު ފިކުރު ކުރުމެއްނެތިއެވެ.

މަޒްހަރްގެ އަތު ތެރެއިން މަޑުމަޑުން އަތް ދަމައިގަންނަމުން އޭނާ ބުންޏެވެ. "އަހަރެން ނިމެނީ އަށެއް ޖަހާއިރު."

"ޕާކުގައި އިންތިޒާރު ކުރާނަން." މަޒްހަރް ފިހާރައިން ނުކުތެވެ.

އެދުވަހު ބާކީ އޮތް ވަގުތު ޚަދީޖާ ހޭދަކުރީ މަޒްހަރް ގާތު ބުނާނޭ އެއްޗަކާ މެދު ފިކުރުކޮށްކޮށެވެ. ނަމަވެސް ކައުނުގައިވާ އެންމެ ރީތި ލަފުޒުތަކަކުން ވެސް އޭނާގެ މުޑުދާރު ހަގީގަތެއް ނުފޮރުވޭނެއެވެ. އެ ހަގީގަތް މަޒްހަރަށް އޮޅުންފިލުވައިދޭން ވާނެއެވެ. އެވަގުތު އޭނާ މަރުވާނެ ނަމައޭ މަޒްހަރްގެ ހިތަށް އެރިއެވެ. އޭރުން މަޒްހަރާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.

އެރޭ އަށްގަޑި ދިހައެއްގައި އޭނާ މަސައްކަތް ނިންމައިލުމަށް ފަހު ޕާކަށް ދާން ނުކުތެވެ. އޭނާ ދިޔައީ މަޒްހަރްގެ ކާރު ފެނޭތޯ މަގުގެ ދެފަރާތަށް ބަލަމުންނެވެ. އިރުކޮޅަކުން މަޒްހަރް އޭނާއާ އަރާ ހަމަކުރިއެވެ. ކާރުގެ ދޮރު ހުޅުވުމުން ޚަދީޖާ ކާރަށް އެރިއެވެ. މަޒްހަރް ކާރު ދުއްވައިލިއެވެ. ކާރުތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލާނެ ގޮތަކާ މެދު ޚަދީޖާ ވިސްނައިލިއެވެ. ފަށަންވީ މާފަށް އެދެމުން ހެއްޔެވެ؟ ނުވަތަ އޭނާއަށް މެދުވެރިވީ ގޮތް ކިޔައިދޭންވީ ހެއްޔެވެ؟ އަމިއްލަ ކޮންޓްރޯލެއް ނެތި ކުރިމަތިލާން ޖެހުނު ދަތިތަކުގެ ވާހަކައިން ފަށަންވީ ހެއްޔެވެ؟ މަންމަ ނިޔާވެގެން މަޒްހަރާ ދިމާވި ދުވަހުގެ ވާހަކައިން ހެއްޔެވެ؟ ނުވަތަ ކަޅު ހަތަރު އަހަރު ދުވަހުގެ ވާހަކައިން ފަށަންވީ ހެއްޔެވެ؟ ފަށަންވީ ހިސާބެއް އޭނާއަކަށް ނޭނގެއެވެ.

އިރުކޮޅަކު ދުއްވައިލުމަށްފަހު އެޕާޓްމަންޓެއްގެ ކާރު ޕާކަށް ކާރު މަޑުކޮށްލިއެވެ. އެއީ އޭނާ އުޅޭ ތަންކަމަށް ވެދާނެއެވެ.

"ވާހަކަ ދައްކާލަން މިތާ އިށީންނަމާ." މަޒްހަރަށް ބަލާފައި އޭނާ ބުންޏެވެ.

"ބުނަންވީ އެއްޗެއްވެސް ނޭނގޭ. ދައްކަންވީ ކޮން ވާހަކައެއް ކަމެއް... އަށް މަސްދުވަހު އެއްކޮށް އުޅެފައި އެހާ ފަސޭހައިން ކުނިގަނޑެއްހެން އަހަރެން އެއްލާލެވުނީ ކިހިނެއް؟ އަހަރެން ދެކެ ލޯބިނުވަންޏާ އެގޮތަށް ކަންތައް ކުރާކަށް މާބޮޑު ކަމަކަށް ނުވާނެ. އެކަމަކު އެ އަށް މަސްދުވަހު ލޯބި ނޫން އެހެން އެއްޗެއް އަހަރެން ތި ލޮލުން ނުދެކެން. ނުވަތަ އެއީ އަހަންނަށް ކުރެވުނު ކުށްހީއެއް ބާ؟ ނުވަތަ މާބޮޑަށް އިތުބާރު ކުރެވުނީބާ؟ ކޮންމެ ކަމެއް ކަމުގައިވީ ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ހުރިހާ ކަމެއް ސާފުކޮށްދޭން ޖެހޭ. ކީއްވެ ކުއްލިއަކަށް ގެއްލުނީ؟ އަހަރެން ހީކުރީ އަހަންނަސް އިތުބާރު ކުރި ކަމަށް. އެކަމަކު އެއީ ކުށްހީއެއް. އަހަންނަކަށް އިތުބާރު ނުކުރާކަން ގައިމު. ދެމީހުންގެ ގުޅުމާ މެދު ވިސްނި ވަރަކަށް އޮޅުންބޮޅުން ބޮޑުވަނީ."

ޚަދީޖާ އޭނާ ދެއްކި ވާހަކަ އަޑުއަހަން އިނެވެ. އަދިވެސް އޭނާ ބުނަންވީ ކީކޭ ކަމެއް ނުވިސްނެއެވެ.

"އެނގޭތަ ޕާކިސްތާނުން އަހަރެން އައި އިރު ވީތަނެއް އަންގައިނުލާ ދިއުމުން އަހަންނަށް ކުރެވުނު އިހުސާސް އެނގޭތަ؟ އަހަންނަށް އިންތިޒާރުވެސް ނުކުރި. އަހަރެން ދިޔައީ އެނބުރި ނާންނަގޮތަށް ކަމަށް ހީކުރެވުނީ ކަމަށް ވެދާނެ. ނުވަތަ އަހަންނާ އިންނާން ބޭނުންނުވީ ކަމަށްވެސް ވެދާނެ. ނުވަތަ އަހަންނަށްވުރެ މާ ގަޔާވާ މީހަކު ފެނުނީ ކަމަށްވެސް ވެދާނެ."

ޚަދީޖާ ހައިރާންވެފައި މަޒްހަރަށް ބަލައިލިއެވެ. މަޒްހަރަށް އޭނާއާ ބެހޭ އެއްވެސް ކަމެއް ނޭނގެނީ ބާވައެވެ. އެޕާޓްމެންޓު ހުންނަ އިމާރާތަށް ގޮސް އޭނާ ވީ ތަނެއް ހޯދަން ނޫޅެނީހެއްޔެވެ؟ އިމާރާތުގައި އުޅޭ އެއްވެސް މީހަކު އޭނާ އަދާކުރަނީ ކޮން ވަޒީފާއެއްކަން މަޒްހަރަށް އޮޅުންފިލުވައިނުދެނީ ހެއްޔެވެ؟ އެހެން އެކަން ވެދޭނެހެއްޔެވެ؟

"ހަތަރު މަސްފަހުން އެނބުރި އަންނާނަމޭ ބުނީމާ ހަތަރު މަސްވަންދެން މަޑުކޮށްލިނަމަ. އަހަރެން އެނބުރި ނައިނަމަ ދާން ރަނގަޅު. އެކަމަކުވެސް ދިޔަތަނެއް އަންގާލާފަ ދެވުނީސް. އެހެންނޫނީ އަހަރެންގެ ރައްޓެހިންނާ މަޝްވަރާކޮށްލިނަމަ – އެމީހުން އެންމެން އެނގެއެއްނުން – އެމީހުން ގާތު އަހަރެން ވީ ތަނެއް އަހާލިނަމަ. އެންމެ ކުޑަވެގެން އެމީހުން ގާތު ދާތަނެއް ބުނެފަ ދެވުނީސް." ޚަދީޖާ އެސްފިޔަވެސް ޖަހައިނުލައި މަޒްހަރަށް ބަލަން އިނެވެ.

"މަޒްހަރް، އަހަރެންގެ އެޕާޓްމެންޓަަށް ދިޔައިންތަ؟" އަޑު ތުރުތުރު އެޅުން ހިފަހައްޓަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ.

"އާނ، ޕާކިސްތާނުން އައިސް މަޑުނުވެ ދިޔައިން. ގަބޫލެއްވެސް ނުކުރާނެ، އެކަމަކު އެއާޕޯޓުން އަހަރެން ދިޔައީ އެ އިމާރާތަށް. އެތަނަށް ދިޔަފަހުން އެޕާޓްމެންޓު ނަންބަރު ނޭނގޭކަން ރެކާލީ. އެކަމަކު އެއީ މައްސަލައަކަށް ވެދާނެއެކޭ ހިތަކަށް ނާރާ. މީހެއް ގާތު އަހާލަން ކަމަށް އައީ. އެ އިމާރާތުގައި ހުރި ހުރިހާ އެޕާޓްމެންޓެއްގެ ދޮރުގައި ޓަކިޖެހިން. ނަން ބުނުމުން އެކަކަށްވެސް އެނގޭ ކަމަކަށް ނުވި. ހުންނަ ގޮތް ސިފަކޮށްދީގެން ވެސް އެކަކަށްވެސް ނޭނގުނު. ދެން ގަސްތުކުރީ ފިހާރައަށް ދާން. އެހިސާބަށް ދެވުނުއިރު އެރޭ ފިހާރަ ބަންދުކޮށްފި."

"އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔައެއް ޖަހައިނުލެވުނު. ވީނުވީ އެއް ނޭނގުމުން ހިތަށް ބިރުވެރިކަން ވެރިވި. ބުނިން ހަތަރު މަސް ފަހުން އަންނާނަމޭ. އެކަމަކު އަހަންނަށް އާދެވުނީ ހަ މަސް ފަހުން. އެގޮތަކަށް ކަންތައް ދިމާވުމުން މަންމަ އާއި މެދު ބައްޕަ ކަންތައް ކުރިގޮތަށް އަހަރެން ވެސް ކެތަރިން ނަގައި އެއްލައިލީ އޭ ހީވެދާނެތީ ހިތް ނުތަނަވަސްވި. ވަރަށް ކަންބޮޑުވި... އެހެން ނޫނީ ވީނުވީ އެއް ނޭނގި ގެއްލޭންވީ ކީއްވެ؟ ޖެހިގެން އައި ދުވަހު އަހަރެން ފިހާރައަށް ދިޔައިން. އަންގައިވެސްނުލާ ހަތަރު މަސް ކުރިން ހިނގައްޖެއޭ އެމީހުން ބުނީ. ފިހާރައިން އެޑްރެސް ހޯދައިގެން އަހަރެން އަނެއްކާވެސް އެޕާޓްމެންޓު ހުންނަ އިމާރާތަށް ދިޔައިން. އެތަނުގައި އޭރު ތިބީ އެހެން އާއިލާއެއް. އެމީހުންނަކަށް ކެތަރިންއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގުނު. ދެން އެފަންގިފިލައިގައި ހުރި އެހެން އެޕާޓްމެންޓުތަކުގެ ދޮރުގައި އަހަރެން ޓަކިޖެހިން. އެތަންތަނުގައި ވެސް ތިބީ މުޅި އަލަށް އެތަންތަނަށް ބަދަލުވީ މީހުން. ދެން ބައްދަލުކުރީ އިމާރާތުގެ މެނޭޖަރާ. އޭނާ ބުނީ ހަތަރު މަސް ވެއްޖެއޭ އެތަނުގައި ނޫޅޭތާ. ވީނުވީ އެއް ނޭނގެއޭ. ބަދަލުވީ ތަނެއްވެސް އަންގާފައެއް ނެތޭ."

"ޖެހިގެން އައި ތިން ހަތަރު މަހު އަހަރެން އަވަށްޓެރި ހުރިހާ އިމާރާތަކަށް ވަކިވަކީން ގޮސް ބެލިން. ކުރިން މަސައްކަތްްކުރި ބާރ އަށް ވެސް ދިޔައިން..." ޚަދީޖާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"... އެކަމަކު އެތަނަކުން ވެސް އެއްވެސް މައުލޫމާތެއް އެނގޭ މީހަކާ ދިމައެއް ނުވި." ޚަދީޖާ ފުން ނޭވާއެއް ލާފައި ރޯ މަރައިލިއެވެ.

"ކެތަރިން ދާނެހެން ހީވާ ހުރިހާ ތަނެއް ބެލިން... އެކަމަކު ނިޝާނެއް ހައި ހިސާބުވެސް ނުފެނުން. އެހެން އުޅުމުގެ ތެރޭގައި އަހަންނަށް ރޭކާލާން ފެށީ ކެތަރިން ދިޔަތަނަކަށް ދިޔައީ އަހަރެން ފުރިތާ ދެމަސް ތެރޭގައި ކަން. ވެދާނެތަ އެހެން މީހަކު ފެނުނީ ކަމަށް؟ ނުވަތަ ވެދާނެތަ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނާ ނީންނާން ނިންމަިއގެން ހުރީ ކަމަށް؟ އެހެންވެގެންތަ ދިޔައީ؟"

"މީ އެކަމަކު މުޅިންވެސް ޝައްކު. ކަން ހިނގައިދިޔަގޮތެއް އެނގޭނޭ އެއްވެސް ގޮތެއް ނުވި. މިދިޔަ ހަތަރު އަހަރު އަހަރެން ހޭދަކުރީ ކެތަރިން އަށް ވީ ގޮތަކާ މެދު ވިސްނަން. އެހެން އުޅެނިކޮށް މީގެ ހަތަރު ދުވަސް ކުރިން އަހަރެން އެ ފިހާރައަށް ވަން އިރު ކައުންޓަރު ކައރީގައި ހުއްޓައި ފެނުން. ހިތަށް އެރި ފުރާނަ ދުއްވައިލާނަމޭ. އެއް ސިޓީއެއްގައި އުޅެމުން އަހަންނަށް ކެތަރިން ނުހޯދުނީ ކީއްވެ؟ އަހަންނާ ގުޅަން ކެތަރިން އެއްވެސް މަސައްކަތެއް ނުކުރަންތަ؟"

އަހަރެން ފިހާރައިން ނުކުތީ ދުވަހަކުވެސް އަނބުރައި އެތަނަށް ނުވަންނަން ނިންމައިގެން. ދެން ވިސްނީ އެނބުރި ގައުމަށް ގޮސް އަލުން އާ ދިރިއުޅުމެއް ފަށަން... އެހެން މީހަކާ އިނދެގެން ހިތް ހަމަޖެހިގެން އާ ދިރިއުޅުމެއް އުޅޭން ނިންމައިގެން... އެކަމަކު އެ ހަތަރު ދުވަސް ވީ ބޮޑު އަނިޔާއަކަށް. ފަޅި ސިކުންތަކަށް ވެސް ކެތަރިން މަތިން ހަނދާނެއް ނުނެތުނު. ކޮންމެ ދިމާއަކަށް ބެލިޔަސް ފެންނަނީ ތި މޫނު، ތި ސޫރަ." މަޒްހަރްގެ އަޑުގައި ހުރީ ބަލި ގަބޫލުކޮށް އަމާންދީފި ކަމުގެ އަސަރެވެ. ޚަދީޖާ އަދިވެސް އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ހަތަރު އަހަރުވަންދެން އަހަރެން ހޯދަން އުޅުނުއިރު އަހަންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބިދާނެ ހެއްޔެވެ؟ އެއީ ވެދާނެ ކަމެއް ހެއްޔެވެ؟

"ބުނެބަލަ، އަހަންނަށް މިހެން ހެދީ ކީއްވެ؟" މަޒްހަރް ވާހަކަ ނިންމައިލިއެވެ.

ޚަދީޖާ އިނީ އަދިވެސް ހިމޭނުންނެވެ. ގޮތް ހުސްވެފައި ކަހަލަ ގޮތަކަށް އޭނާ މަޒްހަރަށް ބަލައިލިއެވެ. "ނޫން. އެ ހަތަރު އަހަރު ހޭދަކުރި ގޮތެއް މަޒްހަރް ގާތު ނުބުނެވޭނެ. މަޒްހަރަށް ނޭނގެންޏާ އެވާހަކަ ދެއްކުން ރަނގަޅެއް ނުވާނެ." އޭނާ ހިތާހިތުން ބުނެލިއެވެ.

"ކެތަރިން، އަހަރެން ބުނަނީ ވީ ގޮތެއް އަހަންނަށް ކިޔައިދޭށޭ."

"އަހަރެން ލަންޑަން ދޫކޮށްފައި ދިޔައީ..." އޭނާ މަޑުމަޑުން ބުނެލިއެވެ.

"އެއީ ކީއްވެ؟"

"ނޭނގޭ." އޭނާ އަނެއްކާވެސް ކުޑަ ދޮރުން ބޭރު ބަލަން ފެށިއެވެ. މަޒްހަރްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ދޮގު ހަދާނެ ހިތްވަރު ނެތީއެވެ.

"އަހަރެން ދިޔައީ ލެސްޓަރ އަށް. އަހަރެން ހީކުރީ ޕާކިސްތާނަށް ގޮސްފައި އެނބުރި ނާންނާނެ ކަމަށް. އެހެންވީމާ އިންތިޒާރު ކުރުމުގެ ބޭނުމެއް އޮތްކަމަށް ނުފެނުނީ."

"ކެތަރިން!" މަޒްހަރް ހައިރާންވިއެވެ. "ކެތަރިން އާ ކާވެނި ކުރަން އަހަރެން ވައުދުވީމެއްނު؟ އަހަރެން ވައުދާ ޚިލާފުވެދާނެއޭ ހީވީތަ؟ އަހަންނާކީ ފަޓާނީ އެއް. އަހަރެމެންނަކީ ބުނާ ބަހުގެ އިތުބާރު ހިފަހައްޓާ މީހުން. ވައުދެއްވެއްޖެއްޔާ އެ ވައުދު ފުއްދެނީ މަރުވެގެން ކަމުގައި ވީ ނަމަވެސް ވައުދާ ޚިލާފު ވާ ބައެއް ނޫން... އެކަމަކު ކެތަރިން ހީކުރީ..."

ޚަދީޖާ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނެވެ. އޭނާ އިނީ އަމިއްލަ ނަފްސާ މެދު ލަދުގެންފައެވެ. "އަހަންނާ ދޭތެރޭ މަޒްހަރް ހިތަށް އަރާނީ ކީކޭބާ؟

'އަހަންނަށް ކުރިމަތިލާން ޖެހުނު ކަންތައް ކެތަރިން ހިތަށްވެސް ނުގެނެވޭނެ. އާއިލާއިން ބޭރުން ކާވެނި ކުރުމަކީ އަހަރެމެންގެ ސަގާފަތެއް ނޫން؛ އެވެސް އަދި ހުޅަނގަށް ނިސްބަތްވާ މީހަކާ އިނުން... އެއީ އެއްވެސް ހާލެއްގައި އާއިލާއިން ބަލައިގަންނާނޭ ކަމެއް ނޫން. އެކަމަކު ޕާކުގެ ސިޑީބަރީގައި އިށީނދެގެން އިންދާ ފެނުނު ފުރަތަމަ ދުވަހު އަހަރެންގެ ހިތަށް އެރި އެއްޗެއް އެނގޭތަ؟ އަހަރެން އިންނާން ބޭނުންވާ އަންހެން ކުއްޖަކީ މިއީއޭ. އެވަގުތުވެސް އެނގޭ ފަސޭހައިން ކުރެވޭނޭ ކަމެއް ނޫންކަން."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.