ރައީސު ޓްރަމްޕް އަޒުލުުކުރަންޖެހޭ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ނިންމައިފި

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރައްވާފައިވާތީއާއި، ކޮންގްރެސް (ގާނޫނުހަދާ މަޖިލިސް) ގެ މަސައްކަތަށް ހުރަސްއަޅުއްވާފައިވާތީ އޭނާ މަގާމުން އަޒުލުކުރަންޖެހޭ ކަމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވެސް އިން ނިންމައިިފިއެވެ.

ހަގަޑި އިރަށް ދެމިގެން ދިޔަ ބަހުސަކަށް ފަހު، ދެ މައްސަލައިގައި ވަކިވަކިން ނެގި ދެ ވޯޓުގައި ރައީސު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއާއި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވޯޓުދެއްވާފައިވަނީ ޕާޓީގެ ވިސްނުމާ އެއްގޮތަށެވެ. ރައީސު ޓްރަމްޕް އަޒުލުކުރަން ޖެހޭ ކަމަށް ވޯޓު ދެއްވީ ޑިމޮކްރެޓިކް ޕާޓީގެ 230 މެންބަރުންނެވެ. އަދި އަޒުލުުކުރުމާ ދެކޮޅަށް ވޯޓުދެއްވީ ރިޕަބްލިކަން ޕާޓީގެ 197 މެންބަރުންނެވެ.

ރައީސު ޑޮނާލްޑް ޓްރަމްޕް  ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެނެސްކީގެ އަރިހުން އެމެރިކާގެ ދާޚިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރާ ފަދަ ކަމެއް ކުރެއްވުމަށް އެދިވަޑައިގެން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވާފައިވާކަމަށާއި، އެކަން ހައުސް  އޮފް ރެޕްރެޒެންޓެޓިވްސް ތަހުގީގުކުރަން އުޅުމުން ރަައީސު ޓްރަމްޕް އެކަމަށް ހުރަސްއެޅުއްވި ކަމަށް ޑިމްކްރެޓިކް ޕާޓީން ތުހުމަތުކުރެއެވެ.

މިވޯޓާއެކު ރައީސު ޓްރަމްޕް ވެވަޑަގެންފައިވަނީ އަޒުލުކުރަން ޖެހޭ ކަމަށް އެމެރިކާގެ ތާރީޚުގައި ކަނޑައެޅުނު ތިން ވަނަ ރަައީސު ކަމުގައެވެ. މި ގޮތަށް ނިންމި ނަަމަވެސް ކުރީގެ ދެ ރައީސުންވެސް އަޒުލުުކުރެވިފައި ނުވެއެވެ. 1968 ވަނަ އަހަރު އޭރުގެ ރައީސު އެންޑްރޫ ޖޮންސަން، ވެރިކަން ކުރަންޖެހޭ ގޮތުގެ ގާނޫނާ ޚިލާފުވެވަޑައިގެންފައިވާތީ އޭނާ އަޒުލުކުރަންޖެހޭ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވެސް އިން ނިންމިއެވެ. އެހެންނަމަވެސް ސެނެޓުން ނިންމީ އަޒުލުކުރަން ނުޖެހޭ ކަމަށެވެ. 1988 ވަނަ އަހަރު އޭރުގެ ރައީސު ބިލް ކްލިންޓަން ތަހުގީގަށް އިތުރުފުޅު ހައްދަވާފައިވާތީއާއި، އިންސާފު ގާއިމުކުރުމަށް ހުރަސްއަޅުއްވާފައިވާތީއާއި، ނަހަމަގޮތުގައި ބާރުގެ ބޭނުންކުރައްވާފައިވާތީ، އޭނާ އަޒުލުކުރަންޖެހޭ ކަމަށް ހައުސް  އޮފް ރެޕްރެޒެންޓެޓިވްސް އިން ނިންމިއެވެ. އެހެންނަމަވެެސް، ސެެނެޓުގެ ތަހުގީގަށް ފަހު ނެގި ވޯޓުން ކްލިންޓަން ސަލާމަތްވެވަޑައިގަތެވެ.

ރައީސު ޓްރަމްޕްވެސް އަޒުލުކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިހާތަނަށް މިިމައްސަލައިގައި މެންބަރުންގެ ޚިޔާލުހުރީ ޕާޓީގެ ވިސްނުމާ އެއްގޮތަށެވެ. ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ މަތީ ގެ، ސެނެޓުގައި އަޣުލަބިއްޔަތު އޮތީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންކަމުން، އެ ވޯޓުން ރައީސު ޓްރަމްޕް ސަލާމަތްވެވަޑައިގަންނަވާނެއެވެ. ރައިސު އަޒުލުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބިގެންކަމަށް ވާތީއެވެ.

އަޒުލުކުރުމުގެ ވޯޓާ ދިމާކޮށް ރައީސު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް އެކަމާ ނުރުހުން ފާޅުކުރައްވައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސު ނޭންސީ ޕެލޯސީއަށް ހަ ސަފުހާގެ ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި އޭނާ ތުުހުމަތުކުރެއްވި ގޮތުގައި އޭނާ އަޒުލުކުރުމަށް ކުރެވޭ މަސައްކަތަކީ "އެމެރިކާގެ ޑިމޮކްރަސީއަށް ދެވޭ ހަމަލާއެކެވެ."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.