ލީބިޔާގެ ޓްރިޕޮލީ (ޠަރާބުލުސް) ގައި ގާއިމުވެފައި އޮތް، އދ.ން ބަލައިގަންނަ ސަރުކާރު ވައްޓާލަން ހަނގުރާމަކުރަމުންދާ ހަނގުރާމަވެރި ލީޑަރު ފީލްޑް މާޝަލް (ރިޓާޔަޑް) އަށް ތާއީދުކުރާ ބޭރު ގައުމެއްގެ ވައިގެ އަސްކަރިއްޔާއިން ޓްރިޕޮލީގެ އަސްކަރީ ސްކޫލަކަށް ބޮންއެޅުމުގެ ސަބަބުން 28 ދަރިވަރުން މަރުވެ 18 ދަރިވަރުން ޒަޚަމްވެއްޖެއެވެ.
ބޭރުގެ އަސްކަރިއްޔާގެ މަތިންދާބޯޓުތަކުން ހަމަލާދީފައި ވަނީ އަސްކަރީ ތަމްރީނުދޭ ސްކޫލްގެ ދަނާލަށެވެ.
ލީބިޔާގެ އަސްކަރިއްޔާގެ ސަޕޯޓް ސާވިސަސްގެ ކޮމާންޑަރަކު ވިދާޅުވި ގޮތުގައި އަސްކަރީ ސްކޫލަށް ހަމަލާދީފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޑްރޯންތަކުންނެވެ.
އިއްޔެރޭ ފަތިހުއްސުރެ ޚަލީފާ ހަފްތަރުގެ ހަނގުރާމަވެރިން ދަނީ ޓްރިޕޮލީގެ ދެކުނުގެ އަަވަށްތަކަށް އެއްގަމު މަގުންނާއި، ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ލީބިޔާގެ ގާނޫނީ ސަރުކާރެއްގެ ގޮތުގައި އދ.ން ބަލައިގަންނަ ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު ފައުޒީ އުނައްޔިސު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ދަރިވަރުން ތިބި ދަނާލަކަށް ހަމަލާދީފައި ވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ނަމުގައި ހަނގުރާމަވެރި ލަޝްކަރެއް ހަދައިގެން ލީބިޔާގެ ގާނޫނީ ސަރުކާރާ ހަނގުރާމަކުރަމުންދާ ޚަލީފާ ހަފްތަރު ވަނީ ޓްރިޕޮލީ ހިފައި ސަރުކާރު ވައްޓާލުމަށް ޑިސެންބަރު 12 ގައި "ފައިސަލާކުރަނިވި ހަމަލާއެއް" ފަށައިފައެވެ.
ލީބިޔާގެ އަވަށްޓެރި މިސްރާއި، ޔޫއޭއީން ދަނީ ފާޅުގައި ޙަފްތަރަށް ތާއީދުކުރަމުންނެވެ. ޔޫއޭއީގެ އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތަކުން ޙަފްތަރުގެ ހަނގުރާމައިގައި ދަނީ ބައިވެރިވަމުންނެވެ. ސައޫދީ އަރަބިއްޔާއާއި ރަޝިޔާއިން ވެސް ޙަފްތަރަށް ތާއީދުކުރާއިރު، ރަޝިޔާގެ ކުލީ ސިފައިން ދަނީ ޙަފްތަރުގެ ހަނގުރާމަވެރިންނާއެކު ހަނގުރާމަކުރަމުންނެވެ.
އދ.ން ލަފާކުރާ ގޮތުގައި ޓްރިޕޮލީ ހިފަން ޙަފްތަރުގެ ހަމަލާ ފެށިފަހުން 1000 މީހުން މަރުވެ 5000 މީހުން ވަނީ ޒަޚަމްވެފައެވެ.
2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކާނަލް މުޢައްމަރުލް ގައްޒާފީގެ ސަރުކާރު ވައްޓާލިފަހުން ލީބިޔާގައި ވަނީ ވާދަވެރި ދެ ސަރުކާރެއް ގާއިމުވެފައެވެ. ހުޅަނގު ބިތުގައި އޮތް ސަރުކާރަކާއި، އިރުމަތީ ބިތުގައި އޮތް ސަރުކާރެކެވެ. އދ.ން ގާނޫނީ ސަރުކާރެއް ކަމުގައި ބަލައިގެންފައި ވަނީ ހުޅަނގުގައި ގާއިމުވެފައި އޮތް ސަރުކާރެެވެ. ޚަލީފާ ހަފްތަރު ތީއީދުކުރަނީ އިރުމަތީ ބިތުގައި އޮތް ސަރުކާރަށެވެ. މިސްރާއި ޔޫއޭއީގެ ތާއީދުވެސް އޮތީ ޙަފްތަރާއެކުގައެވެ.