ކުރިމިނަލް ކޯޓުގައި އެތައްސަތޭކަ މައްސަލައެއް، ހައްލު ކުރަން ދެއަހަރު ބައި ހޭދަވާނެ: ސަރުކާރު

ނުނިމިހުރި 1900 މައްސަލަ ކުރިމިނަލް ކޯޓުގައި އެބައޮތް ކަމަށާއި އެމައްސަލަތައް ނިންމަން މިހާރުން މިހާރަށް މަސައްކަތް ފެށިޔަސް އެ މައްސަލަތައް ނިންމަން ދެ އަހަރާއި ބައި ހޭދަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން  ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ވިދާޅުވީ އެ މައްސަލަތައް ފުނިޖެހިފައިވަނީ މިއަދަކު އިއްޔެއަކު ނޫންކަމަށެވެ. އެއީ އެތައް ދުވަހެއްގެ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިމިނަލް ކޯޓުގައި ނަވާރަ ސަތޭކަ މައްސަލަ ނުނިމި އެބަހުރި. މިއީ އަޅާނުލެވުމުގެ ސަބަބުން ފުނިޖެހިފައިހުރި މައްސަލަ. މިކަންކަން ހައްލުކުރަން މިހާރުން މިހާރުން މަސައްކަތް ފެށިޔަސް ދެއަހަރު ބައި ހޭދަވާނެ،" އޭނާ ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ ރާއްޖެއަށް މިހާރު އައިސްފައިވާ ސިޔާސީ ހަމަޖެހުމާއެކު ކޯޓުތަކަށް ވެސް ވަނީ މިނިވަންކަން ލިބިފައި ކަމަށެވެ. އަދި އެބޭފުޅުންގެ މަސައްކަތާއިގެން މިހާރު އެއްވެސް ހުރަހެއްނެތި އެބޭފުޅުންނަށް ކުރިއަށް ދެވާނެއެވެ.

ހޫދު ވިދާޅުވީ ނިމިގެން މިދާ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. "މި ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުންވަނީ ވަރަށްގިނަ މުހިންމު މަސައްކަތްތަކެއް ފަށައިފައި. އެ މަސައްކަތްތަކުން ވަނީ ރަނގަޅު އެދެވޭ ނަތީޖާތަކެއް ވެސް ނެރެވިފައި،" އޭނާ ވިދާޅުވިއެވެ. ކޯޓުތަކަށް މިނިވަންކަން ލިބުމަކީ ވެސް އޭގެތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް މިއަދު އެންމެ ފަޚުރުވެރިވާ އެއްކަމަކީ ރާއްޖޭގައި ދަރިވަރުން ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ނިޔަލަށް ފަސް ހާހާ ގާތްކުރާ އަދަދަކަށް ކުދިންވަނީ އެކި ޔުނިވަރުސިޓީތަކުގައި އެންރޯލްކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ހޫދު ވިދާޅުވީ މިސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބު ކަމަށެވެ. ރާއްޖޭގެ 112 ސްކޫލެއްގައި ކޮންމެދުވަހަކު 55 ހާހަށްވުރެ ގިނަކުދިން ހެނދުނުގެ ނާސްތާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހަމަ އެފަދައިން ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ކުދިންނަށް، މަތީތައުލީމް ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ސްޓޫޑެންޓް ލޯނު ލިބޭނެ އިންތިޒާމް ތަންކޮޅެއް ލުއިގޮތަކަށް ހަމަޖެހިގެން ދިޔަކަން ވެސް ފާހަގަކޮށްލަން. ފާއިތުވި އަހަރުތަކަށްވުރެ ގިނައިން މިއަހަރު ސްކޮލަޝިޕްތައް ދޫކުރެވިފައިވާކަން ވެސް ފާހަގަކުރަން،" ހޫދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.