އިސްލާހުގެ މަގު އިޚްތިޔާރު ކުރުމަށް ހަރުކަށި ފިކުރުގެ މީހުންނަށް ރައީސް ގޮވާލައްވައިފި

އިސްލާހުގެ މަގު ޚިޔާރު ކުރުމަށް ހަރުކަށި ފިކުރުގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހަރުކަށި ފިކުރުގެ މީހުންނަށް މިއަދު ގޮވާލައިވައިފިއެވެ.

ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް ތ. ވިލުފުށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަދިވެސް ވަގުތު އެބައޮތް ކަމަށެވެ. އެއްވެސް މީހަކަށް ދެރަގޮތެއް ވުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި ޤައުމުގެ ޙާލަތަށް ބަލާއިރު އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި އެތައް މައްސަލައެއް މިހާރު ވެސްއެބަހުރި ކަމަށެވެ. އޭގެތެރޭގައި ހަރުކަށި ފިކުރު ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. "ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި، ހިންގާ ހަރުކަށި ޢަމަލުތައް، މިއީ އޭގެ ތެރެއިން އެއް ކަންތައް. ދީނަށް އިހާނެތިކުރުމުގެ މަސައްކަތް. މާރާމާރީތަކާއި ގޭންގު ކުށްތައް. މަސްތުވާތަކެތީގެ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ކަންކަމަކީ ޤާނޫނުތައް ނެތިގެން، ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫންކަމަށެވެ. މިއިން ކޮންމެ ކަމަކީ ވެސް ފަރުދީ ޒިންމާއަށް އިހުމާލު ވުމުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މުޖުތަމަޢުގެ މަޞްލަޙަތުގެ މައްޗަށް ތިމާގެ އަމިއްލަ ކަންކަން އިސްކުރުމުގެ ނަތީޖާ. އަނެކުންގެ ޙައްޤުތަކަށް އަރައިގަނެގެންވިޔަސް، ތިމާގެ އަމިއްލަ އެދުންތައް ހާސިލުކުރަން އުޅުމުން، ގެއްލިގެން އެދަނީ މުޅި މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން،" ރައީސް ވިދާޅުވިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު ކޮންމެ މީހަކުވެސް ޢަޒުމަކަށް ހަދަންވީ، މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅުހަދައި، އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަން ސިއްރުނުކޮށް، ކަމާބެހޭ އިދާރާތަކަށް އެ މަޢުލޫމާތު ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ. މިފަދަ ކަންކަމާ ދެކޮޅަށް މުޅި މުޖުތަމަޢު ތެދުވެގެންނޫނީ މިކަންކަން ޙައްލެއް ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިން މި ދެންނެވިފަދަ ނޭއްގާނި ޢަމަލުތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ވަގުތު ފާއިތެއްނުވެޔޭ. މިހާރު ތިޔަ ހިނގާ ނުރަނގަޅު މަގު ދޫކޮށް، އިޞްލާޙުގެ މަގު ޚިޔާރުކުރާށޭ. އެކަހެރިވުމާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖުތިމާޢީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަންދޭށޭ. ތިޔަ އެންމެންނަކީވެސް ހަމަ މި ޤައުމުގެ ރައްޔިތުން. އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫން. އިޞްލާޙުގެ މަގު ޚިޔާރު ކުރުމުން، ދެ ދުނިޔޭގައިވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު އެއްބައިވާންޖެހިފައި މިވަނީ، މިފަދަ ކަންކަމާ ދެކޮޅަށް ކަމަށެވެ. އެންމެން އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި މަސައްކަތް ކޮށްގެންނޫނީ މިފަދަ މައްސަލަތައް ޙައްލުނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ އެންމެންގެ ޤައުމު ކަމަށާއި، އެންމެން އުޅެން އޮތް ތަނަކީ މިއީ ކަމަށްވާތީ މި ފަސްގަނޑުގެ ހަމަޖެހުމާއި ޞުލްޙައާއި އަމާންކަން ދެމިއޮންނާނީ އެންމެންވެސް އެކަމަށް އިސްކަން ދިން މިންވަރެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.