އެލާޓް ލެވެލް ދަށެއް ނުކުރަން, ދަނީ ކުރިއަށް: އެމްއެންޑީއެފް

އެލާޓް ލެވެލް ދަށް ނުކުރާ ކަމަށާއި ޕްލޭނާ އެއްގޮތަށް އަދިވެސް ދަނީ ކުރިއަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައި ވަނީ ޑިސެމްބަރު 24 ވަނަ ދުވަހުގެރޭ 7:00 އިން ފެށިގެންނެވެ. އެލާޓް ލެވެލް މަތިކުރި ގޮތަށް އަދިވެސް އެއަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ ސިފައިންނަށް ރައްޔަތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

"އެލާޓް ލެވެލް ދަށެއް ނުކުރޭ. ޕްލޭން ކޮށްފައިވާ ގޮތަށް ހަމަ ކުރިއަށްދަނީ. އަދި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުންދަނީ،" ޢާޒިމް ވިދާޅުވިއެވެ.

އެލާޓު މައްޗަށް ޖެއްސުމަށްފަހު  ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ގެންދަވަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. އެލާޓު މަތިކޮށްފައިވާ މިވަގުތުގައި ސިފައިން ގެންދަވަނީ ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުންނެވެ.

"މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރަމެވެ. އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

އެލާޓް ކުރިއަށް ގެންދާނެ މުއްދަތެއް ވެސް އަދި ކަނޑައެޅިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.