މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މި މަހު 18-20 އަށް ބޭއްވި އިސްލާމީ ގައުމުތަކުގެ ވެރިންނާއި، މުފައްކިރުންނާއި، ދީނީ އިލްމުވެރިންގެ ޖަލްސާގައި ޕާކިސްތާނުގެ އިތުރަށް މުސްލިމު ވަރަށް ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިނުގަންނަވައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނޭކަމަށް ކުރިން ވިދާޅުވިނަމަވެސް ފަހުވަގުތު ވަނީ ޖަލްސާއަށް ވަޑައިނުގަންނަވާގޮތަށް ނިންމަވާފައެވެ. އެކަން އޭނާ އެންގެވީ ބޮޑުވަޒީރު މަހާތީރު މުޙައްމަދަށް ފޯނުން ގުޅުއްވާފައެވެ.
ޖަލްސާއަށް ވަޑައި ނުގަތުމަށް ނިންމެވީ ހަމަކުއްލި ދަތުރުފުޅެއްގައި އެންމެ ދުވަހަކަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށްފަހު ގައެވެ.
މެލޭޝިޔާގައި 'ކުއަލަލަންޕޫރު ސަމިޓް' ގެ ނަމުގައި މެލޭޝިޔާއިން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ 2014 ވަނަ އަހަރުއެވެ. މިފަހަރުގެ ޖަލްސާގައި އިސްލާމީ 56 ގައުމެއްގެ މަންދޫބުންނާއި، އިސްލާމީ މުފައްކިރުންނާއި އިލްމުވެރިން ހިމެނޭ ގޮތަށް 450 މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ޢިމްރާންޚާން ޖަލްސާއަށް ވަޑައިނުގަތުމަށް ނިންމެވުމުން މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ޓީވީ ބަހުސްތަކުގައި ގައުމުގެ ވަރަށް މުހިއްމު ބޭބޭފުޅުން ވަނީ އެކަމަށް ނުރުހުންފާޅުކުރައްވާފައެވެ. އެއީ ސިޔާސީގޮތުން ޢިމްރާން އެޅުއްވި ޅައެއްޗެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވި ގޮތުގައި ޖަލްސާގައި ބައިވެރިވުމާމެދު ސަޢުދީ ޢަރަބިޔާ އާއި ޤަޠަރާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލެވޭތޯ ޕާކިސްތާނުން މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު ވަގުތު ނެތެމުގެ ސަބަބުން އެކަން ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އަދި އެންމެފަހުން ޕާކިސްތާނަށް ވެސް ޖެހުނީ ސަޢުދީ އަރަބިއާ އާއި ޔުނައިޓެޑް ޢަރަބި އެމެރޭޓްސްގެ ބަހަށް ހެއްލި ކުއަލަންޕޫރުގެ ޖަލްސާއަށް ބޮޑުވަޒީރު ޢިމްރާން ވަޑައިނުގަންނަވާ ގޮތަށް ނިންމަވައި ފާޑުކިއުންތަކާ ކުރިމަތިލައްވާށެވެ. އިސްލާމީ ގައުމެއްގެ ގޮތުގައި އޮވެމެއެވެ.
މިފަހަރުގެ 'ކުއަލަލަންޕޫރު ސަމިޓް' ޖަލްސާއަކީ ގައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ އިތުރަށް މުސްލިމް އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއްކަމަށް އިސްލާމީ ގައުމުތަކުގެ އެންމެ ވަރުގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަހާތީރު މުޙައްމަދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ޖަލްސާގައި ވާކަދައްކަން ކަނޑައަޅާފައިވާ މުހިއްމު ދާއިރާތަކުގެތެރޭގައި މުސްލިމް ގައުމުތަކުގެ އިންސާފާއި މިނިވަންކަމާއި ސަލާމަތީކަންތައްތަކާއި ސަގާފަތާއި ފަގީރުކަން ހިމެނެއެވެ.
މަހާތީރު ކޮންމެ އެއްޗެއް ވިދާޅުވިނަމަވެސް ސަޢޫދީ ޢަރިބިއްޔާ އާއި އެގައުމުގެ ވަލީޢަހު މުޙައްމަދުބިން ސަލްމާނަށް ތަބާވާ އިސްލާމީ ގައުމުތަކުން، އެގައުމުތަކުގެ ވެރިން ކުއަލަލަންޕޫރުގެ ޖަލްސާއަށް ފޮނުވާކަށް ބޭނުމެއްނުވިއެވެ.
އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގެ މައްސަލާގައި ތުރުކީއާއި މެލޭޝިޔާއާއި އީރާނަކީ ޕާކިސްތާނުގެ ސިޔާސަތަށް ވަރަށް ބޮޑަށް ތާއިދުކުރާ ތިން ގައުމެވެ. އެކަމަކު ސަޢުދީ ޢަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކުން ކަޝްމީރުގެ މުސްލިމުންނަށް ހެއު ބަހެއް ނުބުނެ، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަރުވަމުން ގެންދަވަނީ ޝަރަފުގެ އިނާމުތަކެވެ.
ޕާކިސްތާނުގެ ސިޔާސީ ފާޑުކިއުންތެރިއެއްކަމުގައިވާ ޡަފަރު ޖަސްޕާލް ވިދާޅުވި ގޮތުގައި ޢިމްރާން ޚާން ކުއަލަލަންޕޫރު ޖަލްސާ ފަދަ މުހިއްމު ފޯރަމެއްގައި ބައިވެރިވެވަޑައިގެން ކަޝްމީރުގެ މައްސަލާގައި ވާހަކަފުޅުދެއްކެވިނަމަ އެ އަޑު ބައިނަލްއަގުވާމީ ފެންވަރުގައި އުފުލިގެންދާނެއެވެ.
"އެއްވެސް ގައުމެއް ވަކި ގްރޫޕެއްގެ ބައެއްގެ ގޮތުގައި އޮންނާކަށް ބޭނުމެއްނުވޭ. ޚާއްޞަކޮށް ޕާކިސްތާން ފަދަ، އެހެން ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުބައި ވިސްނުން ނައްތާލަން މަސައްކަތް ކުރަމުންދާ ގައުމަކުން އެ ގޮތް ބޭނުމެއް ނުވާނެ." ޖަސްޕާލް ވިދާޅުވިއެވެ.
ކުއާލަލަންޕޫރުގެ ޖަލްސާގައި އިސްލާމީ 20 ގައުމުގެ އިސް މަންދޫބުން ބައިވެރިވެޑައިގަތްއިރު 4 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެނެވިއެވެ. އޭގެތެރޭގައި ތުރުކީ ފަދަ ވަރުގަދަ އިސްލާމީ ފަސް ގައުމެއްގެ ވެރިން ހިމެނިވަޑައިގަންނަވައެވެ. އެއީ އާބާދީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ހުނިޖަހާލެވޭ ގައުމުތަކެވެ. އެ ގައުމުތަކާ ބަދަހި ގުޅުމެއް ބޭއްވުމަކީ ޕާކިސްތާނަށް ފައިދާހުރިކަމެކެވެ. އެކަމަކު ތުރުކީއާއި އީރާނާއި ޤަޠަރުގެ ވެރިންނާ އެއްތަންވުމަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީޢަހުދަށް ކުޅަދާނަފުޅު ކަމަކަށް ނުވާނެއެވެ.
ޢިމްރާން ޚާނަށް ބޮޑު ވަޒީރުކަން ލިބިވަޑައިގެންނެވިފަހުން އަދި އޭގެ ކުރިން ވެސް ސަޢޫދީ ޢަރަބިޔާ އާއި ޔޫއޭއީއަކީ ޕާކިސްތާނަށް އިގުތިސާދީ ގޮތުން ބޮޑެތި އެހީތަކެއް ވަމުންދާ ދެ ގައުމެވެ. އަދި އެ ދެ ގައުމުގެ އެކުވެރިންނާ ވެސް ޕާކިސްތާނުން ވަނީ ގާތްގުޅުމެއް އުފައްދަވާފައެވެ. ކަން އެހެން އޮތުމުން އެ ގައުމުތަކުގެ އެދުމަށް ޢިމްރާން ޚާނަށް ފުރަގަސްދެއްވޭކަށް ވެސް ނެތެވެ.
ޕާކިސްތާން ސަރުކާރުގެ ތަރުޖަމާނު ފިރުދައުސް ޢާޝިޤް ވިދާޅުވިގޮތުގައި ޕާކިސްތާނުން ބަލަނީ އިސްލާމީ ވަކި ގައުމެއްގެ ފައިދާއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިސްލާމީ ގައުމުތަކުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ.
"އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ޕާކިސްތާނުން ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން." ޑރ. ފިރުދައުސް ވިދާޅުވިއެވެ.
ބޮޑުވަޒީރު ޢިމްރާން ޚާނާއި ތަރުޖަމާނު ފިރުދައުސް ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް ޢިމްރާން ޚާން ހުންނެވީ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާންގެ ސިޔާސީ ކުޑައިގެދަށުގައިކަން މުޅިދުނިޔެއަށް އެބަ އެނގެއެވެ. އަދި ވަލީ ޢަހުދުގެ ސިޔާސަތާ ހެދި މުސްލިމް އުއްމަތަށް ގުޑުން އަރަމުންދާކަން ވެސް މުޅި ދުނިޔެއަށް އެބަ އެނގެއެވެ. އެކަމާ އެންމެ ބޮޑަށް އުފައު ކުރަމުން ދަނީ މުސްލިމުންގެ ދުޝްމަނުންނެވެ.