
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް - 3 އިފްތިތާހް ކޮށްފިއެވެ.
ސެންޓްރަލް އޭރިއާ ހެޑްކުއޯޓަރޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް އިފްތިތާހުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސްކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ސަރވިސް ސަޕޯޓް ކޮމްޕޯނަންޓެއް އުފެދުމާއެކު، އެ އޭރިއާގައި އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، ސިގްނަލްސް، އަދި ކުއޯޓަރމާސްޓަރ ސަރވިސް އިން ދެމުންގެންދާ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.
މިއީ މިއަހަރު ސިފައިންގެ އަހަރީ ދުވަހު، ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިހު، ނެރެދެއްވި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓަރިން" ގެ ދަށުން ގެންނަމުންދާ ބަދަލެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުވެ އިންތިޒާމުތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސެންޓްރަލް އޭރިއާގައި، ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް – 3 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި އޭރިއާގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.