
އެމެރިކާގެ ވާޖީނިޔާ ސްޓޭޓްގެ އިންޓަ-ސްޓޭޓް ހައިވޭއެއްގައި އެތައް އުޅަނދެއް ހިމެނޭ ބިޔަ އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓުގައި 69 އުޅަނދު ވަނީ އެކަތި އަނެއްކައްޗަށް ޖެހިފައެވެ. އަދި މި އެކްސިޑެންޓުގެ ސަބަބުން 51 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި ވެއެވެ.
ޔޯކް ކައުންޓީގެ ފަޔާ ޗީފް ސްޓީވް ކޮޕްޒިންސްކީ ވިދާޅުވިގޮތުގައި ޒަޚަމްވި މީހުންެގެ ތެރެއިން 2 މީހެއްގެ ހާލު ވަރަށް ދެރައިރު، 11 މީހަކަށް ވަނީ ސީރިޔަސް އަނިޔާތަކެއް ލިބިފައެވެ. އެއްވެސް މީހަކު މަރުވިކަމުގެ ޚަބަރު އަދި ލިބިފައި ނުވެއެވެ.

ފިނި މޫސުމުގެ ދުންފިނީގެ ސަބަބުން ދިމާވި ކަމަށް ބެލެވޭ މި އެކްސިޑެންޓަށް ފަހު އާއްމުވެފައިވާ ފޮޓޯތަކުން އެ ހައިވޭ ސިފަކުރެވެނީ ހަލާކުވެފައިވާ ކާރު އެެއްލާލާ ކުނިގޮނޑެއްހެނެވެ. ފުލުުހުން ބުނީ އެކްސިޑެންޓް ހިނގަން ދިމާވީ ސީދާ ކޮން ސަބަބުން ކަން ނޭނގުނު ނަމަވެސް، އެ ވަގުތަކީ ދުންފިނި ގަދަ ވަގުތެކެވެ. އަދި އެކްސިޑެންޓް ހިނގި ބުރިޖުމަތީގައި ވެސް އޮތީ އައިސް އުފެދިފައެވެ.
އިންޓަ-ސްޓޭޓް 64 ހައިވޭގައި ޔޯކް ކައުންޓީގައި ހިނގި މި އެކްސިޑެންޓްގެ ބާރުގަަދަކަމުން ބައެއް އުޅަނދުތައް ބުރިޖު މަތިން ވެއްޓިފައިވާ އިރު، ބައެއް އުޅަނދުތައްވަނީ މަތިމައްޗަށް އަރާފައެވެ. މީހުން ސަލާމަތް ކުރަން އައިމީހުންނަށްވެސް ޖެހުނީ އުޅަނދުތަކުގެ މަތިން ހިނގާށެވެ.
މި ބިޔަ އެކްސިޑެންޓުގައި ގިނަ އުޅަނދުތަކެއް ހަލާކުވެފައިވީ ނަމަވެސް، ބްރިޖަަށް ގެއްލުމެއް ލިބިފައި ނުވެއެވެ.