ނަވާރަ ރަށެއްގެ ލައިފްގާޑު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިފި

ނަވާރަ ރަށެއްގެ މޫދަށް އެރިއުޅޭ ސަރަހައްދުގައި ބީޗުސްކައުޓުން (ލައިފްގާޑުން) ބައިތިއްބަން ނިންމައި އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

މިއީ ފަތުރުވެރިންނަށާއި ދިވެހިރައްޔިތުންނަށް ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ފަށައިފައިވާ "ވޯޓަރ ސޭފްޓީ ޕްރޮގްރާމް" ގެ ދަށުން ކުރާކެމެކެވެ. މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މޫދަށްއެރިއުޅޭ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރި ކަމާގުޅޭ ސޭފްޓީ ބޯޑުތައް ބަހައްޓައި ލައިފްގާޑުން ނުވަތަ ބީޗު ސްކައުޓުން ބެއިތިއްބުމަށް ނިންމައިފައެވެ.

ލައިފްގާޑުން ބޭތިއްބުމަށް މިނިސްޓްރީން މިއަދު ނިންމާފައިވާ 19 ރަށަކީ މަދުވެގެން 100 ޓޫރިސްޓު އެނދު ގާއިމްކުރެވިފައިވާ ރަށްރަށެވެ. ބީޗު ސްކައުޓުންގެ މައިގަނޑު ޒިންމާއަކީ ފަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ދިނުމާއި އެދުވަހެއްގެ މޫސުމާއި، ރަށުގެ ވެއްޓާބެހޭ މަޢުލޫމާތު ދިނުމާއި މޫދަށް އެރިއުޅޭ އުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ ހަމަތައް ހިފަހައްޓާތޯ ބެލުމެވެ. އަދި އެމީހުން މޫދަށް އެރެނީ އެކަމަށް ކަނޑައަޅާފައި އޮންނަ ސަރަހައްދަށްތޯ ބެލުމަކީ ވެސް އެމީހުންގެ ޒިންމާއެކެވެ.

މީގެ އިތުރުން މޫދަށްއެރި އުޅޭއުޅުމުގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގާބިލްކަން ވެސް އެފަރާތަކުގައި ހުންނަންޖެހެއެވެ. މޫދަށް އެރެން ކަނޑައަޅާފައިވާ ސަރަހައްދަކީ ފަތުރުވެރިންނާ ރަހުމަތްތެރި ރައްކާތެރި މާހައުލަކަށް ހެދުމަކީ ލައިފްގާޑުންގެ ޒިންމާއެކެވެ. އޭގެ އިތުރުން ފަތުރުވެރިންނާއި އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި "ލައިފް ސޭވިން އިކުއިޕްމެންޓް" އާއި ކުއްލި ޙާލަތުގައި ބޭނުންކުރަން ހުންނަ ތަކެތި ބެލެހެއްޓުމަކީ ވެސް ލައިފްގާޑުންގެ ޒިންމާ ތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

ލައިފްގާޑުން ބެއިތިއްބުމަށް ނިންމަވައިފައިވާ ރަށްރަށަކީ:

  1. ބ. ދަރަވަންދޫ
  2. އއ. ރަސްދޫ
  3. އއ. ތޮއްޑޫ
  4. އއ. އުކުޅަސް
  5. އދ. ދިގުރަށް
  6. އދ. ހަންޏާމީދު
  7. ކ. ދިއްފުށި
  8. ކ. ގުޅި
  9. ކ. ގުރައިދޫ
  10. ކ. ހިންމަފުށި
  11. ކ. ހުރާ
  12. ކ. ހުޅުމާލެ
  13. ކ. މާފުށި
  14. މާލެ ސިޓީ
  15. ކ. ތުލުސްދޫ
  16. ކ. ވިލިގިލި
  17. ވ. ތިނަދޫ
  18. ލ. ގަން
  19. އައްޑޫ ސިޓީ އެވެ.

މިނިސްޓްރީން މިފަދަ ނިންމެވުމެއް ނިންމަވައި ފަތުރުވެރިންނާއި ދިވެހިރައްޔިތުންގެ ސަލާމަތަށް މަސައްކަތް ފެއްޓެވީ މޫދަށް ގޮސް އުޅޭ އުޅުމުގައި ގެނބުމާއި (ބައެއް ފަހަރު މަރުވުން) ފަދަ ކަންކަން ދިމާވުން އިތުރުވަމުން އަންނާތީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.