ކަޝްމީރުގެ 'ސަރަހައްދީ ރޮނގު' ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުން ހަމަލާތަކެއް ބަދަލުކޮށްފި

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި ޕާކިސްތާނު ސިފައިން ހަރަކާތްތެރިވަނީ

އިންޑިޔާ ސަރުކާރުން ފާއިތުވި އޮގަސްޓްމަހު، ކަޝްމީރުގެ އިންޑިޔާ ފަޅި 'ބަންދުކުރި' ފަހުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމުގައި ދެ ފަރާތުން ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ޕާކިސްތާނު ސިފައިންގެ މައުލޫމާތު ހާމަކުރުމާ ބެހޭ އިދާރާ، އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) ގެ ވެރިޔާ މޭޖާ ޖެނެރަލް އާސިފު ޣަފޫރު ވިދާޅުވި ގޮތުގައި އިންޑިޔާ ސިފައިން ކަޝްމީރުގެ ވަގުތީ ސަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ދިން ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ 2 މީހުން މަރުވެ، އެކަކު ވަނީ ޒަޚަމް ވެފައެވެ.

މި ހަމަލާ ދީފައި ވަނީ ދޭވާ ސަރަހައްދުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަޝްމީރުގެ ހާޖީ ޕީރް ސަރަހައްދުގައި، އިންޑިޔާ ސިފައިން އެލްއޯސީ ހުރަސްކޮށް ދިން އެހެން ހަމަލާއެއްގެ ރައްދުގައި ޕާކިސްތާނު ސިފައިން ދިން ހަމަލާގައި އިންޑިޔާ ސިފައިންގެ ތިން މީހުން ވަނީ މަރުވެފައެވެ.

"ހާޖީ ޕީރް ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމާ (އިންޑިޔާ ސިފައިން) ޚިލާފުވުމުން، ޕާކީސްތާނު ސިފައިން ވަނީ އިންޑިޔާ ސިފައިންގެ ޕޯސްޓެއް ހަލާކުކޮށްލައި އިންޑިޔާ ސިފައިންގެ 3 މީހުން މަރާލާފައި. ބައެއް މީހުން ވަނީ ޒަޚަމްވެސް ވެފައި." ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، އިންޑިޔާ ސިފައިންގެ ތަރުޖަމާނު ވަނީ ސިފައިންގެ ތިން މީހުން މަރުވިކަން ދޮގުކޮށްފައެވެ.

އިންޑިޔާ ސިފައިންގެ ތަރުޖަމާނު ކާނަލް ރާޖޭޝް ކާލިޔާ ވިދާޅުވި ގޮތުގައި ޕާކިސްތާނު ސިފައިންގެ ހަމަލާގައި މަރުވެފައި ވަނީ އިންޑިޔާ ސިފައިންގެ އޮފިސަރަކާއި، އާންމުންގެ މީހެކެވެ. އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕާކިސްތާނު ސިފައިންގެ ހަމަލާގައި އިތުރު ތިން މީހަކު ޒަޚަމްވެ 10 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ޕާކިސްތާނު ސިފައިންގެ މަސްދަރަކުން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އެލްއޯސީގެ އިންޑިޔާ ފަޅީގައި، ޖަހާފައި ހުރި ނަރުދާ ބައެއް ސަރަހައްދުތަކުން ނައްޓައި، އިންޑިޔާ ސިފައިން ވަނީ ބަރު ހަތިޔާރު ވަގުތީ 'ސަރަހައްދީ ރޮނގު'ގެ ކައިރިއަށް ޖަމާކޮށް ހަމަލާއަކަށް ތައްޔާރުވެފައެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އިންޑިޔާއިން އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވަނީ، އެގައުމުގެ ދާޚިލީ މަސްރަހު އާދަޔާއި ޚިލާފަށް ހޫނުވެފައިވާތީ އެކަމުން ދުރަށް މީހުންގެ ސަމާލުކަން އަނބުރައިލުމުގެ ބޭނުމުގައެވެ.

އިންޑިޔާއާއި ޕާކިސްތާނާއި ދެގައުމުންވެސް އެ ގައުމެއްގެ ބައެއްކަމަށް ދައުވާކުރާ ކަޝްމީރުގެ މައްސަލައިގައި ދެ ގައުމުން ވަނީ 1948 އަދި 1965 ގައި ހަނގުރާމަކޮށްފައެވެ.

ކަޝްމީރުގެ ގާތްގަނޑަކަށް މެދުން ހެން މިހާރު ދަމާފައި އޮތް ވަގުތީ 'ސަރަހައްދީ ރޮނގު ނުވަތަ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) އަކީ ދެ ގައުމުން ހަނގުރާމަ ހުއްޓާލިއިރު ދެ ގައުމުގެ ސިފައިން ތިބި ހިސާބުން ދަމާފައިވާ ރޮނގެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.