
ފުވައްމުލަކު ސިޓީގައި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އެޚިދުމަތް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ މިއަދު ހަވީރުއެވެ.
މި ޚިދުމަތް ފަށްޓަވައި ދެއްވުމުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހުންމުވާ ކަންކަން ފަހިކޮށް ދެއްވުމަށް ސަރުކާރުން އަބްދުވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމަށް ވަރަށްބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުން ޚީދުމަތް ހޯދުމަށް އަންނަ މީހުންނާ އަބަދުވެސް ހުނިތުންވުމާއެކު މުއާމަލާތް ކުރަންޖެހޭ ކަމަށެވެ. އެއާއެކު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެންމެހާ މުވައްޒަފުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެ ހޮސްޕިޓަލުގައި މިއަދު އިފްތިތާޙްކުރި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ހެދޭނެއެވެ. މި ރަސްމިއްޔާތަށްފަހު އެމަނިކުފާނުވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފައެވެ. އަދި ފުވައްމުލަކުގެ މަގުހަދާ ސަރަޙައްދަށް ވެސް އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވައި އެމަސައްކަތް ބައްލަވާލައްވައިފައެވެ.