ލ. އަތޮޅު އިސްދޫ ސްކޫލާއި ފުވައްމުލަކު ސިޓީ އެމްޖޭއެސްގައި މަލްޓި ޕަރޕަސް ހޯލު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އިމާރާތް ވެސް އެޅުމަށް ހަމަޖެހިފައިވަނީ ދެ ބުރިއަށެވެ. މިއީ ޕީއެސްއަޕީ ގެ ދަށުން ކުރިއަށް ގެންދާ ދެ މަޝްރޫއެވެ.
މި މަސައްކަތް މިއަދު ހަވާކުރައްވާފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑަށެވެ. އެފަރާތުން ލ.އިސްދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލެއް 2 ބުރި އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވާ އަގަކީ ހަ މިލިއަން ހަލައްކަ އަށްޑިހަ ހަތަރު ހާސް ނުވަދިހަ ހަތް ރުފިޔާ ތިރީސް ފަސް ލާރިއެވެ. އަދި ފުވައްމުލައް ސިޓީ، އެމް.ޖޭ.އެސް މަލްޓި ޕަރޕަސް ހޯލް 2 ބުރި އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވަނީ ހަމިލިއަން ނުވަލައްކަ ސާޅީސް ހާސް އަށްސަތޭކަ ބާވީސް ރުފިޔާ ނަވާވީސް ލާރިއެވެ. މި ދެ މަސައްކަތް 210 ދުވަސްތެރޭގައި ނިންމައިދޭން އެކުންފުނިން ވަނީ އެއްބަސްވެފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝަމީމެވެ.