ގެސްޓްހައުސް އިންސްޕެކްޝަނަށް ޚަރަދުކުރަންޖެހޭ ފައިސާ ކަނޑާލައިފި

ރާއްޖޭގެ ދުރު ސަރަހައްދުތަކުގައި ގެސްޓްހައުސްއެއް އަޅައި ނިމުމަށްފަހު އިންސްޕެކްޝަނަށް ޚަރަދުކުރަންޖެހޭ ފައިސާ އިއްޔެއިން ފެށިގެން ކަނޑާލައިފި ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސްއެއް އެޅުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމުން އެތަން އިންސްޕެކްޓް ކުރަން އެ ނިސްޓްރީގެ ޝެޑިއުލެއް އެ ހޯދުނުގޮތަކަށް ހޯދައިގެން މީހަކު ގެންގޮސް އެ ގެސްޓްހައުސް ހުޅުވޭ ހިސާބަށްދާއިރު ގާތްގަނޑަކަށް ބައިލައްކައެއްހާ ރުފިޔާ ގެސްޓް ހައުސް ހަދަން ދިޔަ ޚަރަދުގެ އިތުރަށް އެމީހާއަތުންދުވާ ކަމަށެވެ.  "ފުރަތަމަ އިންސްޕެކްޝަނުން ފޭލްވެއްޖަނަމަ އަނެއްކާ އަނެއް އިންސްޕެކްޝަނެއް ހަދަންޖެހޭ. އަޅުގަނޑުމެންދުށީ މިއީ މިގޮތަށް އޮތުން ކޮންމެހެން މުހިންމުކަމެއް ނޫންކަމަށް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިތްވަރުދެނީ ރައްޔިތުން މުއްސަނދި ކުރުވަން ރައްޔިތުން ބާރުވެރިކުރުވަން. އެހެންވީމާ ﷲ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން ރާއްޖޭގެ ރަށްރަށުގައި ގެސްޓުހައުސްއެއް އަޅަންއުޅޭ މީހަކު އިތުރަށް އެބައިލައްކަ ރުފިޔާ އިތުރަށް އެމީހާގެ ފޯކާސްޓަށް ލާކަށް ނުޖެހޭނެ. އެބައިލައްކަ ރުފިޔާ މިއަދުން ފެށިގެން އަޅުގަނޑުމެން މިކަނޑާލީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ގެސްޓުހައުސްތައް ހުރިރަށްތަކާއި ގެސްޓްހައުސްތައް އަންނަންހުރި ރަށްތަކާއި އެރަށްރަށުގައި އިންވެސްޓކުރަން ތިބި ފަރާތަކަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްވަރަކާއި ބާރުވެރިކަމަކަށްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އެމަނިކުފާނު ވިދާޅުވީ ޤައުމުގައި ހުންނަ މިކަހަލަ ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ގައުމުގެ އިދާރާތައް ވަރުގަދަވާންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފާއިތުވި އެއްހަރުގެ ތަޖުރިބާއަށް ބަލާއިރު ކަންކަމުގެ ޙައްލަކީ ކަންކަން ލާމަރުކަޒުކޮށް ބާރުތައް ދޫކޮށްލުން ކަމަށެވެ. ބާރުތައް ދޫކުރުމުގެ މާނައަކީ މާލީގޮތުންނާއި މައުނަވީގޮތުން ވެސް އެބާރުތައް ދޫކޮށްލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީސް ހިނގެވުމުގައި ވެސް ގެންގުޅުއްވަނީ އެ އުސޫލް. ބާރުތައްވަނީ ދޫކުރައްވާފައި އެމީހަކު ކުރަން އެމީހަކަށް މެންޑޭޓުކުރެވިފައި އޮތްކަމެއް އެމީހަކު އެކްސަސައިޒް ކުރުމުގައި އެމީހެއްގެ ޤާބިލިއްޔަތާއި ލަޔާގަތް ތަންދިން މިންވަރަކުން ކަން ކުރަންވަނީ ދޫކޮށްފައި،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

އިއްޔެ ނިމިގެންދިޔަ ކައުންސިލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައިވަނީ އެފަރާތްތަކަށް ތަފާތު މަޢުލޫމާތު ދެވިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ތަފާތު މަޢުލޫމާތުތަކެއް ކައުންސިލްގެ އިދާރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ލިބިގެންދިޔުމަކީ އުފާކުރައްވާ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިއްޔެގެ ތަމްރީން ޕްރޮގްރާމުގައިވަނީ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރާނެ ގޮތްތައް ދަސްކޮށްދީފައެވެ.  އޭގެ އިތުރަށް ރަށްރަށުގައި ޓްރެވެލްއެޖެންސީތައް ގާއިމްކުރާއިރު އެކަން ކުރާނެގޮތުގެ މަގުތައް ވެސް މިހާރުވާނީ ތަނަވަސްކޮށްދީފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރަށް ލޭންޑުޔޫސް ޕްލޭން ހަދާނެ ގޮތް ވެސް އިއްޔެގެ ޕްރޮގްރާމުގައި ދަސްކޮށްދެވިފައިވާނެ ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.