
އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕް ގައި މިއަދު ހަވީރު ބައްދަލު ކުރީ ގޯދިއްޔާއި، އެފްސީ ބޭރުމަތި ޓީމެވެ. މިމެޗު 4-1 ލަނޑުން ކާމިޔާބުކުރީ ބޭރުމަތި ޓީމެވެ.
އެޓީމުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނަގައި ދިނީ އަމީން އިބްރާހީމެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ 7 ވަނަ މިނިޓުގައެވެ. މެޗުގެ 23 ވަނަ މިނިޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ސަބާހުއެވެ. އެލަނޑުޖެހިތާ 7 މިނިޓު ފަހުން ގޯދިއްޔާ ވަނީ އެމީހުންގެ ހަމައެކަނި ލަނޑު ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަމާ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެންވެސް ބޭރުމަތި ދިޔައީ ރަނގަޅަށް ކުޅެ އެޓޭކު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނިޓުގައި އެޓީމުގެ މުހައްމަދު ޝުއާއު ލަނޑެއްޖަހައި ނަތީޖާ 3-1 އަށް ބަދަލު ކުރުމެވެ. އެޓީމުގެ ފަހު ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ޖަހައިދިނީ ހާޒިމް ފައުޒީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އޭނާއެވެ.
މިމުބާރާތުގައި މާދަމާ ކުޅޭނީ މުބާރާތުގެ 8 ވަނަ މެޗެވެ. ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސްއާއި، އެފްސީ ޒެފިއާއެވެ. މެޗު ފަށާނީ ހަވީރު 4:00 ގައެވެ.