
ލޯންޗަކާއި ޑިންގީއެއް ޖެހި ބ. ދޮންފަނުކައިރީ ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ އެމްއެންޑީއެފް ކޯސްޓުގާޑުން މިއަދު ނަގައިފިއެވެ.
އެ ޑިންގީ ކޯސްޓުގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ އިއްޔެ އެވެ. ފެނުނު ވަގުތުން ފެށިގެން އެ ނެގުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ޑައިވަރުންނަށް އެ ޑިންގީ ފެނިފައިވަނީ ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުންނެވެ. އޭތި އޮތީ އެދިމާ އެދިމާ 46 މީޓަރު އަޑީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ޑިންގީ ތިލަ ކުރުމަށްފަހު މިހާރުވަނީ ދަރަވަންދުއަށް ގެންގޮސްފައެވެ.

ލޯންޗާއި ޑިންގީ ޖެހި އެކްސިޑެންޓް ހިނގި އިރު އޭގައި ތިބީ ތިން މީހުންނެވެ. އޭގެ ތެރެއިން ނަސްރުﷲ ޢަބްދުﷲ ކިޔާ އޭދަފުށީ މީހަކު ވަނީ ގެއްލިފައެވެ. ޢުމުރުން އެކާޅީސް އަހަރުގެ އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ގެންދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައެއް ނުވެއެވެ.
އޭގެ އިތުރަށް ކ. ކަގި ފަރަށް އެރި ދޯންޏަކުން ވެސް ވަނީ ދިއްވެއްސަކު ގެއްލިފައެވެ. އެމީހާ ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ.