
ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ކުންފުންޏާއެވެ.
މި އެއްބަސްވުމުގައި އިސްލީމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ. އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.
500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. ޖުމްލަ 365 ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތްތައް ނިންމާލަދެއްވުމަށް އަފާމީ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރުގެ އަރިހުން މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.