ޤުރުއާން ހިތު ދަސްކުރުމަށް މަރިޔަމް ވަނީ ފަސްފަހަރު ޤުރުއާން ލިޔެފައި

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މަރިޔަމް މާހު ހަމީދާއި އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ބައްދަލު ކުރައްވައިފިއެވެ.

ޅ. ނައިފަރަށް އުފަން މަރިޔަމްގެ މަންމަ ބުނެފައިވަނީ މަރިޔަމް ޤުރުއާން ހިތުދަސް ކޮށްފައިވަނީ ލިޔެގެން ކަމަށެވެ. އެއީ އޭނާއަށް ދަސްކުރަން ފަސޭހަވި ގޮތް ކަމަށް އޭނާ ބުންޏެވެ. ޤުރުއާން ހިތު ދަސްކުރުމަށްޓަކައި މަރިޔަމްވަނީ  ޤުރުއާން ފަސް ފަހަރު އޭނާގެ އަމިއްލަ އަތުން ލިޔެފައި ކަމަށް ވެސް އޭނާ މަންމަ ބުންނެވެ.

މަރިޔަމަކީ ޚާއްސަ އެއްހީއަށް ބޭނުންވާ ޒުވާނެކެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި އެންމެ ތުއްތުއިރުން ފެށިގެން އޭނާ ޤުރުއާން ކިޔަވައެވެ.

އިސްލާމިކް މިނިސްޓަރ މިއަދު މަރިޔަމް އާ ބައްދަލުކުރެއްވީ ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. އޭނާއާ ބައްދަލު ކުރައްވައި މިނިސްޓަރވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ޤުރުއާން ހިތު ދަސްކުރުމުގެ އަގުވަޒަން ކުރުމަށްޓަކައި މިނިސްޓަރވަނީ މަރިޔަމަށް ހަދިޔާވެސް ދެއްވާފައެވެ. މަރްޔަމް އާއި މަރްޔަމްގެ މަންމައާއި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެގޮތްތައް ފަހިކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ޤުރުއާން ހިތުދަސްކުރުމަށްފަހު އަބަދުވެސް މުރާޖަޢާ ކުރަންޖެހޭނެ ކަމަށާއި، އެކަން އަބަދުވެސްކުރުމަށް މަރްޔަމްއަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޤުރުއާން ހިތުދަސްކުރި ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. މިފަދަ ބުރަމަސައްކަތް ކުރާފަރާއްތަކަށް ދެވޭ އިނާމު ކުޑައީ ކީއްވެ؟ ގައިމު ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ މީހުންނާއި ދެތެރޭ ކަންކުރަނީ ހާދަ ރަނގަޅަށޭ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.