ފުސްބިއްލޫރި - 12

(1 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަންނަށް ކޮންމެވެސް ކަމެއް އެބަވޭ. ނިދާލާނަން." ގެއަށް ގޮސް މަންމަ ގާތު ބުނެލިއެވެ. މިވަގުތު މަރިޔަމާ އެއްވެސް ވާހަކައެއް ދެއްކުން ރަނގަޅު ނޫންކަން މަރިޔަމަށް ބަލާލާފައި މަންމައަށް އެނގުނެވެ. އެހެންކަމުން އޭނާ ނިދާން ފޮނުވާލީއެވެ. މަރިޔަމް ކޮޓަރިއަށް ވަދެ ރަޖައިން މުޅި މީހާ ނިވައިކޮށްގެން އެނދުގައި ބަންޑުން އޮށޯވެ ރޯންފެށިއެވެ. ބޭނުންވަނީ ދުވަހަކުވެސް ޒަނީން ނުފެންނާނެ ހިސާބަކަށް ދިއުމެވެ. އޭނާ މާޔޫސު ވާން ފެށިއެވެ.

***

އެރޭ އެއްގޮތަކަށް ވެސް މަރިޔަމަކަށް ނުނިދުނެވެ. އެހެން ރޭރެއެކޭ އެއްފަދައިން މަންމަ އޮތީ ނިދާފައެވެ. މަރިޔަމް ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރެއިން ވަށައިގެން ހޯދައި ބަލައިލިއެވެ. ޒަނީންގެ އަތް މަތީގައި އަތް ބާއްވާލައިގެން ސޯފިއާ އިނެވެ. ދެމީހުން ކޮންމެވެސް ކަމަކާ ހެނީއެވެ. އެމަންޒަރު ހިތަށް ސިފަވުމުން އޭނާގެ ހިތް ފަޅައިގެން ދަނީއެވެ. ސޯފިއާ ގެ މައްޗަށް އޭނާގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ނަފްރަތު އުފެދިއްޖެއެވެ.

"ބައެއް މީހުން ހާދަ ނަސީބުގަދައޭ." އޭނާ ހިތާހިތުން ބުނެލިއެވެ. "އެމީހުން އުފަންވާއިރު ހުރިހާ ކަމެއް ހުންނަނީ ފުރިހަމަވެފައި. ނިިމިދަނީ އަރާމާއި ލައްޒަތުގައި އުޅެމުން. މިދުނިޔެއިން އެމީހުން އެދޭ ކޮންމެ އެދުމެއް ހާސިލުވޭ. އެއްވެސް ކަމެއް ނުކުރެވިގެން އުޅޭކަށް ނުޖެހޭ. ސޯފިއާއާ އާއި ޒަނީނަކީ އޭގެ މިސާލު." އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ.

މަރިޔަމްގެ ހުރިހާ އުއްމީދެއް ފެނަށްވިއެވެ. ދިރިއުޅޭން ކުރާ ހުރިހާ މަސައްކަތަކީ ބޭކާރު މަސައްކަތް ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް އާޓުގެ މަގްސަދާ މެދު އޭނާ ސުވާލު އުފެއްދިއެވެ. ދުވަހަކު ކޮލެޖަށް ދާން ނުޖެހޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ. "އެހެން ނޫނަސް އަހަރެން ދެން ދުވަހަކު ނުކުރެހިޔަސް މިހާރެކޭ ވަކި ތަފާތެއް އަންނާނެތަ؟ ކުރެހުން ހުއްޓައިލިޔަސް އަހަރެން މަރެއް ނުވާނެ. އާޓަކީ ހަޔާތެއް ނޫން." މަރިޔަމް އިތުރަށް މޮޅިވެއްޖެއެވެ. "އަހަރެން ދިރިހުރިއްޔާ ނެތިއްޔާ ބަޔަކަށް އެނގޭނެތަ؟" މަރިޔަމް ކޯތާފަތް މަތިން ފައިބަމުން ދިޔަ ކަރުނަ ފޮހެލިއެވެ. މެންދަމުން އަލިވެ ދޭއް ޖެހިތަނާ މަންމަ ތެދުވެ އެއްޗެހި ހާވަން ފަށައިފިއެވެ. އޭނާ އަވަސްއަވަހަށް ލޯމަތީގައި އާތް ބާއްވައިލިއެވެ. މަންމަ އެ ތެދުވީ ތަހައްޖުދު ނަމާދަށެވެ. ބޮކިވެސް ދިއްލައިނުލައި ތެދުވެގެން ދިޔައީ ވުޟޫ ކުރާށެވެ. މަރިޔަމް ފާރާ ދިމާއަށް މޫނުލައިގެން އަނެއް ފަރާތަަށް އެނބުރުނެވެ. އިރުކޮޅަކުން މަންމަ ކޮޓަރިއަށް ވަދެ ނަމާދު ކުރަން ފެށިއެވެ. މަންމަ ނަމާދު ކުރަން ފެށިކަން ޔަގީންވާހާއިރުކޮށްފައި މަރިޔަމް އެނބުރި މަންމަ ނަމާދުކުރާތަން ބަލަން ފެށިއެވެ. މަންމަ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. މާޔޫސްކަމުގެ ކުޑަވެސް އަސަރެއް މަންމަގެ މޫނުމަތިން ފާޅެއް ނުވެއެވެ.

'އަހަރެން މިއޮތީ ފުން ހިތާމައެއްގައިކަން މަންމައަށް އެނގޭބާ؟" ކަރުނައިން ފުރިފައިވާ ދެލޮލުން މަންމައަށް ބަލަން އޮވެ މަރިޔަމްގެ ހިތަށް އެރިއެވެ. "ކިހިނެއް އެނގޭނީ؟ މަންމަގެ ދުވަސް ފަށަނީ ނަމާދަކުން، ދުވަސް ނިންމައިލަނީ ނަމާދަކުން. މަންމައަކީ ކެތްތެރިކަމާއި ޝުކުރުވެރިވުމުގެ ލާމަސީލު މިސާލެއް. އެކަމަކު އަހަންނަށް އެއްވެސް ކަމެއް ކޮށްދިނުމުގެ ގާބިލުކަމެއް މަންމައަށް ލިބިފައެއް ނެތް. މީގެ ތިން އަހަރުކުރިން އަހަރެން އެދުނުގޮތަށް އަހަރެން އިންގެލެންޑަށް ފޮނުވި ނަމަ އަހަންނަށް ޒަނީނާ ބައްދަލެއް ނުވީސް. މިހައި ބޮޑު ވޭނެއްގައި އުޅޭކަށް ވެސް ނުޖެހުނީސް." އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. "އަހަންނަށް ރަނގަޅު ގޮތްވުން އެދި މަންމަ ދުވަހަކު ދުއާކުރިހެން އަހަންނަކަށް ހިއެއްނުވޭ. ދުއާކުރިނަމަ މި ހިތްދަތި ދިރިއުޅުން އުޅެން އަހަންނަށް ޖެހޭނެތަ؟ އެހެންވެއްޖެއްޔާ މަންމަ މިވަރަށް ނަމާދުކުރަނީ ކީއްކުރަން؟ އެހައި ދިގު ދުއާ އެކުރަނީ ކާކަށްޓަކައި؟ މަންމަ އެކުރާ ނަމާދަކުން، އެކުރާ ދުއާއަކުން އަހަރެންގެ ހަޔާތަށް އައި ބަދަލެއް ނެތް. ކުޑަކުޑަ ބަދަލެއްވެސް ނާދޭ. ނަމާދުކުރުމާއި ދުއާ ކުރުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއްތަ؟"

"ޒަނީން ލިބޭތޯ އަހަރެންވެސް ދުއާކޮށްފިން. އޭނާ އަހަރެން ދެކެ ލޯބިވޭތޯ އަހަރެން ދުއާކޮށްފިން... އަހަންނަށް އޭނާ ލިބިއްޖެތަ؟ އޭނާ އަހަރެން ދެކެ ލޯބިވެއްޖެތަ؟ އަހަރެންގެ ދުއާއިން ވީ ފައިދާއެއް ކޮބާ؟" އެ ދުއާއަކުން އަހަރެން ދެކެ ޒަނީން ލޯބިވާގޮތެއް ނުވި. މިއީ އަހަރެންގެ ތަގްދީރު. ހުރިހާ ކަމެއް އޮންނަނީ މާކުރިން ލިޔުއްވައި ނިމިފަ. އަހަރެމެންގެ ބުއްދިއާއި ހުނަރަކުން އެއެއް ބަދަލެއް ނުކުރެވޭނެ. އަހަރެމެންގެ މަންޒިލް ކަނޑައަޅާ އެއްޗަކީ ތަގްދީރު."

މުސައްލަ މަތީގައި ލޯމަރާލައިގެން ދުއާއަށް ދެއަތް އުފުލާލައިގެން އިން އޭނާގެ މަންމަަގެ ހަރަކާތްތަކަށް ބަލަން އޭނާ އޮތެވެ. ކުއްލިއަކަށް އެނދުން ތެދުވެގެން ގޮސް މަރިޔަމް މަންމަ ގާތު އިށީނދެ މަންމަގެ ދެއަތުގައި ހިފިއެވެ. ސިއްސައިގެން ގޮސް މަންމަގެ ލޯ ހުޅުވުނެވެ. މަރިޔަމްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. "މަންމާ، އިންސާނަކު ﷲގެ ހަޒްރަތުން އެންމެ ކަމަކަށް އެދި، އޭނާގެ ދުއާ އިޖާބަ ނުކުރައްވައިފިނަމަ ކަންތައް ކުރާން އޮންނަ ގޮތަކީ ކޮބާ؟"

މަންމަ އަނގަޔަކުން ނުބުނެއެވެ. މަރިޔަމް އެކިޔާ އެއްޗެއް މަންމައަކަށް އަދި ނޭނގެއެވެ.

"މަންމަ، ﷲގެ ހަޒްރަތުން އަހަރެން އެދުނީ އެންމެ ކަމަކު. އެކަމަކު ކަލާނގެ އެ ދުއާވެސް އިޖާބައެއް ނުކުރެއްވި. އެއީ ކީއްވެތަ މަންމާ. މަންމަ ބުނެބަލަ، އަހަރެންގެ ދުއާ ގޯހީތަ ނުވަތަ އަހަންނަކީ ބަދުނަސީބު މީހަކީ ތަ؟"

"ދަރިފުޅާ، ދަރިފުޅު ތީ ބަދުނަސީބު ކުއްޖެއް ނޫން." މަރިޔަމްގެ ކަރުނަ ފޮހެދެމުން މަންމަ ވާހަކަދެއްކިއެވެ. ދަރިފުޅުގެ ދުއާ އިޖާބަނުކުރެއްވުމަކީ ދުއާ ގޯސްވުމެއް ނޫން. އަހަރެމެންގެ ރަސޫލާ ހަދީސްކުރައްވާފައިވާ ގޮތުގައި މުސްލިމަކު ﷲ ގެ ހަޒްރަތުން ފާފައަކަށް ނުވާ ކަަމަކަށް އެދިއްޖެނަމަ ނުވަތަ މީހަކަށް ގެއްލުމެއް ދިނުމަށް ނޭދޭނަމަ ކަލާނގެ އެ ދުއާ އިޖާބަކުރައްވާނެ. ނުވަތަ އެ ދުއާގެ ސަބަބުން އެމީހަކަށް ކުރިމަތިވާން އުޅޭ މުސީބާތަކުން މިންޖުކުރައްވާނެ. ނުވަތަ އެމީހަކު އެ އެދޭ ކަމަކާ އެއްފަދަ އުފާވެރިކަމެއް ލިބޭނޭ ކަމަކަށް މަގު ފަހިކުރައްވާނެ."

"މަންމަ ދަންނަވާބަލަ ﷲއަށް، އަހަންނަށް ޒަނީން ދެއްވުން އެދި ﷲގެ ހަޒްރަތުގައި ދަންނަވާބަލަ. ޒަނީން ނުލިބެންޏާ މި ދުނިޔެއިން އިތުރު އެއްޗެއް ބޭނުމެއް ނޫން. މަރިޔަމް މަންމަގެ އުނގުގައި މޫނު ފޮރުވައިގެން އޮވެ ގިސްލަގިސްލާފައި ރޮނީއެވެ. "މަންމާ، ކަލާނގެ ކީއްވެތަ އަހަންނަށް މިވަރަށް ތުރާތައް ޖައްސަވަނީ؟ އަހަރެމެން އެދޭ އެއްޗެއް އަހަރެމެންނަށް ނުދެއްވަނީ ކީއްވެތަ މަންމާ؟ ކީއްވެތަ ހުރިހާ ކަމަކަށް އެދި އެކަލާނގެ ހަޒްރަތުގައި ދަންނަވަން ޖެހެނީ؟ ކީއްވެ ހުރިހާ ކަމަކަށް އިންތިޒާރު ކުރަން ޖެހެނީ؟" މަރިޔަމަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ.

އޭނާ މަންމަގެ އުނގުން މޫނު ހިއްލައިލިއެވެ. "މާދަމާ އަަހަރެންގެ ހުރިހާ ކުރެހުންތައް އަންދާލާނަން. ދެން ދުވަހަކު ކޮލެޖަށްވެސް ނުދާނަން. މަންމާ، ބަލަން ހުންނާތި. އަހަރެން ދެން ކޮލެޖަށް ނުދާނަން."

"މަރިޔަމް، ކިހިނެއްވީ؟" އަތްތިލައިގެ ތެރެއަށް މަރިޔަމްގެ ދަތްދޮޅިލައި، އޭނާގެ މޫނު މައްޗަށް ހިއްލައިލަމުން މަންމަ އެހިއެވެ.

"މަންމާ، އަހަންނަކަށް ދެން ނުކުރެހޭނެ. އެހެންވީމަ. ކުރަހާކަށް ބޭނުމެއްވެސް ނޫން. ކުރަހާ ހިތް ކެނޑިއްޖެ. މަންމާ، އަހަރެން އެއްވެސް ކަމެއް ކުރާ ހިތެއްނުވޭ. ކުރަހާކަށްވެސް ކުލަޖައްސާކަށް ވެސް ބޭނުމެއް ނޫން. އާޓިސްޓެއްގެ ގޮތުގައި މީހުންނަށް އެނގޭކަށް ބޭނުމެއް ނޫން. އާޓު ފިޔަވައި އަހަންނަށް ކުރަން އެނގެނީ ކޮންކަމެއް؟ އަހަރެންގެ ސިކުނޑީގައި ޒަނީން ނޫން އެއްޗެއް ނެތް. އޭނާ ސައުވީސް ގަޑިއިރު ހުންނަނީ އަހަރެންގެ ކުރިމަތީގައި." މަރިޔަމް ގިސްލަމުން އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލިއެވެ.

ގަބޫލުކުރަން ދަތިވެފައި، މަރިޔަމްގެ މޫނަށް ބަލަން މަންމަ އިނެވެ. މަރިޔަމްގެ ހިތް ހަމަޖައްސައިދޭން އޭނާއަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ.

"ކުލަފިހީގައި ހިފާއިރަށް އަހަންނަށް ހިވަނީ އޭނާ އަހަރެންގެ އަތުގައި ޒަނީން ހިފަނީއޭ. ޕެލެޓަށް ކުލަ އަޅާއިރު ހީވަނީ އަހަރެންގެ ކުރިމަތީގައި އޭނާ ހުންނަހެން. ކެންވާސްގައި ކުލަފިހި ހިންގާއިރު ހީވަނީ އެތަނުގައި ވެސް އޭނާ ހުންނަހެން. އެކަމަކު މަންމާ، ލޯބިވާ މީހަކު އަހަރެން ނުފެންނަ ކަމަށް ހަދައިގެން އުޅުމަކީ ކިހާ ވޭން ހުރި ކަމެއްކަން އެނގޭތަ؟ އަހަރެން ނޫން ހުރިހާ އެންމެން ފެނޭ. އެންމެންނާ އަޅާލާ. އެންމެންނާ ވާހަކަ ދައްކާ. ވާހަކަ ނުދައްކަނީ އަހަންނާ އެކަނި. އަހަރެން މީ ވުޖޫދުގައި ވެސް ނެތް މީހެކޭ އެއްފަދަ. މަންމާ، މަންމަ ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވަމެއްނު. އެހެންވީމާ އަހަރެންގެ އިހުސާސްތައް މަންމައަކަށް ނޭނގޭނެ. " އޭނާ އަނެއްކާވެސް މަންމަގެ އުނގުގައި މޫނު ފޮރުވިއެވެ.

"ރަނގަޅު ވާހަކައެއް، ދަރިފުޅު ލޯބިވާ މީހަކު ދަރިފުޅާ އެހެން މީހުންނާ ތަފާތުކުރަންޏާ ދަރިފުޅަށް އެކަމާ ކުރެވޭނޭ ކަމެއް އޮންނާނެތަ؟" ލޯމަރައިގެން އިނދެ މަރިޔަމްގެ ބޮލުގައި ފިރުމަމުން މަންމަ ބުންޏެވެ.

"ބޭނުން ކަމެއް ހާސިލުނުވެ، ދިރިއުޅުމުގެ މަގުސަދެއް ނެތި އަހަރެން ދިރިއުޅޭނީ ކިހިނެއް؟" މަރިޔަމްގެ ހިތާމަ ކޮޅުންލިއެވެ.

"ދަރިފުޅާ، ދަރިފުޅުގެ މުސްތަގްބަލް އަދި އޮތީ ކުރިއަަށް. ދަރިފުޅު މޮޅު އާޓިސްޓަކަށް ވާނެ." މަންމަ އޭނާގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. އެކަމެއް ނުވިއެވެ.

"ނޫން މަންމާ. އަހަރެންގެ މުސްތަގުބަލެއް ނެތް. އެއީ ހުވަފެނެއް. ބިންގަލެއް ނެތިއްޔާ ގެއެއް ބިނާކުރާނީ ކިހިނެއް؟ އޭނާއަކީ އަހަރެންގެ މީހެއް... މަންމާ. މަންމަގެ ކަލާނގެއަށް ދަންނަވައިދީ، ޕްލީޒް. އަހަންނަށް ޒަނީން ދެއްވުން އެދި ދުއާކޮށްދީ މަންމާ. ޒަނީން ލިބުމުން އަހަރެން އިތުރު ކަމަކު ނޭދޭނަން. އަހަރެން ސުވަރުގެއިން ގަނޑުވަރެއް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ޒަނީން އެކަނި. މަންމާ، ދަރިފުޅުގެ އެންމެ ދުއާއެއް އިޖާބަ ނުކުރައްވާއިރު ތިހާ ގިނަ ވަގުތު މުސައްލަ މަތީގައި އިނުމުގެ ބޭނުމެއް އެބައޮތްތަ؟ ތިވަރަށް ނަމާދުކޮށް ދުއާކުރަނީ ކީއްކުރަން؟ މަންމާ ކަލާނގެ އަށް ސާބިތުކޮށްދީބަލަ މަންމައަކީ ހަމައެކަނި އިންސާނެއް ނޫންކަން. ތީ މަންމައެއްކަން ވެސް ސާބިތުކޮށްދީބަލަ." އޭނާ އޮތީ ދެއަތުން މަންމަގެ އަތުގައި ހިފަހައްޓައިގެންނެވެ.

މަންމަ އޯގާތެރިކަމާއެކު މަރިޔަމަށް ބަލައިލިއެވެ. އޭނާގެ މޫނު ހުރީ ކަރުނައިން ތެމިފޯވެފައެވެ. ރޮއެރޮއެ ވަރުބަލިވެގެން އޭނާ ތެދު އެނދުގައި އޮށޯތެވެ. މަންމަވެސް މުސައްލަ މަތިން ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. މަންމަ ފަހުން ކޮޓަރިއަށް އައިކަމެއް ނުވަތަ ނޫންކަމެއް މަރިޔަމަކަށް ނޭނގެއެވެ. އޭނާ އޮތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުބަލިވެފައެވެ. ހޭލެވުނު އިރު ލޮޑުކަން އިހުސާސްކުރެވެއެވެ. އެކަމަކު ނިންޖެއް ނުފިލައެވެ. އޭނާ އަނެއްކާވެސް ނިދުނެވެ. ތަންކޮޅެއް ދުރުން މީހަކު ރޯ އަޑު އިވެއެވެ. އަޑު އަންނަ ދިމާއެއް ނޭނގެއެވެ. ކާކުގެ އަޑެއް ކަމެއްވެސް ނޭނގެއެވެ. ދެބަދޭތެރޭގައި އޮވެފައި ރަނގަޅަށް ނިދިއްޖެއެވެ.

***

އަނެއް ދުވަހު މަންމަގެ ބާރު އެޅުމާއެކު އޭނާ ހޮޓަލަށް ދިޔައެވެ. އޭނާ ބޭނުންވަނީ ވީހައިވެސް އަވަހަކަށް އެ މަސައްކަތް ނިންމައިލާށެވެ. އެރޭ 7:30 ވީއިރު މަސައްކަތް އެއްކޮށް ނިންމައިލިއެވެ. މެނޭޖަރު އައިސް ބެލިއިރު މަސައްކަތް ނިންމާފައިވަނީ ވަރަށް ފުރިހަމައަށެވެ. އޭނާ އެވާހަކަ މަރިޔަމް ގާތު ބުންޏެވެ. އެއަށްފަހު ކާރަށް އިޝާރާތް ކުރިއެވެ. މަރިޔަމް ކާރަށް އެރިއިރު ސީޓު މަތީގައި ޕާރުސަލްކޮށްފައި ހުރި ކުރެހުންތަކެއް ބަހައްޓާފައި ހުއްޓެވެ. ކާރު ދުއްވައިލަމުން ޑްރައިވަރު ބުންޏެވެ. "ތީ ޒަނީން ފޮނުވި ދެ ކުރެހުން."

"ޒަނީނޭ؟" މަރިޔަމް ހައިރާންވެފައި އެހިއެވެ. "ޒަނީނަކީ ކާކު؟"

'މީ ޒަނީންގެ ބައްޕަގެ ހޮޓަލެއް." ޑްރައިވަރު ބުންޏެވެ. "ޒަނީން ބުނީ މަރިޔަމަށް ކުރެހުންތައް ދޭށޭ. އަދި ކުރެހުންތައް ބަލައިލާށޭ ބުނާށޭ. އަދި ޖަޕަނީޒް ރެސްޓޯރެންޓުގެ ފާރުގައި ހުރި ރީތި މަސައްކަތަށް އޭނާގެ ފަރާތުން ޝުކުރު އަދާކުރުމަށްވެސް ބުނި."

މަރިޔަމް ބުނާނެ އެއްޗެއް ނޭނގިފައި އެކުރެހުންތަކަށް ބަލަން އިނެވެ. މިއީ ޒަނީނާ ގުޅުމެއް އޮތް ޕްރޮޖެކްޓެއް ކަމަށް ޕްރޮފެސަރ ޢައްބާސް ނުބުނެއެވެ. މަރިޔަމް ސީޓުމަތިން އެއް ކުރެހުން ނަގައި ބޭރުން ލާފައި ހުރި ގަނޑު ނިއުޅުވައިލިއެވެ. އޭނާ ހައިރާންވިއެވެ. އަވަސްއަވަހަށް ދެވަނަ ކުރެހުން ވެސް ކަނޑައިލިއެވެ. ލޮލަށް މި ފެންނަނީ ގަބޫލުކުރަން ދަތި ހަގީގަތެކެވެ. އެދުން – އަގީދާ – މިއީ އޭނާ އެންމެ ފުރަތަމަ ކުރެހި ދެ ކުރެހުމެވެ. އޭނާގެ މޫނު މަތިން އުޖާލާކަމުގެ އަސަރު ފާޅުވިއެވެ.

މިކުރެހުންތައް ވިއްކަން މަޖުބޫރުވީ ހާލަތު އޭނާގެ ހަނދާނަށް އައެވެ. އެއީ މީގެ ދޮޅު އަހަރުކުރިއެވެ. އެދުވަސްވަރު އޭނާ ދިޔައީ ބޭކަންހައުސް ސްކޫލުގެ ދަރިވަރަކަށް ޓިއުޝަން ދެމުންނެވެ. އޭރު ވަރަށް ބޮޑަށް ފައިސާގެ ބޭނުން ޖެހުމުން އެކުއްޖާގެ މަންމައަށް ވަރަށް ހެޔޮ އަގުގައި އެ ދެ ކުރެހުން ވިއްކައިލީއެވެ. އެ ވިޔަފާރީގެ މުއާމަލާތުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެއީ މަޖުބޫރުވެގެން ކުރެވުނު މުއާމަލާތެކެވެ. މިހާރު އެ ކުރެހުންތައް އަނބުރައި އޭނާއަށް ލިބުނީއެވެ. އެކަމަކު ޒަނީނަށް މި ކުރެހުންތައް ލިބުނީ ކިހިނެއްހެއްޔެވެ؟ އޭނާ އެކުރެހުންތައް މަރިޔަމަށް ހަދިޔާކުރީ ކީއްވެހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް ވިސްނަވިސްނާވެސް ނޭނގުނެވެ.

"ޒަނީން ގާތު ބުނެދީފާނަންތަ އަހަރެން އޭނާޔާ ބައްދަލުކޮށްލަން ބޭނުމޭ؟" އޭނާ ޑްރައިވަރު ގާތު ބުންޏެވެ.

އޭނާ ގެއަށް ގޮސް ކުރެހުންތައް މަންމައަށް ދެއްކިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފާޅުވެއެވެ. މިއީ ރޭ އޭނާއަށް ފެނުނު މަރިޔަމެއް ނޫނެވެ.

"މަރިޔަމް، މި ކުރެހުންތަކަށް ކިހިނެއް ހަދަން ތި ވިސްނަނީ؟" ކާން އިށީންނަމުން މަންމަ އެހިއެވެ.

(ބާރަވަނަ ބާބު)

ރޭލު އޭގެ މަންޒިލަށް ދަތުރުކުރަމުން ދަނީއެވެ. ވަގުތު ނޫން އެހެން ހުރިހައި އެއްޗެއް ދޫކޮށްފައެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރެއިން ކުޑަ ދޮރުގެ ބިއްލޫރިގަނޑު ވާ ފަށްތަކެއް ހެން ފެނުން ފުރަމުންދިޔައެވެ. ފުސްބިއްލޫރީގެ ތެރެއިން ރަށުގެ މަންޒަރު ފެންނަލެއް ވަރަށް ހިތްގައިމެވެ. ނަމަވެސް ކެތަރިންއަކަށް އެ ރީތިކަމެއް ނުފެނެއެވެ. އޭނާ ބޭރު ބަލަހައްޓައިގެން އިން ނަަމަވެސް މިވަގުތު އޭނާގެ ލޮލަކަށް އެކައްޗެއްވެސް ނުފެނެއެވެ. ރޭލު ހުއްޓާތަނަކަށް ރޭލު މިހާރު ހުއްޓަނީ އެވެ. ވާރޭ ތިކިތަކުގެ ބައްޓަން ބަދަލުވެއްޖެއެވެ. ފެނުގެ ވާފަށްތައް ކަރުނަތިކިތަކަކަށް ބަދަލުވެގެން ބިއްލޫރިގަނޑުން ފައިބަން ފަށައިފިއެވެ. ވަރަށް ފުން ނޭވައެއް ލާފައި ކެތަރިން ގޮނޑިއަށް ލެނގިލާފައި ލޯ މަރައިލިއެވެ. އޭނާ ލަންޑަނަށް އެނބުރި މިދަނީ އެތައް ދުވަހަކަށް ފަހުއެވެ. މިދިޔަ ހަތަރު އަހަރު ހޭދަކުރީ ހަށިވިއްކުމުގައެވެ. އެ މަސައްކަތްކުރީ ފޮނުވި މީހުންގެ އިރުޝާދާ އެއްގޮތަށެވެ. މަސައްކަތްކުރީ އެމީހުން ބުނި ސަރަހައްދުގައެވެ. އެމީހުން އެކިތަންތަނަށް އޭނާ ގެންގޮސްގެނެސް ހަދައެވެ. ގޮވައިގެން ދަނީ ކާކުތޯ، ބަލައިދަނީ ކާކުތޯ، މަސައްކަތް ކުރީ ކާކާއެކުތޯ، އަދި އުޖޫރައިގެ ގޮތުގައި ލިބުނީ ކިހާވަރެއްތޯ – މިއިން އެއްވެސް ކަމަކަށް އޭނާގެ ޝައުގެއް ނެތެވެ. ބައްދަލުވި ކޮންމެ ފިރިހެނަކު ބަދަލުވަނީ އެކަކަށެވެ. އެއިން ކޮންމެ މީހަކީ މަޒްހަރް ޚާން އެވެ. މަޒްހަރު ދެކެ ވަނީ ލޯބިކަމެއް ނުވަތަ އޭނާ ދެކެ އަންނަނީ ރުޅި ކަމެއް ބުނާކަށް ނޭނގެއެވެ. މި ހަތަރު އަހަރުތެރޭ އޭނާއަށް ދަސްވީ އެންމެ ކަމެކެވެ. މީގެ ފަހުން އެއްވެސް މީހަކަށް އިތުބާރު ނުކުރުމަށެވެ. އަދި އެއްވެސް މީހަކު ދެކެ ދުވަހަކުވެސް ލޯބި ނުވުމަށެވެ. މަންޒިލަށް ދިއުމަށްޓަކައި ބާރު ދުވެލީގައި ދުއްވާފައިދާ ރޭލުގައި ލޯ މަރާލައިގެން އިން އިރު އޭނާގެ ޚިޔާލު ގޮސް ހުއްޓެނީ މުސީބާތުގެ ތެރެއަށް ވެއްޓި ހަޔާތް ބަދަލުވިީ ރެއާއި ހަމައަށެވެ. މަޒްހަރް އޭނާއަށް އޮޅުވައިލީ ކަމާމެދު ޝައްކެއް ނެތެވެ. އޭނާ ގޮވައިގެން ލެސްޓަރ އަށް ގޮސް ކަސްބީ އަންހެނުންގެ ހާއްޔަކަށް ވައްޓައިލީއެވެ.

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.