
ބ. އަތޮޅު ދޮންފަނުކައިރިގައި ރޭ ހިނގި އެކްސިޑެންޓް ސީދާ ހިނގާފައިވަނީ ކޮން ސަރަހައްދެއްގައިކަން ނޭނގޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު ވިދާޅުވީ އެކްސިޑެންޓު ސީދާ ހިނގައިފައިވާ ސަރަހައްދު އެނގޭނަމަ ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތަށް ފަސޭހަވީސް ކަމަށެވެ.
"ބޮޑަށް ލަފާކުރެވެނީ އެކްސިޑެންޓު ހިނގި ސަރަހައްދަކީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކައރިންކަމަށް. ސީދާ ޕިން ޕޮއިންޓް (އެ ލޮކޭޝަން) އަޅުގަނޑުމެންނަށް ނޭނގޭތީ އަޅުގަނޑުމެންނަށް ކޮމްޕްލިކޭޓު ވެގެން މިއުޅެނީ މި އޮޕަރޭޝަން،" މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެއްލިފައިވާ ނަސްރުﷲ އަބްދުﷲ ހޯދުމުގެ މަސައްކަތް ކަނޑު އަޑިންނާއި މަތިންނާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓުގާޑުގެ އިތުރުން ފުލުހުންނާއި އެސަރަހައްދުގެ ރިސޯޓުތަކުގެ ޑައިވަރުންނާއި އުޅަނދުފަހަރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އެކްސިޑެންޓުގައި ލޮކޭޝަން ފާހަގަ ނުކުރެވި ދިޔައީ އެއަށްވުރެ ބޮޑަށް މީހުން ސަލާމަތް ކުރުމަށް އިސްކަން ދިނުމުން ކަމަށް ބެލެވޭ ކަމަށެވެ. އެފަދަ ޙާލަތްތަކުގައި އެންމެ އިސްކަންދޭން ޖެނީވެސް މީހުން ސަލާމަތް ކުރުމަށެވެ.
އެ ޙާދިސާގައި ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އޭނާ ވިދާޅުވީ ޑިންގީގައި ރޭގަނޑު މަހަށް ނުކުމެ މަޑުކޮށްގެން އޮންނައިރު ވަށައިގެން ފެންނަ އައްޔެއް ބޭނުން ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރަށް އަލިކޮށް ސިގްނަލް ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. އޭގެ އިތުރަށް ލައިފް ޖެކެޓު އަޅައިގެން ތިބޭ ކަމަށްވާނަމަ ހިތާމަވެރި ޙާދިސާތަކުގައި މީހުން ސަލާމަތް ކުރުމަށް ނުވަތަ ހޯދުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.