އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް (އޭއެފްސީ 2019) މިއަދު ބައްދަލުކުރީ ފޭދޫ ސްޕޯޓްސް އާއި ރިވެރިންއެވެ. ވާދަވެރި ކުޅުމަކަށް ފަހު 4-3 ލަނޑުން މެޗު ކާމިޔާބުކުރީ ފޭދޫ ސްޕޯޓްސް އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ފޭދޫ ސްޕޯޓްސް އިންނެވެ. މެޗުގެ 11 ވަނަ މިނިޓުގައި އެލަނޑު އެޓީމަށް ޖަހައިދިނީ ޖާޒީ ނަމްބަރު 14 އަޙުމަދު ސަޢީދެވެ. އެޓީމުން ލީޑުގައި އޮވެ ކުޅެމުންދަނިކޮށް ރިވެރިންވަނީ މެޗުގެ 34 ވަނަ މިނިޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިނިމި އޮއްވައި ފޭދޫސްޕޯޓްސްގެ އިބްރާހީމް އިފާން ވަނީ އެޓީމަށް އަލުން ލީޑުނަގައިދީ ހަމަޖެހިލައިފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ފޭދޫ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ. ދެވަނަހާފް ފަށައިގެން ދެޓީމުން ވެސް މަސައްކަތް ކުރަމުންދިޔައީ އިތުރު ލަނޑެއް ޖެހުމަށެވެ. ނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނިޓުގައި ރިވެރިން ލަނޑެއްޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރުމެވެ. އެލަނޑު ޖަހައިދިނީ އެޓީމުގެ ޙުސައިން ސަޢީދެއެވެ.
މިނަތީޖާއާއެކު ފޭދޫ ސްޕޯޓްސްއިން އިތުރު ހިތްވަރެއްލައި ކުރިއަށް އަރައި ލަނޑުޖަހަން މަސައްކަތް ކުރިއެވެ. ނަތީޖާއަކަށްވީ އެޓީމުގެ ޢަލީ ނާފިޢު އާއި ޙުސައިން ޝާމިން ގާތްގާތުގައި ދެ ލަނޑުޖަހައި ނަތީޖާ 4-2 ބަދަލު ކުރުމެވެ. މިނަތީޖާގައި އިތުބާރާއެކު ފޭދޫ ސްޕޯޓްސް ކުޅެމުން ދަނިކޮށް މެޗުގެ 72 ވަނަ މިނިޓުގައި ރިވެރިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައި އުންމީދު އައުކޮށްފައެވެ. އެލަނޑު ޖަހައިދިނީ އެޓީމަށް ފުރަތަމަ ލަނޑުޖަހައިދިން ދާނިޝް އެވެ. މިލަނޑަށްފަހު ދެޓީމުން ވެސް ވަނީ އިތުރު ލަނޑުޖަހަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މެޗު ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. ބައްދަލުކުރާނީ ބޭރުމަތި އަތުން އިއްޔެ ބަލިވި މުލިމަތި ޔުނައިޓެޑާއި ގޯދިއްޔާއެވެ. މި މެޗުވެސް ކުޅޭނީ މާދަމާ ހަވީރު 4:00 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.
ޗެމްޕިއަން ޓީމަށް ވިހިހާސް ރުފިޔާ ކަނޑައަޅާފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތަށް ސިޓީކައުންސިލުން ވަނީ ޖުމްލަ އެއްލައްކަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ.